މޯލްޑިވްސް ޕޮލިސް ސާވިސް

ޖަޒީލް އަނެއްކާ ހައްޔަރުކޮށްފި

Jan 31, 2022

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާ ދީގެން ހައްޔަރުކުރި މީހާ ދޫކޮށްލާފައި ހުއްޓާ އޭނާގެ މައިންބަފައިންނަށް އިންޒާރު ދީގެން އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

މި ދެ މައްސަލާގައި ވެސް ހައްޔަރުކުރީ އެމްޑީޕީގެ އޮފީހުގައި ކުރިން މަސައްކަތް ކުރި މ. ހަނީކޯމްބް، އަހްމަދު ޖަޒީލް އެވެ.

އެމްޑީޕީގެ އޮފީސް ތެރޭގައި މަންދީ ހުއްޓާ ޗޭނުގަނޑަކުން ޖަހާ ބޯފަޅާލީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ޖަޒީލް ހައްޔަރުކުރި ނަމަވެސް ބަންދުގައި ދުވަސްކޮޅަަކު ބެހެއްޓުމަށްފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މަންދީ އަށް ހަމަލާދިނުމާ ގުޅިގެން ދައުލަތުން ވަނީ ޖަޒީލްގެ މައްޗަށް ދައުވާ ވެސް އުފުލާފަ އެެވެ.

ފުލުހުން އިއްޔެގެ ވަގުތެއްގައި އޭނާ އަލުން ހައްޔަރުކުރީ އަމިއްލަ މައިންބަފައިންނަށް އިންޒާރުދީ ބިރުދެއްކުމުގެ ތުހުމަތުގަ އެވެ.

ޖަޒީލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ވެސް ދީފަ އެވެ.

މަސްތުވާތަކެތި ވެސް ބޭނުންކުރުމުގެ ރެކޯޑް އޮތް ޖަޒީލަށް މާރާމާރީގެ މައްސަލައެއްގައި މީގެކުރިން ވެސް ހުކުމެއް ކޮށްފައިވެ އެވެ.