މޭރީބްރައުންއާއެކު ހުޅުމާލޭގައި މަތީ ފަންތީގެ ގިނަ ފުޑް އައުޓްލެޓްތަކެއް ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ރާއްޖެއަށް ގިނަ ފްރެންޗައިޒް ތަކެއް ގެނެސް ދިނުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރު ވިދާޅުވީ މި މަހުގެ 15 ގައި މޭރީބްރައުންގެ އާ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވާނެ ކަމަށެވެ.
"މި ތަން [މޭރީބްރައުން] ހަދަނީ އޯޕަން އެއާ އޭރިއާއެއް ވެސް ހިމެނޭ ގޮތަށް. ގްރައުންޑާއެކު ދެ ފްލޯ ހިމެނޭ ގޮތަށް،" އާމިރު ވިދާޅުވި އެވެ. "މީގެ އިތުރުން އަޅުގަނޑުމެން މާލޭގައި ހިންގާ ސީކްރެޓް ރެސިޕީ އާއި ޕިއްޒާ މިއާވެސް މިތަނުގައި ހުޅުވާނެ. އެތަން [ޕިއްޒާ މިއާ] ކޮވިޑުގައި ބަންދުކޮށްފަ މި ހުޅުވަނީ."
މާލޭގައި ވެސް އައުޓްލެޓެއް ހިންގާ މޭރީބްރައުން ހުޅުވަން ތައްޔާރު ވަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ އިންވެގެން އޮންނަ ލަގްޒަރީ ފްލެޓުތައް ކުރިމައްޗަށްވާ ގޮތަށް އަތިރި މަތީގަ އެވެ.
"ވޯޓާސް އެޖް" ގެ ނަމުގައި ހުޅުމާލެ މޫނު މައްޗަށް ރީތިކޮށް ފެންނަ ގޮތަށް ހަދާފައިވާ މި ފުރިހަމަ އިމާރާތުގެ މަސައްކަތް ފެށީ މީގެ ހައެއްކަ އަހަރު ކުރިންނެވެ.
ހުޅުމާލެ އިން ކޮމާޝަލް ބޭނުން ތަކަށް އެޗްޑީސީ އިން ދޫކުރި ބިމެއްގައި ހުޅުވާ މި އިމާރާތުގައި މޭރީބްރައުންގެ އިތުރުން މަތީ ފަންތީގެ ހަތް ބްރޭންޑެއްގެ ފުޑް އައުޓްލެޓް ހުންނާނެ އެވެ. މީގެ އިތުރުން މި ސަރަހައްދު ނިމޭއިރު މި ތަނުގައި "އިންޑިއާ" އާއި "އިންޑޮނޭޝިޔާ" އަދި "އިޓާލިއަން" ފުޑް އައުޓްލެޓް ތަކެއް ވެސް ހުންނާނެ ކަމަށް އަވަސް އަށް ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވި އެވެ.
ޔޫކޭގެ ކޮފީ ރިޕަބްލިކް
އާމިރު ވިދާޅުވީ އެތަނުގައި ހުޅުވާ މަތީ ފަންތީގެ ފުޑް އައުޓްލެޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނެ ތަނަކީ އިނގިރޭސިވިލާތުގެ ކޮފީރިޕަބްލިކް (ސީއާރު) ކަމަށެވެ.
"ކޮފީ ރިޕަބްލިކް ގެންނަން މިހާރު ވާނީ ސޮއި ވެސް ކޮށްފައި މިހާރު ކުރަމުން ދަނީ ބަދިގެ ޑިޒައިން ކުރެހުމުގެ މަސައްކަތް. މި ބަލަނީ އޭޕްރީލް އެއްވަނަ ދުވަހު ހިސާބު ހުޅުވޭނެ ކަމަށް،" އާމިރު ވިދާޅުވި އެވެ.
އާމިރުގެ "ވޯޓާ އެޖް" ބިލްޑިން އަށް ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ އާއިި 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްފައިވެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ހުޅުމާލޭގެ އާބާދީ އަށް ބަލާއިރު މި އިންވެސްޓްމަންޓް "ރިޓާން" ލިބޭނެ އެވެ.
"މި ސަރަހައްދުގައި އެކަނި ވެސް އެބަހުރި 3،000 އާއި 4،000 ހައުސިން ޔުނިޓް. އެހެންވެ އުންމީދު އެބައޮތް،" ތަޖުރިބާކާރު ވިޔަފާރިވެރިޔާ އާމިރު ވިދާޅުވި އެވެ.