އިމްރާން އަބްދުﷲ

މަސައްކަތް ކުރަނީ ކުށަށް އަރައިގަތުމުގެ ކުރިން ހުއްޓުވަން: އިމްރާން

Jan 14, 2022
1

ފުލުހުންގެ ހިދުމަތް މިއަދު ބައްޓަން ކުރަމުން ދަނީ ކުށަށް އަރައިގަތުމުގެ ކުރިން ކުށަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަނެ އެކަންކަމުން މުޖުތަމައު ސަލާމަތް ކުރެވޭ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ގދ. މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިމްރާން ވިދާޅުވީ ގައުމު މިއަދު އޮތް ހާލާތުގައި އަމަންއަމާންކަން ގާއިމްކޮށް ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް އެހެން ގޮތްތަކަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތަށް މަސައްކަތް ކޮށްގެން ނޫނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވެގެން ނުދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ އުސްމިންތަކަަށް ދަތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިއްމު ބަހާ އަކީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަަމަށް ސަރުކާރަށް އެނގޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމަށް ސަރުކާރުން ނިންމީ އެ ސަބަބަށްޓަކައި ކަމުގައިވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކުން ނުވަތަ ފުލުހުންގެ މަރުކަޒެއް ހުޅުވުމަކުން މަސައްކަތް އަދި ނުނިމޭ ކަމަށާއި އެއީ ހަގީގީ މަސައްކަތް ފަށައިގަނެވޭ ހިސާބު ކަމަށެވެ. އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިގެން ދާނީ ފުލުހުންގެ ހިދުމަތާ އެކުގައި ރަށުގެ ހިންގުންތެރި ފަރާތްތައް، ހާއްސަކޮށް ދައުލަތުގެ އިދާރާތައް ގުޅިގެން ރަށުގެ މުޅި މުޖުތަމައު އަމާންކޮށް ރައްކާތެރިކޮށް ސުލްހަވެރިކޮށް ބޭއްވުމަށް މަގުފަހިކޮށްގެން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެކި ބާވަތުގެ ކުށްތައް ކުރަމުންދާއިރު ކުށުގެ ވެށީގައި އުޅޭ މީހުން ކުށްތަކުން ދުރަށް ގެންދަންޖެހޭ ކަމަށެވެ. އެހެންކަމުން މިއަދު ފުލުހުންގެ ފަލްސާ ބައްޓަން ކުރެވިފައިވަނީ ކުށަށް އަރައިގަތުމުން ހައްޔަރުކޮށް އަދަބު ދިނުމުގެ ނިޒާމު ދޫކޮށްލާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތަށް ކުރިއަށް ދެވޭނީ ކުށަށް އަރައިގަތުމުގެ ކުރިން ކުށަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަނެ އެ މަގުން މަސައްކަތް ކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"އެކަންކަމުން މުޖުމަތަމުގެ އަފުރާދުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަލްސަފާގެ ތެރެއަށް ނުވަތަ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއަށް [މިދަނީ] މިނިސްޓަރު ވިދާޅުވި އެވެ.