މިނިސްޓްރީ އޮފް ޓޫރިޒަމް

ލިސްޓަށް ކުއްލި ބަދަލެއް؛ ކޮމަންޑޫ ދާއިރާގެ ތިން ރަށެއް ހިމަނައިފި

Jan 17, 2022
1

ދުބާއީ އެކްސްޕޯގައި ރިސޯޓު ހަދަން އިއުލާނުކުރި 18 ރަށް މިއަދު ބީލަމަށް ހުޅުވާލި ފަހުން އިތުރު ތިން ރަށެއް ނަން ރިސޯޓް ހަދަން ނެރުނު ލިސްޓަށް އިތުރުކޮށްފި އެވެ. ލިސްޓަށް އިތުރުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބައި އިލެކްޝަނެއް އޮންނަ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ތިން ރަށެކެވެ.

ކޮމަންޑޫ ގޮނޑި ހޯދަން ސަރުކާރުން ބޮޑު ކެންޕެއިން ހިންގަމުންދާ ދަނޑިވަޅުގައި ރިސޯޓް ހަދަން ނެރުނު ލިސްޓްގައި އަލަށް ހިމަނާފައިވަނީ ށ. ދިގުރަށާއި މެދުރަށް އަދި އެ އަތޮޅު މައިރަށެވެ. ދުބާއީގައި އިއުލާނުކުރި ލިސްޓްގައި އޮތީ ކުޑަޅައިމެންދޫ އެކަންޏެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ދުބާއީގައި އޮތް ރާއްޖޭގެ އިންވެސްޓްމަންޓް ކޮންފަރެންސުގައި މި 18 ރަށް ދުރާލާ އިއުލާނު ކުރީ މި ރަށްތަކަށް ޝައުގުވެރިކަން އިތުރު ކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ މި ރަށްތަކުގެ ބިޑް ފޮތްތައް ވިއްކަން ފަށާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން މި ރަށްތައް ތިން އަހަރު ތެރޭގައި ހަދައި ހުޅުވަން ޖެހެ އެވެ. މި ފަހަރު އިއުލާނުކުރި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ނުވަތަ އެކުއެޒިޝަން ކޮސްޓް ޖަހާފައިވަނީ 10.40 ހެކްޓަރު ހުންނަ މ. މާއުސްފުށި އެވެ. އެ ރިސޯޓުގެ އަގަކީ 1.5 މިލިއަން ޑޮލަރެވެ. ދެން އެންމެ މަތީ އަގެއް ޖަހާފައިވަނީ 17 ހެކްޓަރު ހުންނަ ގއ. މާރެހާ އެވެ. އެ ރަށަށް 1.4 މިލިއަން ޑޮލަރުގެ އަގެއް ޖަހާފައިވެ އެވެ. މީގެ އިތުރުން ދެން އޮތީ 14.70 ހެކްޓަރުގެ ށ. ކުޑަޅައިމެންދޫ އެވެ. އެ ރަށުގެ އަގަކީ އެއް މިލިއަން ޑޮލަރެވެ.

އެންމެ ކުޑަ އަގުގައި އުޅެނީ ރ. އެއްތިގިލި އާއި ފ. އެނބުލުފުށްޓާއި ފ. ޖިންނަތު ގައު އެވެ. މި ރަށްތަކުގެ އަގު އުޅެނީ ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގަ އެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ގިނައިން އެނދު ތަރައްގީ ކުރަން ނިންމާފައިވަނީ ގއ. މާރެހާ 490 އެނދާއި ށ. ކުޑަޅައިމެންދޫގައި 430 އެނދެވެ.
ސަރުކާރުން ވަނީ މީގެ ކުރިން ވެސް ރިސޯޓު ހަދަން ރަށްތަކެއް ހުޅުވާލާފަ އެވެ. ނަމަވެސް އެ ފަހަރު އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެ އެވެ. މި ރަށްތަކުގެ ތެރެއިން އެވޯޑު ކުރެވޭ ވަރުވީ އެންމެ ރަށެކެވެ. އެ ރަށް ލިބުނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

އަލަށް ރިސޯޓު ހަދަން ރަށްތަކެއް ނެރުނުއިރު 118 ރަށެއް ރިސޯޓު ހަދަން ދޫކޮށް ނުހެދި ވެއެވެ. މީގެ ތެރޭގައި 23 ފަޅެއް ވެސް ހިމެނެ އެވެ.