ރާއްޖެ ކުޅިވަރު

އަޑުބަރޭ އާއި މެސީ މާޒިޔާ އަށް

ނިއުރޭޑިއަންޓްގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އާއި އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އަންނަ ސީޒަނުގައި މާޒިޔާ އަށް ކުޅެން އެއްބަސްވެއްޖެ އެވެ.

މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި މާޒިޔާގެ ކުރީގެ ދެ ކުޅުންތެރިންނާއެކު އެކުލަބުން އެއްބަސްވުމަކަށް އައީ މިއަދު އެވެ.

އަޑުބަރޭ އާއި މެސީ މާޒިޔާ އަށް ސޮއިކުރި އިރު އެ ޓީމުގައި މި ސީޒަނުގައި ކުޅުނު މުހިންމު ގިނަ ކުޅުންތެރިން ވެސް ވަނީ ކޮންޓްރެކްޓްއާކޮށްފަ އެވެ.

އަންނަ ސީޒަނަށް މާޒިޔާ ވަރުގަދަ ކުރަން އެ ޓީމަށް އަޑުބަރޭ ގެނައިއިރު ނިއުއިން އޭނާ ދޫކޮށްލީ ކުޅުންތެރިޔާ ނިއުދޫކޮށްދާން ބޭނުންވުމުންނެވެ. އަދި މެސީ ވަނީ ސީޒަން ނިމުމުގެ ކުރިން އަންނަ އަހަރު އީގަލްސް އަށް ނުކުޅެން ނިންމައިފަ އެވެ.

އަޑުބަރޭ އަކީ ނިއުދޫކޮށް މި ސީޒަނަށް ފަހު ދިޔަ ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބުދުﷲ (ލިލީ) ވަނީ ޓީސީ އަށް ބަދަލުވެފަ އެވެ.

އަންނަ ސީޒަނަށް މިހާތަނަށް ފަސް ކުޅުންތެރިއަކު ވަނީ ކުލަބު ބަދަލުކުރިކަން ޔަގީންކޮށްދީފަ އެވެ. އަޑުބަރޭ އާއި ސެންޓޭ އަދި ލީލީ އާއި މެސީއަށްވުރެ ކުރިން މި ލިސްޓަށް އެންމެ ފުރަތަމަ އެރީ ޓީސީ ދޫކޮށް އީގަލްސް އަށް ބަދަލުވި އަހުމަދު ޒާދު އެވެ.

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ލީގު ނިންމާލީ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މާޒިޔާ މަސައްކަތް ފަށައިފައިވާއިރު އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާ އޮތީ ވަރުގަދަ ގްރޫޕެއްގަ އެވެ.