ރިޕޯޓް

ބަނދަރު މަޝްރޫއާއެކު ކުޅުދުއްފުށީ މޫދު ކުޅިވަރަށް ހިޔަނި!

ހދ. ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެގެން ބޮޑު ނުތަނަވަސްކަމެއް މެދުވެރިވި މަޝްރޫއެކެވެ. އެ މަޝްރޫއަށް ރަށުގެ އެންމެ ރީތި ސަރަހައްދު ސުންނާފަތިކޮށްލާތީ މުޅި ރާއްޖެއިން އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މީހުން ނުކުތެވެ. ނަމަވެސް އެންމެ ފަހުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުންގެ ވެސް ބޭނުންވާތީ އެކަން އެގޮތަށް ކޮށް، ކުޅި ސުންނާފަތިކޮށްލީ އެވެ. އަނެއްކާވެސް ކުޅުދުއްފުށީގެ ބޮޑު މަޝްރޫއެއް ފެށުމަށް މިހާރު މިވަނީ ތައްޔާރުވެފަ އެވެ.

ކުޅުދުއްފުށީގައި ޒަމާނީ އާ ބަނދަރެއް ހެދުމަށް ޕްލޭންކޮށްފައި އޮންނަތާ މިހާރު އަހަރުތަކެއްވެއްޖެ އެވެ. ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ވެސް އެ މަޝްރޫއު ބަޖެޓްގައި ހިމެނި އެވެ. އެކަމަކު އަމަލީ އެއްވެސް ސިފައެއް މަޝްރޫއުގައި ނުޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުޅުދުއްފުށީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރައްވަން ވައުދުވެވަޑައިގެންފަ އެވެ. އެގޮތުގެ މަތިން ރައީސް ސޯލިހުގެ ސަރުކާރު ފެށުނުތަނާހެން އެންމެ އަވަހަށް ފެއްޓެވި މަޝްރޫއުއަކީ ކުޅުދުއްފުށީ ބަނދަރުގެ މަޝްރޫއު އެވެ. އެ މަޝްރޫއުއަށް ކުރިން ވެސް ޕްލޭން ކުރެވިފައިވާ ގޮތަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެ މަޝްރޫއުގެ ދަށުން މުދާ އުފުލުމަށް ހާއްސަ ބަނދަރެއް ހެދުމާއި އާ ނެރެއް ހަދާނެ އެވެ. ކުދި އުޅަނދުތައް އެޅުމަށް ޖެޓީ ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުމުގެ އިތުރުން ފެރީ ޓާމިނަލް އިމާރާތެއް ހެދުމާއި އެ އިމާރާތުގައި ފެރީ ޓިކެޓު ވިއްކުމަށް ކައުންޓަރުތަކާއި އޮފީހާއި ރީޓެއިލް ފިހާރައަަކާއި ނަމާދު ކުރާނެ ތަނެއް އަދި ކެފޭ ފަދަ ތަންތަން ހަދާނެ އެވެ. އޭގެ އިތުރުން މަސް މާރުކޭޓަކާއި ކުދި އުޅަނދުފަހަރު ބޭނުން ކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ވޯޓާ ފްރަންޓު ޒޯނެއް ވެސް ހަދާނެ އެވެ. މި ބަނދަރު ހަދަން ނިންމާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށިން ހިއްކި ބިމުގަ އެވެ. އެ ބިމުގެ ދެ ކޮޅުގައި މިހާރު ވެސް ދެ ބަނދަރެއް އޮވެ އެވެ. އެއީ ލޯކަލް ބަނދަރަކާއި ސަރަހައްދީ ބަނދަރެކެވެ. ލޯކަލް ބަނދަރު މިހާރު ކުޅުދުއްފުއްޓަށް ކުޑަ ކަމުގެ ޝަކުވާ ބޮޑެވެ.

މިހާރު އުފެދިފައިވާ އެންމެ ބޮޑު ޝަކުވާއަކީ އާ ބަނދަރު ހެދުމަށް ބޭނުން ކުރާ ސަރަހައްދުގެ ސަބަބުން ކުޅުދުއްފުށީގެ މުސްތަގުބަލަށް ގެއްލުންވުމެވެ. އެ ބަނދަރު ހަދާ ސަރަހައްދަކީ މިހާރު ކުޅުދުއްފުށީގައި މީހުން މޫދަށް ގޮސް، ޒުވާނުން މޫދު ކުޅިވަރު ކުޅޭ ސަރަހައްދެވެ. ގޮތަކަށް ބުނާނަމަ، ކުޅުދުއްފުށީގައި ސަލާމަތުން އޮތް ހަމައެކަނި ބީޗެވެ. މޫދު ކުޅިވަރަކީ ކުޅުދުއްފުށީގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމެކެވެ. ބޭރުން ތަޖުރިބާކާރުން ގެނެސްގެން ބައެއް ފެސްޓިވަލްތައް ވެސް ޒުވާނުން އިސްނަގައިގެން ބާއްވަމުންދެ އެވެ. މޫދު ކުޅިވަރަށް އެ ސަރަހައްދަކީ ވަރަށް ރަނގަޅު ތަނެކެވެ.

އެގޮތުން މިފަހުން އެތަނުގެ މޫދު ކުޅިވަރުގައި ބައިވެރިވުމަށް ކުޅުދުއްފުއްޓަށް ދިޔަ ވޯލްޑް ކައިޓް ބޯޑިންގެ ޗެމްޕިއަންކަން ދެފަހަރަށް ހޯދާފައިވާ ޔޫރީ ޒޫން ވެސް ވަނީ ކައިޓް ބޯޑިންއަށް އެ ސަރަހައްދަށްވުރެ ވަކި ރަނގަޅު ތަނެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ. އެ ސަރަހައްދު ނައްތާލައި ނުލާ ބޭއްވުމަށް މަސައްކަތް ކުރުމަށް އޭނާ އެދިފައިވެ އެވެ.

ކުޅުދުއްފުށީގައި މޫދު ކުޅިވަރު ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޒުވާނަކު ބުނި ގޮތުގައި، ބަނދަރުގެ ސަބަބުން އެ ތަން ގެއްލިގެންދާއިރު ބަނދަރާއެކު ލިބޭ 200 މީޓަރުގެ ކުޑަ ޒޯނަކީ މޫދު ކުޅިވަރަށް އެންމެ އެކަށީގެންވާ ތަނަކަށް ނުވާނެ އެވެ. އެ ވަރު ތަނެއްގައި ގިނަ މޫދު ކުޅިވަރުތައް ކުރިއަށް ނުގެންދެވޭނެ އެވެ.

"މުސްތަގުބަލަށް ވިސްނަމާ ހިނގާ، ރަށަށް އާމްދަނީ ވަންނާނެ ގޮތެއް ބޭނުންވޭ، އެކަމަށް އޮތީ ލޯކަލް ޓޫރިޒަމް، ވެލިގަނޑު އޮތީ ހަމަ އެއްކޮށް، ވެލިގަނޑު ބީޗް ފްރަންޓް ހުޅުމާލެ ގޮތަށް ތަރައްގީ ކުރެވިއްޖެނަމަ ޒުވާނުންނަށް ވަޒީފާ ލިބި ރަށަށް ޑޮލަރު ވެސް ލިބޭނެ، ބީޗް ފްރަންޓް ގެއްލޭ ގޮތަށް ބަނދަރު ހެދުމުން ގެސްޓް ހައުސްތަކެއް އެޅިޔަސް އެއިން ލިބޭނެ ފައިދާއެއް ނޯންނާނެ،" އެ ޒުވާނާ ބުންޏެވެ.

"އެއާޕޯޓް ވެސް މިއޮތީ އެޅިފަ، އޭގެން ފައިދާވާނެ ގޮތެއް ވެސް ހޯދަން ޖެހޭނެ، އެގޮތަކީ ޓޫރިޒަމް، ކުޅުދުއްފުއްޓަށް މިހާރު އެންމެ ބޭނުން ވަނީ ލޯކަލް ޓޫރިޒަމް، މޫދު ކުޅިވަރާ ނުލާ އެ ޓޫރިޒަމް ގެންނަން އުނދަގޫ ވާނެ، 200 މީޓަރުގެ ޒޯނެއްގައި މޫދު ކުޅިވަރު ކުޅެން ޓޫރިސްޓުން ގެންނަން އުނދަގޫ ވާނެ،"

އެ ޒުވާނުން ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ބައްދަލުކޮށް އެ ޝަކުވާތައް ހިއްސާ ވެސް ކޮށްފަ އެވެ. އެފަދަ ޝަކުވާތަކެއް ހުރިނަމަ އެކަންކަމަށް ބައްލަވާނެ ކަމަށް ނައިބު ރައީސް ދަންނަވާފައިވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.

"އާ ބަނދަރު މަޝްރޫއާ ދެކޮޅީއެއް ނޫން، އެއީ ވެސް މުހިންމު ކަމެއް، މި ރަށާއި ސަރަހައްދުގެ ތަރައްގީއަށް ކޮންމެހެން ބަނދަރު ފުރިހަމަ ވަސީލަތްތަކާއެކު ބޭނުންވޭ، އައިސްޕްލާންޓް ވެސް ބޭނުންވޭ، ހދ. އަތޮޅު މަސްވެރިންނަށް އައިސް ލިބޭނެ ތަނެއް ނެތް، އުޅަނދުތައް މަރާމާތު ކުރެވޭނެ ގޮތް ފަހިވާން ޖެހޭ، މިހާރު މިދަނީ ކ. ގުޅި ނޫނީ ތިލަފުއްޓަށް މަރާމާތަށް، އެކަމަކު މި އެދެނީ މި ނޫން ތަނެއްގައި ބަނދަރު ހަދަން،" ޒުވާނާ ބުންޏެވެ.

މި މަޝްރޫއާ ގުޅިގެން ނިމިގެންދިޔަ ސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވި އެވެ. މަދު ބަޔަކު ދިޔަ އެ ބައްދަލުވުމުގައި އެންމެންހެން ވެސް ބަނދަރު މަޝްރޫއުއަށް ތާއިދުކުރި އެވެ. ނަމަވެސް އޭރު ވެސް ބަނދަރު އަޅާނެ ސަރަހައްދާމެދު ހިޔާލު ތަފާތުވި އެވެ. އެ ސަރަހައްދުގައި ބަނދަރު އަޅައިގެން މުސްތަގުބަލަށް އެންމެ ފައިދާވާނެ ކަމާމެދު އޭރު ވެސް ސުވާލު އުފެއްދި އެވެ. ބައެއް މީހުން ކުޅުދުއްފުށީ ކުޅި އޮތް ސަރަހައްދަށް ބަނދަރު ބަދަލުކުރަން ތާއިދު ކުރި އެވެ.

މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުން ވެސް މިހާރު ބޭނުން ވަނީ އާ ބަނދަރު، ކުޅުދުއްފުށީ އެއާޕޯޓާ ގުޅިގެން ލިބިފައިވާ ރަށަށް އިތުރުވެފައިވާ ބަޔަށް ބަދަލުކުރާށެވެ. އެއީ އެއާޕޯޓާއި ލޯކަލް ބަނދަރާ ދެމެދުގައިވާ ސަރަހައްދެވެ. އެ ސަރަހައްދަކީ އެއާޕޯޓަށް ބިން ހިއްކުމާ ގުޅިގެން ވަރަށް ބޮޑުވެފައިވާ ސަރަހައްދެކެވެ. ވަގުތީ މަސް މާރުކޭޓް މިހާރު ވެސް ހުރީ އެ ސަރަހައްދުގަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ބަނދަރު ހެދުމަކީ ވާނެ ކަމެއްތޯ ބެލުމަށް އެއްވެސް ދިރާސާއެއް ނެތެވެ.

އެހެންނަމަވެސް، އާ ބަނދަރު ހަދަން މިހާރު ރަށުގައި އޮތް ހަމައެކަނި ބީޗް ފްރަންޓް ނައްތާލައިފިނަމަ، އޭގެ ގެއްލުން އެތައް ގޮތަކުން ވާނެ އެވެ. އަލުން ބީޗް ފްރަންޓެއް ހަދަން ބޭނުންވި ނަމަވެސް އެކަމަށް ދެން އޮންނާނީ ރަށުގެ ފުއްޓަރެވެ. އެތަން އެފަދަ ގޮތަކަށް ބަދަލުކުރަން މުޅި ސަރަހައްދު ޝީޓް ޕައިލްކުރުން ފަދަ ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ އެވެ. އެހެންވެ، ޒުވާނުން އެދެނީ ބަނދަރު މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު މި ސަރުކާރުން އަލުން ހޯދުމަށެވެ. އަދި އެމީހުންގެ އުއްމީދުުތައް ނައްތާނުލުމެވެ.