ރިޕޯޓް

ނާއުންމީދު ހަޔާތަކަށް އުންމީދާއި ހިނިތުންވުން

  • އެކަނިވެރި ދިރިއުޅުމަށް އާރޯކަމެއް
  • ހިތްތައް ޝުކުރުން ފުރިފައި
  • މިއީ ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން

"ހަމަ ޔަގީނުންވެސް އެހެން އެއްވެސް ދުވަހަކު އަޅުގަނޑަށް އިހުސާސް ނުވާ، އުފާވެރި ކަމެއް އެބަ އިހުސާސް ކުރެވޭ. މިތިބަ އެހެން ކުދިންގެ މޫނުތަކުން ވެސް އެ އުފާވެރިކަން އެބަ ފެނޭ. ކުރިން އުޅުނީ ނާއުންމީދީ ދުނިޔެއެއްގައި. އެކަމަކު މިއަދު އުފަލުން ހިތްފުރާލަދީފި. ދުވަހަކު ވެސް އަދި މިހާ އުފަލެއް ނުވޭ،" އަޑުއިވުމުން މަހުރޫމް ވެފައިވާ އަމީން މުހައްމަދަށް އާސަންދަ އޮފީހުން ވަޒީފާ ލިބުނުކަން ކަށަވަރު ވުމާ އެކު އޭނާގެ ހިތުގެ އެންމެ ފުންމިނުގެ އުދާސްތައް ބޭރުކޮށްލި އެވެ. "އަހަރެން ހީކުރީ މުޅި ހަޔާތުގައި ވެސް އުޅެން ޖެހޭނީ މި ހިތްދަތިކަމުގައި ކަމަށް."

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހަޔާތް ވަނީ ކަރުނައިން ފުރިފަ އެވެ. އެކަނިވެރިކަމާއި އެކަހެރި ކުރުމުގެ ތެރެއިން އެ މީހުންނަށް ފެންނަން އޮތީ ބަދުނަސީބު ދުނިޔެ އެކެވެ. އެ މީހުންގެ އެ ކުޑަކުޑަ ހަޔާތް ވަށާލައި ބައްދާލާފައި ވަނީ އުންމީދުގެ ކަންފުޅެއް ވެސް ފެންނަން ނެތް، ކަޅު އަނދިރި ކަމަކުންނެވެ. އެކަަމަކު އެ މީހުންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެއީ އެފަދަ މީހުން އަމިއްލައަށް ލިބިގަތް ބަދު ނަސީބެއް ވެސް ނޫނެވެ.

އެފަދަ ފަރާތްތަކުގެ ހަޔާތަށް ކުޑަ ނަމަވެސް އުންމީދެއް ގެނެސް ދިނުމަށް ފަސްޓްލޭޑީ މެޑަމް ފާތިމަދު އިބްރާހިމްގެ ދި- ސޮދަގާތް ފައުންޑޭޝަންގެ އިސް ނެގުމަކާ އެކު އާސަންދައިން މި ވަނީ ނުކުޅެދުންތެރިކަން ހުންނަ 11 ފަރާތަކަށް ވަޒީފާ ދީ، ފަ އެވެ. އާސަންދައިގެ ތަފާސްހިސާބުތައް ބެލެހެއްޓުމުގެ ބުރަ މަސައްކަތަށް އެ ކުދިން މިއަދު އެ ނިކުންނަނީ އުފަލާ އެކު އެވެ. ހިތާމަޔާއި ނާއުންމީދުން ފުރިފައިވާ ހަޔާތެއް ދޫކޮށް މުޅިންއާ ދުނިޔެއެއްގެ ތެރެއަށެވެ. އެ މީހުންގެ އަމިއްލައަށް ގަބޫލު ކުރި ނާއުންމީދުގެ މައްޗަށް އުންމީދުތަކެއްގެ ގަނޑުވަރު ބިނާ ކުރަމުންނެވެ.

"އަތެއް ނެތުމަކީ މީހާ ދަށް ކުރަންޖެހޭ ސަބަބެއް ނޫން. އަޑު އިވުމުން މަހުރޫމް ވުމަކީ އެމީހަކާ މެދު އެހެންމީހުން ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެ ވިސްނުން މިއަދު ބަދަލުވާން ވީ. އަޅުގަނޑުމެން ވަރަށް އުފާވޭ ތަފާތުތައް ނައްތާލައި މިފަދަ ފުރުސަތުތައް ސަރުކާރުން އަޅުގަނޑުމެން ފަދަ ކުދިންނަށް ދޭތީ،" އާސަންދައިން ވަޒީފާ ލިބުނު ފަޒްލީ އަގީދް އިހުސާސްތައް ހުރީ މިހެންނެވެ.

ފަޒްލީގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް މުޖުތަމައުން އެ މީހުން ބާކީކޮށް އެކަހެރި ދުނިޔެއެއްގެ ތެރެއަށް ދޫކޮށްލުމެވެ. ފަޒްލީ ގަބޫލު ކުރާ ގޮތުގައި ކަމެއް ނުވާ ކަމަށް ބުނަން، ވާނީ އެމީހަކަށް އެކަށީގެންވާ ފުރުސަތު ދީފަ އެވެ. ކޮންމެ މީހަކީވެސް އެމީހަކަށް ލިބިފައިވާ ހިއްސުތަކާއި ގާބިލުކަމާ އެކު އެންމެ ފުރިހަމަ މީހެއް ކަމަށް ފަޒްލީ ގަބޫލުކުރެ އެވެ. މިއީ އެހެން މީހުންނެކޭ އެއްގޮތަށް، ކޮންމެ ކަމެއް ވެސް ވާނެކަން ސާބިތުކޮށްދޭން އޭނާއަށް ވެސް ލިބުނު ފުރުސަތެކެވެ.

ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުން ވެސް މިހާރު ކިޔަވައިދެ އެވެ. ބޮޑެތި އިމްތިހާންތަކުގައި އެފަދަ ބައެއް ކުދިން ރަނގަޅު ނަތީޖާ ވެސް ހޯދަ އެވެ. އެހެން ނަމަވެސް އެކަހެރި ކުރުމާއި ތަފާތު ކުރުމުގެ ސަގާފަތުގެ ޝިކާރައަކަށް ވެ އެފަދަ ކުދިންނަށް ކުރިއަށް ދިޔުމުގެ މަގެއް މިހާތަނަށް ވެސް ފަހިވެފައެއް ނުވެ އެވެ. އެފަދަ ކުދިންނަށް ނަތީޖާ ނެރެވިދާނެ ކަމަށް ގަބޫލު ކުރަން ވެސް ބައެއް މީހުން ބޭނުމެއް ނުވެ އެވެ. ނަތީޖާ އަކަށް ވަނީ އެ މީހުންގެ އުންމީދުތައް އެކީ ވިއްސިވިހާލި ވެގެން ދިޔުމެވެ. 

"އަޅުގަނޑުގެ ދަރިފުޅަކީ އަޑު ނީވޭ ކުއްޖެއްކަން އެނގުނީ އުމުރުން ދެ އަހަރުގައި. އެދުވަހު ލިބުނު ހިތްދަތިކަމުގެ ދެގުނައަށް މިއަދު އުފާވެއްޖެ. ﷲ އަށް ހަމްދު ހުރި. މިފަދަ ފުރުސަތުތަށް މިކުދިންނަށް ގިނަގިނައިން ހޯދަދޭން ސަރުކާރުން މަސައްކަތް ކުރަންވީ،" އާސަންދަ އޮފީހުން ވަޒީފާ ލިބުނު ކުއްޖެއްގެ މަންމަ ބުނެލި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުވައި، އެހެންމީހުންނެކޭވެސް އެއްގޮތަށް އެފަދަ މީހުންނަށްވެސް މުޖުތަމައުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އެފަދަ އާއިލާތަކަށް ވައުދުވެ ވަޑައިގެންފަ އެވެ. އެ ވައުދު ފުރިހަމަ ކުރެއްވުމުގެ މުހިންމު މަސްއޫލިއްޔަތު މެޑަމް ފާތުން އަދާކުރައްވާ އިރު، މިހާތަނަށް 30 އަށްވުރެ ގިނަ މީހުންނަށް އެ ޕްރޮގްރާމުގެ ދަށުން ވަޒީފާ ދީފައިވެ އެވެ.

އެގޮތުން އެސްޓީއޯ، އެމްޓީސީސީއާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ކުދިންނަށް ފުރުސަތުތަކެއް ދީފައިވެ އެވެ. މިފަހަރު އެ ލިސްޓަށް މި އިތުރުވީ އާސަންދަ އެވެ. މެޑަމް ވިދާޅުވާ ގޮތުގައި އިތުރު ކުންފުނިތަކުން ވެސް އަދި މިފުރުސަތު ފަހިކޮށްދޭނެ އެވެ. މިއީ އެ ކުދިންގެ ހިތުގެ އާދޭސްތަކަށް ނިމުމެއް ގެނެސްދޭނެ އުންމީދީ މަސައްކަތެއް ކަމަށް އެކަމަނާ ދެކެވަޑައިގަންނަވަ އެވެ. މިއީ މުޖުތަމައުގެ ގަބޫލު ކުރުންތައް ބަދަލު ކުރުމަށް އެކަމަނާ ކުރައްވާ މަސައްކަތުގެ އަދި ކުޑަ ފެށުމެއް ކަމަށް އެކަމަނާ ހުރީ ގަބޫލު ކުރައްވައިގެންނެވެ. އެ މަސައްކަތަށް އަދި ނިމުމެއް ނެތެވެ. 

ނުކުޅެދުންތެރިންކަން ހުންނަ މީހުންނަކީ ވަކި އެހެން މީހުންނަށް ވުރެ ދެރަ ބައެއް ނޫންކަން އަަމަލުން ދައްކައި ދިނުމުގެ ދަތުރަކަށް އެ މީހުން މިއަދު އެ ވަނީ އަރައިފަ އެވެ އާސަންދައިން ވަނީ އެ ކުދިންނަށް ފަސޭހައިން އެ އޮފީހަށް ވަދެ ނިކުމެވޭ ގޮތަށް ރޭމްޕްތައް ވެސް ހަދާފަ އެވެ. އެ ފުރުސަތުގެ ތެރެއިން އެހެން މީހުން ގަދަރު ކުރާ މޮޅު މީހަކަށް ވުމުގެ އަޒުމް އެ ހުރިހާ ކުދިންގެ ވެސް އެބަ އޮތެވެ. ރައީސް ވިދާޅުވާ ހެން އެ ހުރިހާ ކުދިން ވެސް މިއަދު ހިތާ ހިތުން ބުނަނީ އުންމީދެއް އޮތިއްޔާ ދިރުމެއް އޮންނާނެ ކަމަށެވެ. އެ ކުދިންގެ ހިތުގެ އަޒުމަކީ އެ މީހުންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމެވެ. މުޖުތަމައަށް އެމީހުންގެ ވެސް ބޭނުން ކުރެވޭނެކަން ސާބިތުކޮށްދިނުމެވެ.

މި ވަޒީފާއަށް ގޮސްގެން އަޅުގަނޑު ކިޔަވަން މި ލިބޭ މުސާރަ ބޭނުން ކުރާނީ. އައިޓީ ދާއިރާއިން ކިޔަވަން ބޭނުން ވަނީ،" ވަޒީފާ ލިބުނު ނަޒީހް އޭނާގެ އަޒުމް ހިއްސާކުރި އެވެ.

އެ ހުރިހާ ކުދިންގެ ހިތަށް މިއަދު އެ ވަނީ އުފަލުން ފޮޅިފަ އެވެ. އެ މީހުންގެ ހިތްތައް އެ ވަނީ ޝުކުރުން ފުރިފަ އެވެ. ނާއުންމީދުން ބައްދާލާފައިވި ހަޔާތަށް މި ވަނީ އުންމީދު ގެނެސްދީފަ އެވެ.