މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އަދަދު ކަނޑައެޅުމުގެ ގަވައިދަށް އަމަލުކުރަން ފަށައިފި

Dec 16, 2021

އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވައިދު ގެޒެޓްކޮށް އަމަލުކުރަން ފަށައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދަށް އަމަލުކުރަން ފެށީ މިއަދުން ފެށިގެންނެވެ.

ގަވައިދުގެ މަގުސަދަކީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެ ނޫންވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅައި ފަރާތްތަކުން، އަމަލުކުރަންޖެހޭ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހުގައި އެކަން ތަންފީޒު ކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކުރުމެވެ.

މި ގަވައިދު ހިންގާ އަދި އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ސަރައްދެއްގައި ނަމަ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އަދި ވަކިވަކި ރަށް ރަށާއި ސިޓީތަކުގައި ގަވައިދު ހިންގާނީ އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުންނެވެ. ގަވައިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައަޅައި އާންމުކޮށް ފެންނާނެހެން ޝާއިއުކޮށް އިއުލާންކުރަންޖެހެ އެވެ. މިގަވައިުގެ ދަށުން ކަނޑައަޅާ އަދަދާ އެއްގޮތަށް އަމަލުކުރަން ފަށަންޖެހޭނީ ކަނޑައަޅާ އަދަދު އިއުލާން ކުރާތާ މަދުވެގެން ހަމަސް ދުވަސް ފަހުންނެވެ.

މިގަވައިދުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި މީހުން ދިރިނޫޅޭ ރަށްރަށާއި ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނެ އަދަދު އަދި ވަކިވަކި ފަރުދުންގެ ނަމުގައްޔާއި ވިޔަފާރިއެއްގެ ނަމުގައި ނުވަތަ ކުންފުންޏެއްގެ ނަމުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނެ އެންމެ ގިނަ އަދަދު ކަނޑައަޅައި، ކޮންމެ ތަނަކަށް ވަކިން އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވެސް ވަކިން ކަނޑައަޅަން ޖެހެ އެވެ.

އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ އަސާސީ ކަންކަން

  • އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ މީހުންގެ އާބާދީ
  • އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އެއްގަމު އުޅަނދުގެ އާބާދީ
  • އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކާއި، ޕާކް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިން

އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ކުރިން އެފަދަ ކަމަކުން ނިކުމެދާނެ ނަތީޖާތައް ދެނެގަތުމަށްޓަކައި ކަމާ ގުޅޭ އެސެސްމަންޓެއް ހެދުމަށާއި އެ ސެސްމަންޓްގެ ނަތީޖާ އަށް ބިނާކުރުމަށް ގަވައިދުގައި ލާޒިމްކޮށްފައިވެ އެވެ.

ގަވައިދުގައިވާ ގޮތުން އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅަން ވާނީ އުޅަނދު އުފެއްދި ތާރީހުން ފެށިގެންނެވެ. އުޅަނދު ބޭނުންކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އެ އުޅަނދުގެ ވެރިފަރާތުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، އުޅަނދުގެ ރަޖިސްޓްރޭޝަނާ މެދުގައި އަމަލުކުރެވޭނެ އުސޫލުތައް، އަދަދު ކަނޑައަޅާ ފަރާތުން އެކުލަވާލައި، އެ އުސޫލުތައް އާންމުކޮށް އަންގާ އިއުލާން ވެސް ކުރަންޖެހެ އެވެ.

އުސޫލު އެކުލަވާލާއިރު އުޅަނދު ބޭނުންކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، އުޅަނދުގެ ރަޖިސްޓްރޭޝަން ވަގުތުން ބާތިލްކޮށް އުޅަނދު ނައްތާލުން ފަދަ އިޖުރާއަތުތައް ހިންގުމުގެ ކުރިން، އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ސިޓީ ނުވަތަ ސަރަހައްދު ފިޔަވާ، އެ ނޫން ތަނަކަށް ރީރަޖިސްޓާ ކުރުމަށް ނުވަތަ އުޅަނދު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް ނުވަތަ އެ ނޫންވެސް އުޅަނދުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމެއް ކުޑަކުރެވިދާނެ ފިޔަވަޅުތައް ހިމެނުމަށް އިސްކަން ދޭން ޖެހެ އެވެ.

މިގަވައިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު އަދަދު ކަނޑައަޅާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ އަދަދު، ކަނޑައަޅާ އަދަދުގައި ހިމެނުމަށް އިސްކަންދޭން ޖެހެ އެވެ.

އަދަދު ކަނޑައަޅާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުގެ އަދަދަކީ ކަނޑައެޅި އަދަދުގެ ނިސްބަތަށް ވުރެ އިތުރު އަދަދެއް ނަމަ، އަދަދު ކަނޑައެޅި ނިސްބަތް އެގޮތުގައި ހިފެހެއްޓުމުގެ ގޮތުން، ރީރަޖިސްޓްރޭޝަން ޕްރޮސެސް އެއްގެ ދަށުން އެ އުޅަނދުތައް އަދަދުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް އަދަދު ކަނޑައަޅާ ފަރާތުން އެކުލަވާލައި ރީރަޖިސްޓްރީ ކުރުމަށް އެކަށީގެންވާ ހަމަހަމަ ފުރުސަތާއި މުއްދަތު ދޭން ވާނެ ކަމަށް ގަވައިދުގައިވެ އެވެ.