ކްރިމިނަލް ކޯޓް

ޖައިލަމްގެ މަރު: ހެކިން ހާޒިރެއް ނުކުރެވުނު، މައްސަލަ ނިންމަނީ

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރުގެ މަރާލި މައްސަލާގައި ދައުލަތުގެ ހެކިން ހާޒިރު ނުކުރެވި އަހަރުތަކެއް ވެފައިވާތީ، އެ ހެކިވެރިންގެ ހެކިބަސް ނުނަގައި މައްސަލަ ނިންމަން ގާޒީ އިސްމާއީލް ޝަފީއު ނިންމަވައިފި އެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، ނަސީބު ސައީދާއި، ވ. ސިނަމާލެ، އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާ ގުޅިގެން ދެން މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށެވެ. ގާޒީ ނިންމަވާފައި ވަނީ މައްސަލަ ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށެވެ. މި މައްސަލަ ހުއްޓިފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ކޯޓަށް ހާޒިރުނުކުރެވިގެންނެވެ. އެމީހުން ދެން ކޯޓަށް ހާޒިރު ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ހެކިވެރިން ހާޒިރުކުރެވިފައި ނުވާތީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިންނާ ބެހޭ ގޮތުން ވާހަކަދެއްކުމަށްފަހު ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެއް ބޭއްވުމަށް ދިފާއީ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަށް ދައުލަތުން އިއުތުރާޒްކޮށްފައެއް ނުވެ އެވެ. އެހެންކަމުން ގާޒީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިންނާ ބެހޭގޮތުން ވާހަކަދެއްކުމަށް ފަހު ހުލާސާ ބަޔާން އިއްވުމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން އަށް ސިއްރު ހެކިން ހުށަހެޅި އެވެ. އޭގެތެރެއިން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުނީ އެންމެ ދެ ހެކިންގެ ހެކިބަހެވެ.

މި މައްސަލައިގައި ހެކިންނާ ބެހޭގޮތުން ވާހަކަދެއްކުމާއި އަދި ހުލާސާ ބަޔާން އިއްވުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އަންނަ އަހަރުގެ ކުރީކޮޅު މައްސަލައިގެ ހުކުމް އިއްވަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޖައިލަމް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެ ތިން މީހުންނާ އެކު ޖައިލަމް ކައިރިއަށް ދިޔަ ހުމައިދު ކަމަށެވެ. އަދި އެމީހާ ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ދައުވާގައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި، ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުވުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. ޖައިލަމް މަރުވީ އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.