- ފެރީގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރެވޭ
- ކުންފުނީގެ ފައިދާ ދަނީ އިތުރު ވަމުން
- ދެ ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދޭ
މީގެ 35 އަހަރު ކުރިން 1980 ވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ބިޔަ އެއް ކުންފުންޏެވެ. ހާއްސަކޮށް ބިން ހިއްކުމާއި ފަޅު ފުންކުރުމުގައި އެ ކުންފުންފުނި އޮންނަނީ އަބަދުވެސް އެންމެ ކުރީގަ އެވެ. އެންމެ ހިދުމަތްތެރި ކުންފުނީގެ ގޮތުގަ އެވެ. މި އަދަދާ އެކު އެމްޓީސީސީގެ ދެ ގޮތެއް ނުވާ މި ހިދުމަތައް 35 އަހަރު ފުރުނީ އެވެ. ރާއްޖޭގައި އުފެދުނު ފުރަތަމަ ޕަބްލިކް ކުންފުނީގެ ގޮތުގއި އޮވެ، އެމްޓީސީސީ ބަރާބަރު 35 އަހަރުގެ ދިގު ދަތުރެއް ފުރިހަމަ ކުރު އިރު، ސީއީއޯ އަބްދު ރައްޒާގު ހަލީމް ދެއްވަން އޮތީ އުފާވެރި ހަބަރެކެވެ. ހަލީމް ވިދާޅުވި ގޮތުގައި، އެމްޓީސީސީގެ ދުވެލި ހުރީ މިއިން ދުވަހު ނުދެކޭހާ ވެސް ބާރަށެވެ.
"އެމްޓީސީސީގެ މެންޑޭޓްގެ ތެރެއިން ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން. އެހެންވެ ކުންފުނި މިދަނީ ދުވަހެއް ދުވަހަކަށް ކުރިއަށް،" އެމްޓީސީސީއަށް 35 އަހަރު ފުރުމާ ދިމާކޮށް "އަވަސް" އަށް ދެއްވި އިންޓަވިއުގައި ހަލީމް ވިދާޅުވި އެވެ.
އެކަމަކު ކުންފުނި މި ހިސާބަށް އައުމުގައި ބޮޑެތި ގޮންޖެހުންތަކާއި އަޑިގުޑަންތައް ގިރާކުރަން ޖެހުނެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ކުންފުނި ސޮއްސާލައިގެން ދިޔަ ހިސާބުން އަލުން އަރައިގަންނަ ކުރަން ޖެހުނީ ވަކި ފަސޭހަ މަސައްކަތެއް ނޫނެވެ. އެހެން ނަމަވެސް ކުރެވުނު މަސައްކަތުން އެމްޓީސީސީ ވެފައި މި ވަނީ ރާއްޖޭގެ އެންމެ ފައިދާ ބޮޑު ކުންފުންޏަށެވެ.
"އެނގިވަޑައިގަންނަވާނެ 2014 ވަނަ އަހަރު ގިނަ ޕްރޮޖެކްޓް ތަކެއް ކުންފުންޏަށް ލިބުނު. ކުންފުނީގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު ފައިދާއެއް މި ލިބުނީ އެ [2014] ވަނަ އަހަރު. 81.6 މިލިއަން ރުފިޔާ. މިއީ ގެނެވުނު ހެޔޮ ބަދަލު،" ހަލީމް ވިދާޅުވި އެވެ.
"މި އަހަރުގެ ފައިދާ އިތުރު ވާނެ"
ނިމެން މި އަންނަ އަހަރަކީ ވެސް އެމްޓީސީސީ އަށް ވަކި ދެރަ އަހަރެއް ނޫނެވެ. މަސައްކަތް ބުރަ ލައްކަ މަސައްކަތް ކުރެވުނު އަހަރެކެވެ. މުހިންމު މަޝްރޫއުތަކެއްގެ މުގުލުގައި މި އޮތީ އަދިވެސް އެމްޓީސީސީ އެވެ. އިގްތިސާދީ މުހިންމު މަސައްކަތްތައް ކުރިއަށް މި ދަނީ ޓީމް އެމްޓީސީސީ އޮތީމަ އެވެ.
ސީއީއޯ ހަލިމް މި އަހަރަށް ކުރައްވާ އުންމީދު ވެސް ވަރަށް އުފާވެރި އެވެ. ކުންފުންޏަށް ލިބެމުންދާ މަޝްރޫއުތައް ގިނަވުމުން މި އަހަރަކީ ވެސް ބޮޑު ފައިދާއެއް ކުންފުނިން ނަގާނެ އަހަރެއް ކަމަށް ހަލީމް ހުންނެވީ ނިންމަވައިގެންނެވެ.
"ކުންފުނީގެ ވިޔަފާރީގެ ދާއިރާތަކުގައި އަޅުގަނޑުމެން ފަހުރުވެރިކަމާއެކު ބުނެލަން، މި ދާއިރާގައި ފުޅާކުރަމުންދާކަން. އެގޮތުން ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު ހުޅުމާލެ- ހުޅުލެ ބަހުގެ ހިދުމަތާ ޒޯން ތިނެއްގައި ދަތުރުކުރާ ފެރީގެ ހިދުމަތާ ތ. އަތޮޅާއި ލ. އަތޮޅުގެ ދަތުރުފަތުގެ ހިދުމަތް ފެށިއްޖެ. ދަތުރު ފަތުރުގެ ނިޒާމު ފެށިފައި އޮތީ ކުއްލި ގޮތަކަށް. އެކަމާ މާބޮޑަށް ޕްލޭން ކުރެވިފައެއް ނެތް. ނަމަވެސް ސަރުކާރާ މަޝްވަރާ ކުރަމުން މިދަނީ ސްޓްރެޖެޓިޖްކޮށް އެކަން ވެސް ގެންދަން،" ހަލީމް ވިދާޅުވި އެވެ.
ކުންފުނިން ދޭ ހިދުމަތްތަކުގައި އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އެބަ ހުއްޓެވެ. ރައްޔިތުންގެ ޝަކުވާތައް ވެސް އެބަ އޮތެވެ. މިސާލަކަށް އެ ކުންފުނިން ދޭ ދަތުރުފަތުރުގެ ހިދުމަތާ މެދު ޝަކުވާ އަބަދު ވެސް އޮވެ އެވެ. ހަލީމް ގަބޫލު ކުރައްވާ ގޮތުގައި އެކަން ވެސް ރަނގަޅު ކުރެވޭނެ އެވެ. ޓީމް އެމްޓީސީސީއަށް އެ ހުރިހާ ކަމެއްގައި އޭނާގެ އިތުބާރު އެބަ އޮތެވެ.
ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެމްޓީސީސީ ހުޅުލެ-މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެންމެ ޒަމާނީ އޭސީ ހުރި ޖާގަ ތަނަވަސް ހަތަރު ބަސް ހިދުމަތައް މި ވަނީ ނެރިފައިވެ އެވެ. އަދި ފެރީތަކުގެ ފެންވަރު ވެސް މަތިކުރުމުގެ މިސްރާބަކަށް މި އޮތީ ހިފައިފަ އެވެ. އަންނަ މަހު އޭސީ ފެރީއެއްގެ ހިދުމަތް ފެށުމަށް ކުންފުނި އޮތީ ތައްޔާރު ވެފަ އެވެ.
އެމްޓީސީސީ އިން އުފެދިގެން އައީ ހަމަ އެކަނި ޔަންމާ އިންޖީނު ވިއްކާ ކުންފުނީގެ ގޮތުގައި ނަމަވެސް އެކަން މިދިޔަ 35 އަހަރުގެ ތެރޭގައި ކުންފުނިން ބަދަލުކޮށްލައިފި އެވެ. ބޮޑެތި ވިޔަފާރިތަކަށް ބޭނުންވާ އެތައް ޒާތެއްގެ އެހާމެ މަޝްހޫރު ބްރޭންޑްތައް އެ ކުންފުނިން އެ އަންނަނީ ވިއްކަމުންނެވެ. އެ ލިސްޓް އަދިވެސް އޮތީ ދިގުވާށެވެ. އެ ކުންފުނީގެ އެނިވާސަރީގެ ހަދިޔާއަކަށް ހަލީމް ދެއްވަން އޮތީ ނުހަނު އުފާވެރި ހަބަރެކެވެ.
"ޖެނުއަރީ މަހު ތެރޭގައި ބޯޓް ބިލްޑިން މެޓީރިއަލް ތައާރަފު ކުރެވޭނެ. މީގެ ބޭނުމަކީ މަސްވެރިންނާ އޮޑިވެރިންނަށް އެތަކެތި އަގު ހެޔޮކޮށް ލިބޭނެ ގޮތް ހަމަޖެއްސުން،" ހަލީމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން، މަސްވެރިންނަށް މަހުން މަހަށް ބަހާލައިގެން އިންޖީނަށް ފައިސާ ދެއްކޭނެ ސްކީމެއް ވެސް މިހާރު މި ވަނީ ތައާރަފުކޮށްފަ އެވެ. އަދި ރަށްރަށުން ސްޕެއާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ރަށްރަށުގައި އިންޖިނޭރުން ވެސް ވަނީ ހަމަޖައްސައިފަ އެވެ. ޓީމް އެމްޓީސީސީ މި އޮތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަތުގުޅާލައިގެން އެކީ އެކަތިގަނޑެއްގެ ގޮތުގަ އެވެ.
"މަސްވެރިއަކު އޮޑިއެއް ގަންނަން ބޭނުންވީމަ އޮޑިވެރިޔާގެ ގެ މި ރަހުނު ކުރަނީ އެ މީހެއްގެ ގެ. ރަހުނު ކޮށްފައި އޮޑި ބަނދެ ނިމޭއިރު އިންޖީނު އަޅާނެ ފައިސާއެއް އެ މީހަކު އަތަކު ނުހުރޭ. އެހެންވެ އެކަމަށް ހައްލު ހޯދުމަށް ބޯޓު ބިލްޑިންގެ މަސައްކަތް އަންނަ އަހަރު ފެށޭނެ. އޭރުން އެ އޮޑިއެއް ދޫކުރެވޭނީ އިންޖީނު އަޅައި ނިންމާފަ. މިހެން ހެދުމުން ފުލް ޕެކޭޖެއްގެ ގޮތުގައި އުޅަނދު ލިބޭނެ. އޭރުން ދިގު މުއްދަތުން ފައިސާ ދައްކާ ހަލާސް ކުރެވޭނެ،" ހަލީމް ވިދާޅުވި އެވެ.
ބިން ހިއްކުން ފުޅާކުރަން: ކުންފުނީގެ އަމާޒު
އެމްޓީސީސީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި ބިން ހިއްކާނެ އެންމެ ޒަމާނީ ޑްރެޖަރެއް ހޯދުމަށް މިހާރު މި ވަނީ ދުރާލައި ފައިސާ ވެސް ދައްކާފަ އެވެ. ނެދަލޭންޑްގެ ބަނދެގެން ގެންނަ ބިން ހިއްކާ މި އުޅަނދުގެ ސަބަބުން އެމްޓީސީސީގެ މަސައްކަތް ފުޅާވެގެން ދާނެ ކަމަށް ސީއީއޯ ހަލީމް ވިދާޅުވި އެވެ.
"މީގެ ސަބަބުން ރާއްޖޭގައި ވެސް ބިން ހިއްކުން ފުޅާ ކުރެވޭނެ. މިސަރަައްދުގައި ވެސް ފުޅާކުރަން ފުރުސަތު ލިބޭނެ،" ހަލީމް ވިދާޅުވި އެވެ. ބިން ހިއްކައިގެން ވަރުގަދަ ފައިދާއެއް ހޯދުމަށް ކުންފުނިން މިތީ އަތުކުރި އޮޅާލައިގެންނެވެ.
އެމްޓީސީސީން މިހާރު 100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިފި އެވެ. މީގެ އިތުރުން ތިން ރަށެއްގައި މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޑްރެޖަރާ އެކު އެ އަދަދު ޑަބަލް ކޮށްލެވޭނެ ކަމުގެ ޔަގީންކަން ކުންފުނީގައި އެބަ އޮތެވެ.
ހަލީމް ވިދާޅުވީ މި އަހަރު މިހާރުވެސް 2.1 ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދާ ކަމަށެވެ. މި ހުރިހާ ކާމިޔާބީއެއްގެ ހަގީގީ މިލްކްވެރިންނަކީ ޓީމް އެމްޓީީސީސީ އެވެ. އެ މީހުންނަށް މި ކުރިއެރުންތަކުގެ ޝުކުރު ހައްގެވެ. ހިތްވަރާ އެކު ކުރިއަށް ވަޑައިގަންނަވާށެވެ. ޓީމް އެމްޓީސީސީއަށް ހަމަ ސާބަހެވެ!
"ކުންފުންނަށް 35 އަހަރު ފުރޭއިރު ކުންފުނި ހިންގުމުގައި ހަރަކާތެރިވި މެނޭޖުމަންޓާއި ހުރިހާ މުވައްޒަފުން ނަށް ހާއްސަ ޝުކުރެއް ދަންނަވާލަން. ކުންފުނީގެ ކާމިޔާބުގެ ސިއްރަކީ މުވައްޒަފުންނާއި ސަރުކާރު، ހިއްސާދާރުން ނަށް ފައިދާ ހުރި ކުންފުންޏަކަށް ހަދާނަން،" ހަލީމް ވިދާޅުވި އެވެ.