ކްރިމިނަލް ކޯޓް

ޖައިލަމްގެ މަރު: ހުލާސާ ބަޔާން ނުއިއްވުނު

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ ހ. ހަންޑްރެޑް ފްލާވާސް، ޖައިލަމް އަހުމަދު ޝާކިރު މީގެ ހަ އަހަރު ކުރިން މަރާލި މައްސަލާގައި ދައުވާ ލިބޭ ފަރާތަކަށް ބައެއް ލިޔެކިޔުންތައް ނުލިބޭތީ މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވޭ ގޮތެއް ނުވި އެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، ނަސީބު ސައީދާއި، ވ. ސިނަމާލެ، އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށެވެ. ނަމަވެސް ހުލާސާ ބަޔާން ތައްޔާރުކުރުމަށް ބޭނުންވާ ލިޔެކިޔުންތަކެއް ދައުވާ ލިބޭ ފާރަތަކަށް ލިބިފައި ނުވުމުން ހުލާސާ ބަޔާން ތައްޔާކުރެވިފައި ނުވާތީ މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވޭ ގޮތެއް ނުވި އެވެ. އެކަން ފާހަގަކޮށްފައި ވަނީ މައްސަލައިގެ ދައުވާ ލިބޭ ނަސީބު ސައީދުގެ ދިފާއީ ވަކީލް އަލީ ސައީދެވެ.

އަލީ ސައީދު ވިދާޅުވެފައިވަނީ ހުލާސާ ބަޔާން ތައްޔާރުކުރަމުން ދިޔައިރު މި މައްސަލައިގައި ހިމެނޭ މީހުން ތަހުގީގަށް ދީފައިވާ ބައެއް ބަޔާންތައް ލިބިފައި ނުވާ ކަމަށެވެ. އަދި ސިއްރު ކުރެވިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ދިފާއަށް ދޫކުރެވިދާނެ ލިޔެކިޔުންތަކެއް ވެސް ނުލިބޭ ކަމަށެވެ. ސިއްރު ލިޔެކިޔުންތައް ކޯޓުން ހަމަޖައްސާ އުސޫލެއްގެ ދަށުން ބެލުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގަތެވެ.

ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ އެކަމާ ގުޅިގެން މިއަދު ހުލާސާ ބަޔާން ނުއިއްވޭނެ ކަމަށެވެ. އެކަމަކު މިއަދުގެ އަޑުއެހުމަށް އައުމުގެ ކުރިން އެ ލިޔެކިޔުންތައް ހޯދަން ދިފާއީ ވަކީލް އުޅުއްވިނަމަ މައްސަލައިގެ ހުލާސާ ބަޔާން މިއަދު އިއްވޭނެކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ދައުލަތުން ހުށަހަޅާފައިވާ ޖައިލަމްގެ މެޑިކަލް ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރުގެ ބަދަލުގައި އެހެން ޑޮކްޓަރެއްގެ ހެކިބަސް ނެގުމަށް ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ވެސް ގާޒީ ގޮތެއް ނިންމެވި އެވެ. ގާޒީ ވިދާޅުވީ އެ ޑޮކްޓަރު ރާއްޖެއިން ބޭރުގައި ހުރުމުން އެހެން ޑޮކްޓަރެއްގެ ހެކިބަސް ނެގުމަށް ދައުލަތުން ހުށަހެޅި ނަމަވެސް އެއީ ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރަށް ނުވާތީ ހެކިބަސް ނުނެގޭނެ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ ނިންމަވާފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ހާޒިރުކުރެވިފައި ނުވާތީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިންނާ ބެހޭ ގޮތުން ވާހަކަދެއްކުމަށްފަހު ހުލާސާ ބަޔާން އިއްވުމަށެވެ. 2015 ވަނަ އަހަރުން ފެށިގެން ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި ދައުލަތުގެ ފަރާތުން އަށް ސިއްރު ހެކިން ހުށަހެޅި އެވެ. އޭގެތެރެއިން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުނީ އެންމެ ދެ ހެކިންގެ ހެކިބަހެވެ.

ގާޒީ މިއަދު ވިދާޅުވީ އަންނަ މަހުގެ ދެވަނަ ހަފްތާ ތެރޭގައި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޖައިލަމް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެ ތިން މީހުންނާ އެކު ޖައިލަމް ކައިރިއަށް ދިޔަ ހުމައިދު ކަމަށެވެ. އަދި އެމީހާ ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ދައުވާގައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުވުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. ޖައިލަމް މަރުވީ އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.