ކޮންމެ އަހަރަކު އަލަށް 500 ގާތް ކުރާ އަދަދެއްގެ މީހުން މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ދޫނިދޫގައި މިއަދު 315 ކިލޯގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 400 އާއި 500 އާ ދެމެދުގެ އަދަދެއްގެ މީހުން އަލަށް މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ކަމަށެވެ. އަދި ރާއްޖޭގައި ކުރާ ކުށްތަކުގެ 85 ޕަސެންޓަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްތުވާތަކެއްޗާ ގުޅިގައިވާ މައްސަލަތައް ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ އަންދާޒާއަށް ބަލާއިރު މާލޭގައި އެކަނި ޑުރަގް އެޑިކްޓުންގެ ގޮތުގައި 1100 މީހުން އުޅޭ ކަމަށެވެ. އޭގެތެރެއިން 200 އާއި 300 ދެމެދު އަދަދެއްގެ މީހުންގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި ތަންތަނުގައި ނިދުމާއި، ވައްކަމާ ފޭރުމުގެ މައްސަލަތައް އިންތިހާޔަށް އެމީހުން ހިންގާ ކަމަށެވެ.
ސީޕީ އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލެ ސަރަހައްދުގައި އެކަނި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 44 ތަނެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ ކިހިނެއް ކަމާއި އެކަން ކުރަނީ ކޮން ބައެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރާ 8900 މީހުން އުޅޭ ކަމަށާއި އޭގެތެރެއިން ފަރުވާގެ ނިޒާމް ތެރޭގައި އުޅޭނީ 10 ޕަސެންޓް މީހުން ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
"މިދިޔަ ހަފުތާ އެކަނި ވެސް 270 ޑްރަގް ބޭނުންކުރާ މީހުން މަގުމަތިން ހުއްޓުވައި ފުލުހުން ސުވާލުކުރި 590 ފަހަރު އެ 270 މީހުންނާ ފުލުހުންނާ ބައްދަލުވި،" ސީޕީ ވިދާޅުވި އެވެ.
ސީޕީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޑްރަގް ނެޓްވޯކްތަކުގެ ތެރޭގައި 12 އަހަރާ 14 އަހަރާ ދެމެދުގެ ކުޑަކުދިން ރެކްރޫޓްކޮށްގެން ނެޓްވޯކްތަކުން ގެންގުޅޭ ކަމަށެވެ. އެކުދިން މުއްސަނދި ދިރިއުޅުމެއްގައި އަގުބޮޑެތި ތަކެތި ހޯދައިދީގެން އެކަމުގެ ތެރޭގައި ޝާމިލްކޮށްގެން ގެންގުޅެނީ ތަހުގީގީ އިދާރާތަކަށް ކަންކަން ފޮރުވަން ކަމަށް ވެސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އަދަދުން މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އެގޮތުން މިއަދު ނައްތާލައިފައި ވަނީ ރ. ޅާނބުގަލިން މިދިޔަ އޮކްޓޫބަރު މަހު އަތުލައިގެން 215 ކިލޯގެ މަސްތުވާ ތަކެއްޗާއި ބައެއް އޮޕަރޭޝަންތަކުން ފުލުހުން އަތުލައިގެންފައުހުރި 107 ކިލޯގެ މަސްތުވާތަކެއްޗެވެ. މިތަކެތީގެ އަގަކީ ގާތްގަނޑަކަށް 316 މިލިއަން ރުފިޔާ އެވެ.