މޯލްޑިވްސް ޕޮލިސް ސާވިސް

ވައިގޮޅިއަށް ވެއްޓުނު މީހަކު ފުލުހުން ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ވައްކަން ކުރަން އުޅެނިކޮށް ވައިގޮޅިއަށް ވެއްޓުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ވައްކަން ކުރަން އުޅުނު މީހަކު ގޭގެ ވައި ގޮޅިއެއްގެ ތެރެއިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:54 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ވައިގޮޅިން ވެއްޓުނު މީހާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

ވައި ގޮޅިން ވެއްޓިގެން އެމިހާ އަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މާލޭ ސަރަހައްދުގެ ގެތަކުން ވައްކަން ކުރާ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެހެންވެ ބަންދު ދުވަސްވަރު މާލެއިން ބޭރަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.