ރާއްޖެ ކުޅިވަރު

ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް ހިލޭ ބަހަނީ

އިންޑިޔާގައި އަންނަ ހަފުތާގައި ފަށާ ސާފް ސުޒުކީ ކަޕުގެ ޓިކެޓް ހިލޭ ބަހަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން ބުނީ ރާއްޖޭގެ ޓީމަށް ލިބޭ ހުރިހާ ޓިކެޓެއް ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ގުޅިގެން ބަހަން ނިންމާފައިވާ ކަމަށެވެ.

ޑިސެމަބަރު 23 އިން ޖެނުއަރީ ތިނަކަށް ކުރިއަށްދާ މުބާރާތުގެ ޓިކެޓް ހިލޭ ބަހަން ނިންމީ ވިހާ ގިނަ ބަޔަކު ދަނޑަށް ވެއްދުމުގެ ގޮތުންނެވެ. އަދި މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރުކަމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު އިންޑިޔާ އަށް ދަތުރު ކުރަމުންދާތީވެ މެޗުތައް ބަލަން ވަދެވޭނެ އިންތިޒާމް ހަމަޖައްސަނީ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

ސާފް ސުޒުކީ ކަޕް ކުޅެނީ ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމުގަ އެވެ. މި ދަނޑަކީ 50000 މީހުންނަށް އެއްފަހަރާ ކުޅިބަލަން ވަދެވޭ ވަރުގެ ބޮޑު ސްޓޭޑިއަމެކެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބޫޓާނާއެކު ނުކުންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ޑިސެމްވަރު 26ގައި ކުޅޭނީ ބަނގްލަދޭޝްއާ އެވެ. އަދި 28 ގައި ކުޅޭނީ އަފްގާނިސްތާނާ އެވެ.

ރާއްޖެ މި މުބާރާތުގެ ތަށި ކާމިޔާބު ކުރީ 2008ގަ އެވެ. އެ ފަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަށް ގިނަ އަދަދެއްގެ ދިވެހިން މެޗު ބަލަން ވަނެވެ.