ލައިފްސްޓައިލް

ބުޅަލެއް ސާހިބުގެ މަހާނަ ކައިރީ ދެ މަސް!

ކުއްތާ އާއި ބުޅާ ފަދަ ތަކެތި އޮޅުކޮށްގެން ގެންގުޅުމަކީ ބައެއް މީހުން ވަރަށް ކުރާޙިތުން ކުރާ ކަމެކެވެ. އަދި އިންސާނުންނާއި އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންނާ ދެމެދު ވަރަށް ޚާއްސަ ލޯތްބެއް އޮންނަ ކަމީ ވެސް ހަގީގަތެކެވެ. ބައެއް ފަހަރު އިންސާނުންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކުގައި ޖަނަވާރުން އެ ސޮރުމެންގެ ފުރާނަ ގުރުބާން ކޮށްގެން އެ ސޮރުގެ ސާހިބު މީހާގެ ފުރާނަ ސަލާމަތް ކޮށްދެ އެވެ. އަނެއްބައި ފަހަރު ލޯބިވާ ޖަނަވާރުގެ ފުރާނަ ސަލާމަތްކުރަން އިންސާނުން ވެސް ބޮޑެތި ގުރުބާނީތައް ވެއެވެ.

ލެވެޑާ ނަމަކަށް ކިޔާ މީހަކު ޓުވިޓާގައި ޝެއާކުރި މި ވާހަކަ އަކީ ބުޅަލަކާއި އިންސާނެއްގެ މެދުގައި އޮތް ލޯބީގެ މިސާލެކެވެ.
މި ބުޅަލަކީ ސާބިއާގެ މުފްތީއެއް ކަމަށްވާ ޝެއިޚް މުއައްމަރު ޒުކޯރްލީ އޮޅުކޮށްގެން ގެންގުޅުނު ބުޅަލެކެވެ. ނޮވެމްބަރު 6، 2021 ގައި މުފްތީ އަށް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި ދުނިޔެ ދޫކުރެއްވީ އެވެ.

މުފްތީގެ ޖަނާޒާއަށްފަހު އެންމެން ގެޔަށް ދިޔައިރު އޭނާގެ ބުޅާ މަހާނަ ކައިރީގައި އިނެވެ. ގެންދަން އުޅެ ވެސް އެ ސޮރެއް ނުދިޔަ އެވެ. އޭގެ ފަހުން ޖެނުއަރީ 11 ވަނަ ދުވަހު ލެވެޑާ ވަނީ ބުޅަލުގެ ފޮޓޮއެއް އަނެއްކާވެސް ޓުވިޓާގައި ޝެއާކޮށްފަ އެވެ. މުފްތީގެ މަހާނަ ކައިރީގައި ބުޅާ އިންދެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ފާއިތުވީ ދެ މަސް ދުވަހު ބުޅާ އޭނާގެ ސާހިބު މީހާގެ މަހާނައާ ދުރަކަށް ނުދެ އެވެ. އަބަދުވެސް އިންނަނީ އެތާނގަ އެވެ.

"ބުޅާ އަބަދުވެސް މަހާނަ ވަށައިގެން ހިނގާ. ވަރުބަލިވީމަ މަހާނަ މަތީ އިށީނދެލައިގެން އިންނަނީ. މުއައްމަރު މަރުވިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވިއިރު ވެސް އޭނާގެ ބުޅާ އެންމެ ހިނދުކޮޅަކަށް ވެސް މަހާނަ ކައިރިން ދުރަކަށް ނުދޭ،" ލެވެޑާ ލިޔެފައި ވެއެވެ.

އޭނާ ވަނީ މަހާނަ މަތީގައި ބުޅާ އިށީނދެގެން އިންދާ ނަގާފައިވާ ފޮޓޮއެއް ވެސް ޝެއާ ކޮށްފަ އެވެ. މިއީ މަޑު މުށިކުލައަކާއި ހުދުކުލައެއްގެ ބުޅަލެކެވެ.

ލެވެޑާ ލިޔެފައިވާ ގޮތުގައި މި ދުވަސްވަރަކީ ސާބިއާއަށް ފިނި މޫސުމެވެ. ނަމަވެސް ކިތަންމެ ފިނިވިޔަސް މަހާނަކައިރިއަށް ދުރަށް ދާން ބުޅާ ބޭނުމެއް ނުވެ އެވެ.