ބޮލީވުޑް

ސިދާރްތު މަންމަގެ ހާލު ސަލްމާން ބަލާ!

"ބިގް ބޮސް 15"ގެ ގްރޭންޑް ފިނާލޭގައި ޝޯގެ ހޯސްޓް ސަލްމާން ޚާނާއި "ބިގް ބޮސް 13"ގައި ބައިވެރިއެއް ކަމަށްވާ ޝެހެނާޒް ގިލް ބައްދަލުކުރިތަން ފެނިފައި ވެއެވެ. ޝެހެނާޒް މި ޝޯގައި ބައިވެރިވީ އޭނާ އެންމެ ލޯބިވީ ސިދާރްތުއަށް 'ލޯބީގެ ހަދިޔާ' އެއް ދިނުމުގެ ގޮތުންނެވެ. އެއީ ސިދާރްތު އަށް ޚާއްސަކޮށް އޭނާ ލަވަ ޕާފޯމަންސަކުން ދިން ޓްރިބިއުޓެވެ. ކުއްލިއަކަށް ޖެހުނު ހާޓް އެޓޭކެއްގައި ދުނިޔެއާ ވަކިވެފައިވާ ސިދާރްތު އަކީ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންގެ ޓްރޮފީ ހާސިލުކުރި ފަރާތް ވެސް މެއެވެ.

ޝެހެނާޒްގެ ޕާފޯމަންސް ބަލާފައި އެންމެންގެ ލޮލުން ވެސް ކަރުނަ ހިލިގެން ދިޔަ އެވެ. ސަލްމާނުގެ ލޯ ވެސް ކަރުނުން ފުރުނުތަން ޝޯ ބެލި އެންމެންނަށް ވެސް ފާޙަގަ ކުރެވުނެވެ.

ޕާފޯމަންސަށްފަހު ޝެހެނާޒްގެ ލޮލުން އޮހޮރުނު ކަރުނަތައް ސަލްމާން ފޮހެދިންތަން ވެސް ފެނުނެވެ. އަދި ސަލްމާން ވަނީ ޝެހެނާޒަށް ހިތްވަރުދީފަ އެވެ. ސިދާރްތު މަތިން ހަނދާން ނައްތާލައި ދިރިއުޅުމައިގެން ކުރިޔަށް ދިއުމަށެވެ. ސަލްމާން ބުނި ގޮތުގައި އޭނާ އެހެން ބުންޏަސް އެއީ ޝެހެނާޒް އަށާއި ސިދާރްތުގެ މަންމައަށް އެހާ ފަސޭހަ ކަމަކަށް ނުވާނެކަން ޚުދް އޭނާ ވެސް ގަބޫލު ކުރެ އެވެ.

"އަހަރެން ސިދާރްތުގެ މަންމަ އާ ދޭތެރެ ދޭތެރެއިން ގުޅަން. އޭނާގެ ހާލަކީ ކޮބައިތޯ އަހަރެން އަބަދުވެސް އޭނާ ކައިރީ އަހަން. މިހާރު އިތުރު އާ ޒިންމާއެއް ތިއޮތީ ބޮލުގައި އެޅިފައި. ރަނގަޅަށް ޕާފޯމަންސްތައް ދެމުން ދިރިއުޅުމައިގެން ކުރިޔަށް ދިއުމުގެ ޒިންމާ،" ޝެހެނާޒް ކައިރީ ސަލްމާން ބުންޏެވެ.

ސަލްމާން އިތުރަށް ބުނި ގޮތުގައި ޝެހެނާޒް ހަޔާތުގައި ހޯދަމުންދާ ކާމިޔާބީތައް ފެނިފައި އޭނާ ވަރަށް އުފާވެ އެވެ. އަދި އެގޮތުގައި ކުރިޔަށް ދިއުމަށް އޭނާ ޝެހެނާޒަށް ނަސޭހަތްތެރިވި އެވެ.

ދިރިއުޅުމާ މެދު ޝެހެނާޒް ޕޮޒިޓިވްކޮށް ވިސްނާތީ ވެސް ސަލްމާން ތައުރީފުކުރި އެވެ. އަދި މިހާރު އޭނާގެ ސިއްހަތު މާ ރަނގަޅުވެފައި ބުރު ސޫރަ ވެސް މާ ރީތިކަމަށް ސަލްމާން ބުންޏެވެ.

ޝެހެނަޒް މި ޝޯގައި ބައިވެރިވެ ދިން ޕާފޯމަންސް އިން އޭނާ އާއި ސިދާރްތުގެ އެތައް މިލިއަން ފޭނުންނެއް ރޮއްވާލި އެވެ. އަދި މި ޕާފޯމަންސަށް ފަހު އެމީހުންގެ ހިތުގައި ޝެހެނާޒަށް އޮތް ލޯބި އިތުރުވެގެން ދިޔަ ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ޝޯ ބެލި ގިނަ ބަޔަކު އެއްބަސްވި ގޮތުގައި ސަލްމާންގެ ހިތުގައި ޝެހެނާޒް އަށް ޚާއްސަ ކަމެއް ދެވިފައިވާކަން މި ޝޯގައި ވަރަށް ބޮޑަށް ފާހަގަ ކުރެވުނުކަމަށެވެ. ސަލްމާން ކައިވެނި ނުކޮށް ހުރީތީ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓުރީނާ ކައިފް ކައިވެނިކުރި ވާހަކަ އަށް ބިނާކޮށް ޝެހެނާޒް ޖޯކަކަށް ދެއްކި ވާހަކަ ތަކަށް ވެސް ސަލްމާން އަޅާނުލީ އެހެންވެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ..

އަދިވެސް ވަރަށް މުހިއްމު ސުވާލެއް ޝެހެނާޒް ވަނީ ސަލްމާނާ ކޮށްފަ އެވެ. އޭނާ ސިންގަލްތޯ އެވެ؟ މިސުވާލުގެ ޖަވާބު ސަލްމާން ދިނީ ހިނިގަނޑަކުންނެވެ.