ރިޕޯޓް

ހިއްސާ ނުބެހުމަށް ވުރެ އެމްޓީސީސީ ހިއްސާދާރުންނަށް ބޮޑުވީ މަހާޖައްރާފު!

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާއްމު ޖަލްސާ ރޭވަނީ ހޮޓެލް ޖެންގައި ބާއްވާފަ އެވެ. މި ޖަލްސާއަކީ މި ކުންފުނީގެ ފަހުގެ ތާރީހުގައި ހިއްސާދާރުންނަށް ފައިދާ ނުބަހަން ނިންމި އެއް ޖަލްސާ އެވެ. މިދިޔަ އަހަރު ހިއްސާދާރުން ގެއަށް ދިޔައީ ހުސް އަތާ އެވެ. އަދި މިދިޔަ އަހަރު ކުންފުންޏަށް 34 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ. ނަމަވެސް އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންނަށް ސުވާލު ކުރަން ފުރުސަތު ހުޅުވާލުމާއެކު ކުރި ސުވާލުތަކުގެ ބޮޑުބައި އަމާޒުކުރީ ނިމިދިޔަ އަހަރު އެމްޓީސީސީއަށް ގެނައި 36 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 556 މިލިއަން ރުފިޔާ) ގެ ކޮންނަ ބޯޓު މަހާ ޖައްރާފުގެ މައްސަލާގަ އެވެ. ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޝާހު އެންމެ ބިޒީވީ މަހާޖައްރާފުގެ ސުވާލު ތަކަށް ޖަވާބު ދެއްވުމުގަ އެވެ. ތިރީގައި އެވަނީ ހިއްސާދާރުން ކުރި ބައެއް ސުވާލުތަކާއި ސީއީއޯ ޝާހުގެ ދެއްވި ޖަވާބު ތަކެވެ.

އެއް ސުވާލެއްގެ ގޮތުގައި ހިއްސާދާރެއް ކަމަށްވާ އަބްދުލް ބާރީ ހުށަހެޅީ، މަހާޖައްރާފު ބަނުމުގެ އެއްބަސްވުމުގައި ހޮލެންޑް ކުންފުންޏާއެކު ސޮއިކޮށް އެޑްވާންސް އަށް 11 މިލިއަން ޑޮލަރު ދީފައި ތޯ އެ މައްސަލަ ޑިރެކްޓަރުންގެ ބޯޑަށް ގެނައީ؟ ނޫނީ ބޯޑުން އެޕްރޫއަލް ދީގެން ތޯ އެގްރީމެންޓުގައި ސޮއިކުރީ؟

މަހާޖައްރާފު ގަތުމުގެ ޕްރޮސެސްގައި ބޯޑުގައި މަޝްވަރާ ކުރެވުނު. އެހެންނަމަވެސް އެގްރީމަންޓް އެމްޓީސީސީ ބޯޑަށް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް

މަހާ ޖައްރާފު ރަޖިސްޓްރީކޮށްފައިވަނީ ކޮން ގައުމެއްގައި ތޯ؟

މާޝަލް އައިލެންޑްސްގައި

36 މިލިއަން ޑޮލަރުގެ އަސްލު ރަޖިސްޓްރީ އޮތީ އެމްޓީސީސީގައި ތޯ؟ މަހާޖައްރާފުގެ ހަގީގީ މިލްކުވެވި ފަރާތަކީ ކޮބައި ތޯ؟

މަހާޖައްރާފު ރަޖިސްޓްރީ ކުރެވުނީ މާޝަލް އައިލެންޑްސްގައި. އެތަނުގައި ރަޖިސްޓްރީ ކުރި ފަރާތުން އެގޮތަށް އެދޭތީ. ނަމަވެސް ރެޖިސްޓްރޭޝަން ސެޓިފިކެޓް އެމްޓީސީސީގައި އެބައޮތް. ލޯނެއްގެ ދަށުން ގަނެފައި އޮތް އެއްޗަކަށްވީމަ މުޅިން އެމްޓީސިސީގެ ދަށަށް އަންނާނީ ލޯނު ދައްކާ ނިމުނީމަ.

މީގެ އިތުރުން ބައެއް ހިއްސާދާރުން ވަނީ މަހާޖައްރާފު ގަންނަން 11 މިލިއަން ޑޮލަރު ބޭނުންވެެގެން ސަރުކާރުން އެ ފައިސާ ހަމަޖައްސައިދީ، ހިއްސާގެ އަގު 50ރ. އިން 5ރ. އަށް ބަދަލުކޮށް، ހިއްސާ ވިއްކައިގެން ލިބުނު ފައިސާ ކޮބައިތޯ ވެސް ސުވާލުކޮށްފަ އެވެ.

އެމްޓީސީސީއިން ވަނީ މި އަހަރު މަހާޖައްރާފުން ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ކުންފުނީގެ ސީއީއޯ ޝާހު ވިދާޅުވެފައިވާ ގޮތުގައި މަހާޖައްރާފު ބޭނުން ކޮށްގެން މިހާރު ކުރަމުން ގެންދަނީ ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތެވެ. އޭގެ ފަހަށް ކ. ހުރަ އާއި ދ. މާއެބޫދޫގައި މަސައްކަތް މަހާޖައްރާފުން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، މާހަޖައްރާފަކީ 24 ގަޑިއިރު އޮޕަރޭޓް ކުރާ ގޮތަށް ގެނެސްފައިވާ ޑްރެޖަރެއް ކަމަށާއި އެމްޓީސީސީއަށް މަހާޖައްރާފުން ފައިދާ ވާނީ އެ ބޭނުންކޮށްގެން ކުރިއަށް ގެންދާ ޕްރެޖެކްޓުތައް ކައިރި ކައިރީގައި ލިބިގެން ކަމަށެވެ.

"އެއީ [މަހައްޖައްރާފު] އަކީ 24 ގަޑިއިރުގެ އޮޕަރޭޝަަނަށް ގެނެސްފައިވާ އެއްޗެއް. އެގޮތަށް މަސައްކަތް ކުރެވޭނެމަ އެއިން ފައިދާ ކުރާނެ،" ޝާހު ވިދާޅުވި އެވެ.

ޝާހު މިއަދު ވިދާޅުވީ، މަހާޖައްރާފު ފަދަ ޑްރެޖަރެއް ރާއްޖޭގައި އޮތުން މުހިންމު ކަމަށާއި އެހެންނޫނީ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނީ ބޭރު ގައުމުތަކުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ.

"އެވަރުގެ ޑްރެޖަރެއް ނެތްނަމަ މިހުރިހާ އެއްޗެއް ދާނީ ކޮންމެވެސް ބޭރު ކުންފުންޏަކަށް އެހެންވީމާ ދައުލަތަށް މިވަރުގެ އެސެޓެއް އޮތުން މުހިންމު، އޭރުން ދައުލަތުގެ ހުރިހާ މިކަހަލަ މަސައްކަތެއް ކުރެވޭނެ އެއީ އެޑްވާންޓޭޖެއް،" ޝާހު ވިދާޅުވި އެވެ.

މަހާޖައްރާފުއަކީ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުންނަ އުޅަނދެކެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.