މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ "ޕޮލިސް ޝޮޕް" ހުޅުވައިފި

Dec 20, 2015

ފުލުހުންގެ ވެލްފެެއާ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން، ފުލުހުންނާ އާއިލާތަކަށް ހިދުމަތްދޭ ޕޮލިސް ފިހާރައެއް އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވައިފި އެވެ.

ހިތަދޫގައި ޕޮލިސް ޝޮޕެއް ގާއިމްކޮށް އެތަން ހުޅުވީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ ފިހާރައަކީ، އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ހިދުމަތްދިނުމުގެ ގޮތުން ހުޅުވި ފިހާރައެއް ކަމަށެވެ. އެ ފިހާރައިން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ކްރެޑިޓަށް ތަކެތި ނެގޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުތު ޕޮލިސް ޑިވިޒަން ކޮމާންޑާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުވި ފިހަރާއިގެ ސަބަބުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި އާއްމު ރައްޔިތުންނަށްވެސް ވިޔަފާރިކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހިތަދޫގައި ގާއިމްކުރި ޕޮލިސް ޝޮޕަކީ ސިފައިންގެ ޕޮލްކޯއިން ރާއްޖޭގައި ގާއިމްކުރި މިފަދަ ތިން ވަނަ ފިހާރައެވެ. ޕޮލްކޯއިން ދަނީ މާލެއާއި ފޭދޫ ފިނޮޅުގައިވެސް ޕޮލިސް ޝޮޕް ހިންގަމުންނެވެ.