އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ލިބިފައި ވަނީ ފުއްޕާމެޔާ ދިމާލަށް ކަމަށް ހެކިވެރިޔަކު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސީން އޮފް ކްރައިމްސް އޮފިސަރު އަޝްފާގް ހަސަންގެ ހެކިބަސް ނެގުމެވެ. އަޝްފާގަކީ އާގިލްގެ ހަށިގަނޑުގައި ހުރި ޒަހަމްތަކުގެ ފޮޓޯ ނަގައި، ލިބުނު އަނިޔާތަކުގެ ތަފްސީލީ ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާކުރަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމް އެވެ.
މި މައްސަލައިގައި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.
ހެކިބަސް ދެމުން އޮފިސަރު ބުނެފައިވަނީ އޭނާ އާގިލްގެ ހަށިގަނޑު ބަލައި ފާސްކޮށް ފޮޓޯ ނަގައިފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. ހަޑިގަނޑު ބަލައި ފާސްކުރިއިރު ބައެއް ސާމާނު ފެނިފައިވާ ކަމަށާއި އެކަމާ ގުޅޭ ތަފްސީލް އެނގޭނީ އެތަކެތި ތަހުލީލު ކުރި އޮފިސަރުންނަށް ކަމަށެވެ.
އާގިލްގެ ހަށިގަނޑަށް ލިބިފައިވާ އެންމެ ބޮޑު ޒަހަމްކަމަށް އޭނާއަށް ފެންނަނީ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސް ލިބިބިފައިވާ އަނިޔާ ކަމަށް ބުންޏެވެ. އިތުރު ބައެއް ތަފްސީލުތަކުގެ ތެރޭގައި ނޭފަތުގެ ވައަތު ހޮޔާ ދިމާލުން 2.5 އިންޗި މަށައިގެން ގޮސްފައިވާ ކަމަށާއި އަދި ވައަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ހެކިވެރިޔާ އިތުރަށް ބުނެފައިވަނީ އާގިލްގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތައް ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަން އެނގޭ ކަމަށެވެ. އެކަމަކު ސީދާ އަނިޔާ ދީފައިވަނީ ކޮން ވައްތަރެއްގެ ތޫނު އެއްޗަކުންކަން ބުނަން ނޭނގޭ ކަމަށެވެ.
ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި އިތުރު ހެކިވެރިންގެ ހެކިބަސް ނެގުމަށް ވެސް ތާވަލްކުރި އެވެ. އެކަމަކު ކޯޓަށް ހާޒިރުވީ އެންމެ ހެކިވެރިޔެކެވެ. އެހެންކަމުން ހާޒިރުވި ހެކިވެރިޔާގެ ހެކިބަސް ނެގުމަށްފަހު ގާޒީ އަލީ އާދަމް ޝަރީއަތުގެ މަޖިލިސް ނިންމަވައި ލެއްވީ އެވެ.
އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އާގިލް އަށް ހަމަލާދިނުމުން އޭނާ މަރުވެގެން ވެއްޓިފައި އޮތީ ޖުމްހޫރީ މައިދާނު ކައިރީ ޗާންދަނީ މަގަށްވާ ގޮތަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އޭޑީކޭގެ މެޑިކަލް ރިޕޯޓުން ހާމާވާ ގޮތުގައި އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ އެތެރެއިން ވަނީ ބޮޑު ބާގަނޑެއް އުފެދިފަ އެވެ. އަދި ފުއްޕާމޭގެ ވައަތް ފަޅި ހިނދި ފޫއަޅުވާލާފައި ވުމުން ހިތުގެ ބޭރު ފަށަލައަށް ގެއްލުން ލިބި ހިތަށް ވަނީ ލޭއެޅިފައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ފުއްޕާމޭގައި ފެން ހެދި ހަށިގަނޑުގެ އެކި ތަންތަނަށްވެސް ވަނީ ފެން ލީކުވެފަ އެވެ. އަދި މެއިން ފެށިގެން ކަރާ ހަމައަށް ބޮޑުތަނެއް ކަފައިގެން ގޮސްފައިވާއިރު އޭނާގެ ކޮނޑު ހުޅު ނެއްޓި މޭގެ ބައެއް ކަށިތައްވެސް ވަނީ ބިންދައިގެން ގޮސްފައި ކަމަށް ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން ވެސް އޭނާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭއެޅި ފުއްޕާމޭގެ ކަނައަތް ފަޅިއަށްވެސް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.