ދައުލަތުގެ ދަރަނި

އަހަރުގެ ފުރަތަމަ މަހު ލޯނަށް ދެއްކި އަދަދު މަތި

މި އަހަރުގެ ފުރަތަމަ މަހު ދައުލަތުން ލޯނު ދައްކަން ހޭދަކުރި އަދަދު މިދިޔަ އަހަރަށް ވުރެ މަތިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ހަފުތާގެ މާލީ ހިސާބު ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި ދައްކަން 251.9 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅުނީ 148.6 މިލިއަން ރުފިޔާގަ އެވެ.

މި އަހަރު ލޯނު ދައްކަން ބަޖެޓް ކޮށްފައި ވަނީ 2.8 ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ދަރަނި މަތިވަމުންދާއިރު، މި އަހަރު ދައުލަތުގެ ބަޖެޓުގެ 15 ޕަސެންޓް ދަރަނި އަދާ ކުރަން ހޭދަ ކުރަން ޖެހޭނެ އެވެ. މި ފައިސާގެ ތެރެއިން ތިން ބިލިއަން ރުފިޔާއަކީ ސީދާ ލޯނު ތަކަށް ދައްކަން މަޖުބޫރުވާ ފައިސާ އެވެ. ނަމަވެސް ސަރުކާރުން ވަނީ ދަރަނި މައިތިރި ކުރަން ސިޔާސަތު ތަކެއް ވެސް ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން ދަރަނި 105 ޕަސެންޓަށް ތިރިކުރުމާއި އަންނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުން ހިމެނެ އެވެ. އަދި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށް ފަހު އަހަރެއް ކުޑަކޮށް މެދުރާސްތާގައި ބެހެއްޓުން ވެސް ހިމެނެ އެވެ.