އޮފްބީޓް

ގުދުރަތީ "ސުވިމިން ޕޫލް" އާއެކު ފުވައްމުލައް ހެވިފައި!

  • ބިއްސާވެލި އުފެދުނީ ގިނަ ދުވަސްތަކަށް ފަހު
  • ގުދުރަތީ މި އަޖައިބު ފެންނާނީ ހަމައެކަނި ފުވައްމުލަކުން
  • ތިން ވައްތަރެއްގެ ބިއްސާވެލި އުފެދޭ

ފުވައްމުލަކު ރައްޔިތުން ނަށް މި ދުވަސްވަރު ހާއްސަ އެވެ. ސަބަބަކީ އެ ރަށުގެ ތޫނޑުން ފެންނާނެ އެންމެ އަޖައިބުކުރުވަނި މަންޒަރު ފެންމަތިވުމެވެ. ފުވައްމުލަކު ތުނޑީގައި ދުވަސް ގަނޑަކަށް ފަހު އަނެއްކާ ވެސް "ބިއްސާވެލި" އުފެދުނީ އެވެ. މި ފަހަރު އުފެދުނު ބިއްސާވެލި "ގުދުރަތީ ސުވިމިން ޕޫލާ" އެކު މުޅި ފުވައްމުލަކު އޮތީ އުފަލުން ފޮޅިފަ އެވެ.

"މިއީ ވަރަށް ވަރަށް ހާއްސަ ކަމެއް. ރާއްޖޭގެ އެހެން ހިސާބަކު ބިއްސާވެލި އުފެދޭ ކަމެއް ނޭނގެ. އެހެންވެ ގިނަ ބަޔަކު ގޮސް އެ ތަނަށް އެރި އުޅޭ،" މުވައްމުލަކު ފުނާޑު ކައުންސިލްގެ ރައީސް އަލީ ވަސީމް "އަވަސް" އަށް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް އެންމެ އަޖައިބު ކުރުވަނީ ތުނޑިން މިހާރު ފެންނަނީ އިތުރު ޝައުގުވެރި ކަމަށެވެ. ތުނޑީގައި ދެ ފެންގަނޑު މި އޮތީ އުފެދިފަ އެވެ. ލޮނު ފެނުގެ މި ހިތްގައިމު "ޕޫލްތައް" އުފެދުމާއެކު އެ ރަށު މީހުން އެތަނަށް އެރި ހަމަ ފަތަނީ އެވެ.

"ވަރަށް އުފާވެއްޖެ. ވަރަށް ދުވަސްވެއްޖެ ބިއްސާވެލި ނުއުފެދޭތާ. އެހެންވެ ކޮންމެ ދުވަހަކު އެ ތަނަށް އެރެން ކުދިން ގޮސް އުޅޭ،" ބިއްސާވެލީގެ "ޕޫލަށް" އިއްޔެ ދިޔަ ފުވައްމުލަކު ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ބިއްސާވެލި: ފުވައްމުލަކަށް ހާއްސަ

ގުދުރަތީ އަޖައިބުން ފުރިގެންވާ މި ބަދަލު ފުވައްމުލަކު ތުނޑިއަށް ނާންނަތާ ލައްކަ ޒަމާން ވެއްޖެ އެވެ. ބިއްސާވެއްޔަކީ ފުވައްމުލަކު ތުނޑީގައި އުފެދޭ ފުންގަނޑެކެވެ. އެތަން އަލަށް ފެންނަ މީހަކަށް ސިފަވާނީ ސުވިމިން ޕޫލެއްގެ ސިފައިގަ އެވެ. މި ގޮތުން ބިއްސާވެލި ތިން ގޮތަކަށް އުފެދެ އެވެ. އެއީ ކަނޑު ބިއްސާވެއްޔާއި ފަރު ބިއްސާވެލި، އަދި ވެލި ބިއްސާވެއްޔެވެ.

ފުނާޑު ކައުންސިލްގެ ރައީސް ވަސީމް ވިދާޅުވި ގޮތުގައި ކަނޑު ބިއްސާވެއްޔާއި ފަރު ބިއްސާވެލި ތުނޑީގައި ނުއުފެދޭތާ ދުވަސްވެއްޖެ ކަމަށެވެ.

"ކަނޑު ބިއްސާވެލި އަދި ފަރު ބިއްސާވެލި ނުއުފެދެނީ ތުނޑިން ވެލި ނަގާތީ ކަމަށް ވެސް ވެދާނެ،" ވަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަނޑު ބިއްސާވެލި އުފެދިފައި ހުންނައިރު، ފެންނާނީ ކަނޑު އޮންނަ ގޮތަށް ނޫކުލައިގައި ކަމަށެވެ.

"މަސް ވެސް ބެދިފައި ހުރޭ އެތަނުގައި. ފަރު ބިއްސާވެލި ހުންނައިރު ފެންނާނީ ފަރުމަތި އޮންނަ ގޮތަށް،" ވަސީމް ވިދާޅުވި އެވެ.

ފުވައްމުލަކު ތުނޑީގައި އުފެދޭ ގުދުރަތީ "ސުވިމިން ޕޫލް" ބިއްސާވެލީގެ ފުންމިނުގައި ދޮޅު ފޫޓު ވަރު ހުރެ އެވެ. އަދި ބައެއް ފަހަރު އެއަށްވުރެވެސް ފުންގަނޑު އުފެދޭ ކަމަށްވެ އެވެ. މިގޮތުން އުފެދޭ ބިއްސާވެލީގައި ބައެއް ފަހަރު މަސް ބެދިފައި ހުރެ އެވެ.

ކޮންމެއަކަސް ފުވައްމުލަކު ތުނޑީގައި އުފެދޭ ބިއްސާވެލި ނުވަތަ "ގުދުރަތީ ސުވިމިން ޕޫލަކީ" އެ ރަށަށް ވަރަށް ހާއްސަ ކަމެކެވެ. އެ ދުވަސްވަރު މިއޮތީ ފުވައްމުލަކަށް ލައްވާލާފަ އެވެ. ބިއްސާވެލީގެ އުފަލުގައި ފުވައްމުލަކު މިހާރު އެ އޮތީ އުފަލުން ފޮޅިފަ އެވެ.