- އެކައުންޓުގެ މައުލޫމާތު ހޯދަން ފުލުހުން ނުގުޅާނެ
- އެ ފަދަ ފަރާތްތަކަށް ފުރުސަތު ނުދޭން ފުލުހުން އިލްތިމާސްކުރި
- އެއީ މަކަރާއި ހީލަތުން ފައިސާ ހޯދަން ގުޅާ ބައެއް
ފޯނުން ގުޅައިގެން އެއްވެސް ރައްޔިތެއްގެ ކޭޝް ކާޑާއި ބެންކް އެކައުންޓުގެ ބެހޭ މައުލޫމާތު، ފުލުހުން ނުހޯދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ފުލުހުންގެ ވެބަސައިޓުގައި މިއަދު އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، ނު ދަންނަ ނަމްބަރު ތަކުން ތަފާތު ޕްރޮމޯޝަންތައް ހިންގާ ކުންފުނިތަކުގެ ނަމުގައި ގުޅައިގެން، އެކި މީހުންގެ އެކައުންޓް ނަމްބަރާއި ކޭޝް ކާޑުގެ ނަމްބަރުތައް ހޯދައި އެކައުންޓްތަކުން ފައިސާ ނަގަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ބައެއް ފަރާތްތަކުން އެ އިދާރާގެ ނަމުގައި ވެސް މައުލޫމާތު ހޯދަން މީހުންނަށް ގުޅާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ތަހުގީގަށް މައުލޫމާތެއް ބޭނުންވާނަމަ، އެ މައުލޫމާތެއް ފުލުހުން ހޯދާނީ އެމީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން ކަމަށެވެ. އެހެންކަމުން ފުލުހުންގެ އެއްވެސް ޑިޕާޓްމަންޓަކުން، ނޫނީ އެހެންްވެސް ޕޮލިސް ސްޓޭޝަނެއްގެ ނަމުގައި އެފަދަ މައުލޫމާތު ހޯދަން މީހަކު ގުޅައިފިނަމަ އެ މައުލޫމާތެއް ނުދިނުމަށް ފުލުހުން އެދިފައިވެ އެވެ.
"އެގޮތަށް ގުޅާ ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން މިއީ ފުލުހުންގެ އިދާރާ އިން ކަމަށާއި، ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އެބޭފުޅެއްގެ އެކައުންޓުގެ މައުލޫމާތު ހޯދަން ނޫނީ ކާޑުގައިވާ ނަމްބަރުތައް ހޯދަން ބޭނުންވާކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަން މަސައްކަތްކޮށްފައި ހުރިކަން ފުލުހުންނަށް ހުށަހެޅޭ މި ފަދަ މައްސަލަތަކުން ވަނީ އެނގިފަ އެވެ،" ބަޔާނުގައި ވެ އެވެ.
ސަރުކާރުގެ އެކި މުއައްސަސާތައް، ހާއްސަކޮށް އާސަންދައިގެ ނަމުގައި ގުޅާ ފަރާތްތަކަކީ އެ އޮފީސްތަކަށް އެނގިގެން ކުރާ ކަމެއް ނޫންކަމަށް ވާތީ އެފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
"އެ ބޭފުޅަކަށް ކާކުކަން ކަށަވަރު ނުވާ އެއްވެސް މީހަކަށް އަދި އެއްވެސް މުއައްސަސާއެއްގެ ނަމުގައި ނޫނީ ކުންފުންޏެއްގެ ނަމުގައި ގުޅާ މީހަކަށް ވެސް ނުދެއްވާށެވެ. އެ ފަދަ ގޮތްގޮތަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެއްވެސް ބޭފުޅަކު އެފަދަ ފުރުސަތެއް ނުދެއްވާށެވެ،" ފުލުހުން ވަނީ ބުނެފަ އެވެ.