ކްރިމިނަލް ކޯޓް

އަނަސްގެ މަރު: ދެން އޮތީ ދިފާއީ ހެކިބަސް ނެގުން

އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދެން އޮންނާނީ ދިފާއީ ހެކިން ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނެގުން ކަމަށް ޝަރީއަތުން ބުނެފި އެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިންތަކެއް ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރިވެފަ އެވެ. މިމައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ނޫން ހަތަރު ހެކިންގެ ހެކިބަސް ވަނީ ނަގާފަ އެވެ. އޭގެ ފަހުން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ނުވަ ހެކިންގެ ތެރެއިން އެކަކަށް ބިރުދައްކާ ނުފޫޒު ފޯރުވައިފައިވާ ކަމަށް ދައުލަތުން މީގެ ކުރީގެ އަޑުއެހުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ދެން ތިބި ހެކިވެރިން ވެސް ކޯޓަށް ހާޒިރުވާން އިންކާރުކޮށްފައިވާތީ އޭރު މައްސަލަ ބެއްލެވި ގާޒީ، މުހައްމަދު ސަމީރު ވަނީ މައްސަލަ ނިންމާއިރު އެމީހުން ތަހުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތް ކުރައްވަން ނިންމަވާފަ އެވެ. އެ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.

އަށް މަސް ފަހުން މިއަދު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، ތިން ވަނަ ފަހަރަށް ގާޒީ ވަނީ ބަދަލުވެފަ އެވެ. މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ. ދިފާއީ ހެކިވެރިންގެ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ކޯޓާ ހިއްސާ ކުރެއްވުމަށް ދިފާއީ ވަކީލުންގެ އަރިހުން ގާޒީ ވަނީ އެދިވަޑައިގެންފަ އެވެ. އަދި މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ ވަކީލުންނާއި ދައުވާ ލިބޭ މީހުންގެ ޝަކުވާތައް އެއްސެވުމަށްފަހު މައްސަލަ ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ބަންދު މުރާޖައާ ނުކުރާތީ ދިފާއީ ވަކީލުން ޝަކުވާ ކުރެއްވުމުން، އެކަން ވެސް ވަކީލުން ފޯމު ހުށަހެޅުއްވުމުން ކޮށްދެއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ޖުނައިހު އަބްދުﷲގެ ފަރާތުން މިއަދު ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާކޮށްފަ އެވެ. އޭނާގެ އެއް ލޮލުގެ ފެނުން ވަރަށް ބޮޑަށް ގެއްލިފައިވާތީ މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ދެއްކުމުން އިންޑިއާއަށް ދިއުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ބަންދުގައި ހުރެގެން މީގެ ކުރިން ވެސް ރާއްޖެއިން ބޭރަށް ގޮސް ސާޖަރީއެއް ހަދައިފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ގާޒީ ވިދާޅުވެފައި ވަނީ އެކަން އޮންނަ އުސޫލުގެ ތެރެއިން ކޮށްދޭނެ ކަމަށެވެ. އެގޮތުން ދައުލަތުން އަދި ކަރެކްޝަނަލް ސާވިސަސް އިން އެދޭނަމަ ކޯޓުން އެކަމަށް ހުއްދަ ދޭނެ ކަމަށެވެ.

ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހަށެވެ. އެދުވަހު ހެނދުނު 9:00 ގައި ޝަރީއަތުގެ އަޑުއެހުން ފަށައި ހުރިހާ ދިފާއީ ހެކިންގެ ހެކިބަސް ނަގައި ނިންމައިލާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.