މާލޭގެ ހަނިމަގުތަކުން އަވަހަށް ގެއަށް ދިއުމަށް ތަފާތު އުކުޅުތައް ބޭނުންކުރެން ޖެހޭ ކަމަށާއި އަދި ނިއުޒީލޭންޑްގެ ކުޅުންތެރިންނަށްވުރެ ދިވެހި ކުޅުންތެރިން ހުނަރުވެރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.
ނިއުޒީލޭންޑުގެ ގައުމީ ޓީމަށް ވޯލްޑް ކަޕުގައި ކުޅެ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ގައުމުގެ ކޯޗަކަށް މަސައްކަތް ކުރި ހާބަޓް މިހެން ބުނީ ރާއްޖޭގައި އޭނާ ހޭދަކުރި ތިން މަސްދުވަހުގެ ތަޖުރިބާއާ ބެހޭ ގޮތުން މަޝްހޫރު ފުޓްބޯޅަ ވެބްސައިޓް އީއެސްޕީއެން އެފްސީ އަށް މިހަފުތާގައި ލިޔުނު ކޮލަމުގަ އެވެ.
"މާލޭގެ އާބާދީ އަކީ ގާތްގަނޑަކަށް 150000 މީހުން. ސައިކަލެއްގައި މާލެ ވަށައި ބުރެއް ޖަހަން 15 މިނިޓްވާނެ. ސައިކަލަކީ މާލޭގައި ދަތުރުފަތުރު ކުރަން ބޭނުންކުރާ މައިގަނޑު ވަސީލަތް. މިއީ ވަރަށް މަޖާ ކަމެއް. އެކަމަކު ހަނި މަގުތަކާއި ޖެހިޖެހިގެން ހުރި އިމާރާތްތަކުގައި ބޮޑިވެގެން ބައިވަރު މީހުން ތިބޭ. މިއީ ދުނިޔޭގައި އެންމެ ތޮއްޖެހިފައި އޮތް ސިޓީ. ބައެއް ފަހަރު ދާން ބޭނުންވާ ތަނަކަށް އަވަހަށް ދިއުމަށް (މަގުތަކުގައި) ވަރަށް ތަފާތު އުކުޅުތައް ބޭނުންކުރަންޖެހޭ،" 2005 އިން 2013 ވަނަ އަހަރާ ހަމައަށް ނިއުޒީލޭންޑްގެ ކޯޗުކަން ކުރި ހާބަޓް ލިޔެފައިވެ އެވެ.
"ވަށައިގެން އޮތީ މޫދު. އަދި މީހުން ހަދައިފައިވާ (އާޓިފިޝަލް) މޫދު އެއް ފަރާތުގައި އޮވޭ. އެއީ ފަތާލަން ވަރަށް ފައްކާތަނެއް. ބައިނަލް އަގްވާމީ އެއާޕޯޓް އޮތީ ލޯންޗެއްގައި އެންމެ ދެމިނިޓުން ދެވޭ ހިސާބުގައި. މާލެ އަކީ އަހަރެންގެ އަމިއްލަ ރަށް (ނިއުޒީލޭންޑްގެ) އޯކްލޭންޑާ ވަރަށް ތަފާތުތަނެއް،" ނިއުޒީލޭންޑްގެ ގައުމީ ޓީމަށް 61 މެޗު ކުޅެ ހަތް ގޯލު ޖަހާދީފައިވާ ކޯޗު ލިޔެފައިވެ އެވެ.
ކުރިން ޑިފެންޑަރަކަށް ކުޅުނު ގައުމީ ކޯޗު ބުނީ އޭނާ ދިރިއުޅެނީ ރާއްޖޭގެ ފުޓްބޯޅައިގެ މައި މަރުކަޒު ކަމަށްވާ އެފްއޭއެމުގައި ހުންނަ އެޕާޓްމަންޓެއްގައި ކަމަށާއި އެތަނާ ޖެހިގެން ޕްރެކްޓިސް ކުރާ ދަނޑުތައް އޮތުމުން ޓީމުތަކުގެ ހަރަކާތްތައް ގަވާއިދުން ބަލަން އޭނާ އަށް ވަރަށް ފަސޭހަކަމަށެވެ.
ނިއުޒީލޭންޑް ކުޅުންތެރިންނަށްވުރެ ރާއްޖޭގެ ކުޅުންތެރިން ހުނަރުވެރި
ކޯޗު ބުނީ ނިއުޒީލޭންޑްގެ ކުޅުންތެރިންނަށްވުރެ ރާއްޖޭގެ ކުޅުންތެރިން ހުނަރުވެރި ކަމަށެވެ. ނަމަވެސް ފިޒިކަލީ ގޮތުން ފިޓްވާންޖެހޭ ކަމަށެވެ.
"ނިއުޒީލޭންޑްގެ ކުޅުންތެރިންނާ އަޅާ ބަލާއިރު ރާއްޖޭގެ ކުޅުންތެރިން ޓެކްނިކަލީ ވަރަށް ރަނގަޅު. އެކަމަކު އެމީހުން އެބަޖެހޭ ވަރުގަދަ ބަޔަކަށްވެ ފިޓްކޮށްތިބެން. މިހެންވެ އަހަރެންގެ އަމާޒަކީ ކުރިއަށް ހުރި މަސްތަކުގައި ފިޒިކަލް ރަނގަޅު ކުރަން އިސްކަންދިނުން،" ކޯޗު ބުންޏެވެ.
ރާއްޖޭގެ ކުލަބުތަކަށް ގަވާއިދުން ސްޕޯޓްސް ސައިންސްގެ ޕްރޮގްރާމްތައް ހިންގުން މުހިންމުކަން ފާހަގަ ކުރަމުން ކޯޗު ވަނީ ދިވެހި ކުޅުންތެރިންނަކީ ދުވާލުގެ ބޮޑުބައެއްގައި ވަޒީފާ އަދާކޮށްފައި ޕާޓްޓައިމަށް ފުޓްބޯޅަ ކުޅޭ ބައެއްކަން ވެސް ފާހަގަކޮށްފަ އެވެ.
ނަމަވެސް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ކުޅުންތެރިންގެ ފަރާތުން ދަނޑުމަތީގައި ވަރަށް ބޮޑު ކުރިއެރުންތައް ފެންނާނެ ކަމުގެ ޔަގީންކަން ކޯޗު ދީފައިވެ އެވެ.
ސާފް ސުޒުކީ ކަޕުގައި ރާއްޖެ
ކޯޗު ބުނީ އަންނަ ބުދަ ދުވަހު އިންޑިޔާގައި ފަށާ ސާފް ސުޒުކީ ކަޕުގައި ރާއްޖެ ވާދަކުރާއިރު އެ މުބާރާތުގައި ރާއްޖެ އަކީ މުއްސަދި ތާރީހެއް އޮތް ބައެއް ކަމަށެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި ކުރީގެ ޗެމްޕިއަން ބަނގްލަދޭޝް އާއި ބޫޓާން ހިމެނޭ ގްރޫޕުގެ މެޗުތަކަށް ކެތްމަދުވެފައި ހުރިކަން އޭނާ ފާހަގަ ކުރި އެވެ. އޭގެ އެއް ސަބަބަކީ މުބާރާތް ބާއްވާ އިންޑިޔާއަކީ ކޯޗެއްގެ ގޮތުން އޭނާ މަސައްކަތްކޮށްފައިވާ ގައުމަކަށްވުމެވެ. ހާބަޓް ވަނީ އިންޑިއަން ސުޕަ ލީގުގައި ނޯތް އީސްޓް ޔުނައިޓެޑަށް 2014 ވަނަ އަހަރު ކޯޗުކޮށްދީފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިން
ކޯޗު ބުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ރާއްޖޭގެ ގައުމީ ކޯޗުކަމާ ހަވާލުވެ އެންމެ ފުރަތަމަ އިނީ ޗައިނާ އަތުން ރާއްޖެ 3-0އިން ބަލިވި މެޗު ބަލަން ކަމަށެވެ.
"އެހިސާބުން އަހަންނަށް ފާހަގަ ކުރެވުނު ދެ ގައުމުގެ ތަފާތު. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުޅުންތެރިން އިމްޕްރޫވްކުރަން ކުރަންޖެހޭ މަސައްކަތް ލަފާ ކުރެވުނު،" ކޯޗު ބުންޏެވެ.
ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާން އަތުން 4-3އިން މޮޅުވި މެޗެވެ. ކޯޗު ބުނީ އެ މެޗުގައި ރާއްޖެ ހަތަރު ލަނޑު ޖަހާފައި އޮއްވައި ފަހު 10 މިނިޓްގައި ބޫޓާން ތިން ލަނޑު ޖެހީ ކުޅުންތެރިން ފިޓްނުވުމުންނާއި އުހުގައި ކުޅެން ޖެހުމުން ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން ގަތަރު އަތުން 4-0އިން ބަލިވި މެޗާއި މާލޭގައި ހޮންކޮން އަތުން 1-0އިން ބަލިވި މެޗުގައި ގައުމީ ޓީމު ރަނގަޅަށް ކުޅެފައިވާ ކަމަށެވެ.