ރާއްޖެ ކުޅިވަރު

ބަންގަބަންދު ގޯލްޑް ކަޕުގައި ރާއްޖޭގެ ގައުމީ ޓީމު ވާދަކުރަން ނިންމައިފި

ސާފް ސުޒުކީ ކަޕަށް ފަހު ބަނގްލަދޭޝްގައި ޖެނުއަރީ ކޮޅު ބާއްވާ ބަންގަބަނަދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ރާއްޖެ ނިންމައިފި އެވެ.

ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ނާއިބް ރައީސް އަބުދުއްސަލާމް މުރުޝަދީ ވިދާޅުވީ މުބާރާތަށް ރާއްޖެއިން ފޮނުވާނީ ސީނިއާ ގައުމީ ޓީމު ކަމަށް އެފްއޭއެމުން އަނގަބަހުން ޔަގީންކަން ދީފައިވާ ކަމަށެވެ.

"ދިވެހިރާއްޖެ އާއި ނޭޕާލް އާއި ކެމްބޯޑިއާއިން ވަނީ އެމީހުންގެ ގައުމީ ޓީމު މުބާރާތަށް ފޮނުވާނެ ކަމުގެ ޔަގީންކަންދީފައި. މެލޭޝިޔާ އާއި ބަހުރޭނުން ފޮނުވާނީ ސީނިއާ ޓީމު ނުވަތަ އެމީހުންގެ ޖޫނިއާ ޓީމެއް،" މުރުޝަދީ ވިދާޅުވި އެވެ.

މުބާރާތުގައި ދެން ވާދަކުރަނީ ސްރީލަންކާ އެވެ. އެ ގައުމުން ފޮނުވާނީ ކިހާ ފެންވަރެއްގެ ޓީމެއް ކަމެއް އަދި ނުނިންމަ އެވެ.

ޖެނުއަރީ 8 އިން 18 އަށް ބަނގްލަދޭޝްގެ ވެރިރަސް ޑާކާގައި ބާއްވާ މުބާރާތުގައި ޖުމުލަ ބައިވެރިކުރާނީ އަށް ޓީމެވެ. މީގެ ތެރޭގައި ބަނގްލަދޭޝް ނެރޭ ދެ ޓީމު ވެސް ހިމެނެ އެވެ. އެއީ އެ ގައުމުގެ ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމެވެ.

މި މުބާރާތަށް ތައްޔާރުވާން ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފަރިތަކުރަން ފަށާނެ ކަމަށް ވެސް މުރުޝަދީ ވިދާޅުވި އެވެ.

މިއީ މި މުބާރާތް ބާއްވާ ހަތަރު ވަނަ ފަހަރެވެ. އަދި ޗެމްޕިއަން ޓީމަށާއި ދެ ވަނަ ޓީމަށް މިދިޔަ އަހަރަށްވުރެ ބޮޑު ފައިސާގެ އިނާމެއް ދޭން އެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.