ހޯމްސްޓޭ

ހޯމްސްޓޭ: އެއްފަހަރާ ގިނަ އެނދުތަކެއް މާކެޓަށް

ގޭގޭގެ ކޮޓަރީގައި ޓޫރިސްޓުން ތިބެވޭ ގޮތަށް ފަށާ "ހޯމްސްޓޭ" ޓޫރިޒަމް އަންނަ ހޮނިހިރު ދުވަހު ތައާރަފު ކުރާއިރު ފުރަތަމަ އަހަރު ގިނަ އެނދު ތަކެއް އަންނާނެ ކަމަށް ބެލެވިއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ "ނޫ އިގްތިސޯދު" މެނިފެސްޓޯގެ ވައުދެއް ކަމަށްވާ "ހޯމް ސްޓޭ" ޓޫރިޒަމް ތައާރަފު ކުރާނީ ހޮނިހިރު ދުވަހު މ. މަޑުއްވަރީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެނގިފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ދުނިޔެ އަށް މަޝްހޫރު "އެއާބީއެންބީ" ސްޓައިލަަށް ފަށާ މި ވިޔަފާރިއާ ބެހޭ ގޮތުން، ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ ޕާސަނަލީ ގަބޫލު ކުރައްވާ އަންދާޒާއަކީ ފުރަތަމަ އަހަރު 1،200 އެއްހާ އެނދު މާކެޓަށް ނުކުތުމެވެ. މި ވިޔަފާރި ދިއްގަރުގައި ތައާރަފު ކުރާނީ ވެސް 50 ކޮޓަރިއާއެކުގަ އެވެ. އަދި މި ކައުންސިލުގެ ދައުރުގައި 250 އެނދު އިތުރު ކުރުމަކީ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރެ އެވެ.

"ހޯމްސްޓޭ" ތާއާރަފު ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާނެ އެވެ. މި ގަވައިދުގައި އެންމެ އިސްކަމެއް ދީފައިވަނީ ސެކިއުރިޓީއަށާއި މި ވިޔަފާރި ސަސްޓެއިންކޮށް ކޮމިއުނިޓީ އަށް ގެއްލުމެއް ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. މި ވިޔަފާރި ފަށާއިރު ވެސް ޓެކްސް ނަގާނީ ގެސްޓްހައުސްތަކާ އެއް އުސޫލެއްގެ ދަށުންނެވެ. އަދި މި ވިޔަފާރި އަށް ޒިންމާ ކުރުމަށްޓަކައި އެ ރަށެއްގެ ކައުންސިލުން ގިނަ ކަންތައް ތަކެއް ފުރިހަމަ ކުރަން ލާޒިމް ކުރެ އެވެ.

ހޯމްސްޓޭ ވިޔަފާރިއާ ބެހޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ހޯމް ސްޓޭ ތައާރަފް ކުރުމަށް ގެސްޓް ހައުސް ގަވާއިދަށް ލުއިތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން އެއް ކޮޓަރިން ފެށިގެން މައްޗަށް މީހުން ދިރިއުޅޭ ގޭގެ ވެސް ހިމެނޭ ގޮތަށް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ދޭނެ ގޮތަށް ގަވައިދު އިސްލާހުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ގަވައިދަށް ބަދަލުގެނައިރު ހޯމް ސްޓޭއަށް ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުކަށި އުސޫލުތަކެއް ގަވައިދުގައި ހުންނާނެ ކަމަށް ރައްޒާން ވިދާޅުވި އެވެ.

"ހޯމް ސްޓޭ ތައާރަފް ކުރާނީ މިހާތަނަށް ޓޫރިޒަމް ޕްރޮޕަޓީސްތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގައި ހުރި ގަވާއިދުތަކުގައި އޮތް މިންވަރަށްވުރެވެސް އިތުރަށް ހަރުކަށި ކުރުމަށް ފަހު" ރައްޒާން ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ މަތީ ފަންތީގެ ޓޫރިޒަމް ނަގާފައި ދެން އެންމެ ގިނަ އެނދު ހުރީ ގެސްޓްހައުސްތަކުގަ އެވެ. އަދި ދެން އެންމެ ގިނަ އެނދުހުރީ ސަފާރީ އުޅަނދު ފަހަރުގަ އެވެ. އަދި މިހާރުގެ އަންދާޒާއަކީ ހޯމްސްޓޭގެ އެނދުތައް ބޮޑުތަނުން އިތުރު ވެގެން ދިއުމެވެ.