ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

އުއްމީދީ މާކެޓެއް ކަމަށްވާ ކަޒަކިސްތާން ފްލައިޓްތައް ކެންސަލްކޮށްފި

އެތެރޭގެ ހަމަ ނުޖެހުން ބޮޑުވެ، ކަަޒަކިސްތާނުގެ މައި ވައިގެ ބަނދަރު ބަންދު ކުރުމާއެކު، ރާއްޖެއަށް ޓޫރިސްޓުން އަންނަ އެންމެ އުއްމީދީ އެއް މަގު ބަންދުވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ކަޒަކިސްތާނުގެ ގައުމީ އެއާލައިން -- އެއާ އަސްތާނާ އިން އިއްޔެ އާއި މިއަދު އަންނަން އޮތް ފްލައިޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާ މޯލްޑިވްސް އިން ވެސް ވަނީ ބުރާސްފަތި ދުވަހާއި ހުކުރު އަދި މިއަދުގެ ފްލައިޓްތައް ކެންސަލްވެފައިވާ ކަމަށް ބުނެފަ އެވެ.

އެމްއޭސީއެލް އިން ވަނީ އެއާ އަސްތާނާގެ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށާ އެ މުއްދަތު ދެމިގެންދާނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް ބުނެފަ އެވެ. މި އެއާލައިންގެ އިތުރުން ޔޫރަޕުން ކަނެކްޝަން ހަދައިގެން ކަޒަކިސްތާނުގެ ވެރިރަށް އަލްމަޓީ އިން އަންނަ ހުރިހާ އެއާލައިން ތަކެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ކޮވިޑް-19ގެ ކުރިން ރާއްޖެ އަށް އުދުހެން ފެށި އަދި މިހާރު އެންމެ ރަނގަޅުވަމުން އަންނަ އެއް މާކެޓަކީ ވެސް ކަޒަކިސްތާނެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އޮތް މިހާރު މިނިވަން ގައުމެއް ކަމަށްވާ ކަޒަކިސްތާނުން އެންމެ ގިނައިން ޓޫރިސްޓުން ގެނައި އެއާލައިނަކީ އެ ގައުމުގެ ގައުމީ އެއާލައިން އެއާ އަސްތާނާ އެވެ. މި އެއާލައިނުން އަލުން ކޮވިޑަށްފަހު ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި އެއާލައިނުން ރާއްޖެ އަށް ހަފުތާއަކު ތިން ފްލައިޓް ބޭއްވި އެވެ. އަދި ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް ފްލައިޓްތައް އިތުރު ވެސް ކުރި އެވެ.

ކަޒަކިސްތާނުން މި އަހަރުގެ ފުރަތަމަ ފަސް ދުވަހު 651 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެ ގައުމުން މިދިޔަ އަހަރު އެކަނި ވެސް 23,672 ޓޫރިސްޓުން އައިސްފައިވެ އެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަޒަކިސްތާނުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒަހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، މިހާރު ވަނީ ދާހިލީ ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި އެވެ. އަދި މިއަދުގެ ވަގުތެއްގައި މުޒާހަރާ ކުރާ މީހުން ވަނީ ކަޒަކިސްތާނުގެ މައި ވައިގެ ބަނދަރު ވަށާލައި މަގުތައް ބަންދުކޮށްފަ އެވެ.