ބޮލީވުޑް

ފިލްމްފެއާ އެވޯޑު ލަތާ ގަބޫލުނުކުރީ މަޖާ ސަބަބަކާ ހުރެ

އިންޑިޔާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާ ލަތޭ މަންގޭޝްކަރް އިއްޔެ ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. އުމުރުން 92 އަހަރުވީ ލަތާގެ ލަވަކިއުމުގެ ކެރިއަރު 80 އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު އިންޑިއާގެ މިއުޒިކް އިންޑަސްޓްރީއަށް ކޮށްދީފައިވާ ޚިދުމަތް ވަޒަންކުރުމަށް ގިނަ އެވޯޑުތަކެއް އޭނާއަށް ދީފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ބައެއް އެވޯޑުތައް ލަތާ ގަބޫލުނުކޮށް ވަނީ ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ފިލްމްފެއާ އެވޯޑު ހިމެނެ އެވެ.

ފިލްމްފެއާ އެވޯޑުގެ 1958 އަހަރު ބޭއްވި ރަސްމިއްޔާތުގައި "އާޖާ ރޭ ޕަރްދޭސީ" ލަވައިން ލަތާ އޮތީ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ ކެޓަގަރީން ނޮމިނޭޓް ވެފަ އެވެ. ނަމަވެސް އެފަހަރު އޭނާ އެވޯޑު ގަބޫލު ކުރަން އިންކާރު ކުރި އެވެ. ލަތާ އެވޯޑު ގަބޫލު ނުކުރީ އެ އެވޯޑު ފަރުމާ ކޮށްފައިވަ ނީ އަންހެނެއްގެ ބައްޓަމަކަށް ކަމަށް ވެފައި އޭގައި އެ ބައްޓަމުގައި ހެދުމެއް އަޅުވާފައި ނެތީމަ އެވެ. އެންމެ ފަހުން މި އެވޯޑު އިންތިޒާމްކުރި ފަރާތަށް ޖެހުނީ އެ ޓްރޮފީގައި ފޮތިގަނޑެއް ބަނދެ ނިވާކޮށްފައި ލަތާ އާ ހަވާލު ކުރާށެވެ.

ލަތާގެ ލަވަކިއުމުގެ ކެރިއަރުގައި ތިން ފަހަރު ނެޝަނަލް އެވޯޑު އަދި ހަތް ފަހަރު ފިލްމްފެއާ އެވޯޑު ހާސިލު ކޮށްފައި ވެއެވެ. އަދި އިންޑިއާ ސަރުކާރުން އެ ގައުމުގެ ފާހަގަކޮށްލެވޭ މޮޅު މީހުންނަށް ދޭ ދާދާ ސާހަބް ޕާލްކޭ އެވޯޑާއި އެ ގައުމުގެ ރައްޔިތުންނަށް ދެވޭ އެންމެ ގަދަރުވެރި އެވޯޑު ކަމަށްވާ "ބާރަތު ރަތުނަ' ވެސް ލަތާ އަށް ވަނީ ލިބިފަ އެވެ.

ލަތާގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން އަދި ކްރިކެޓްގެ ދުނިޔޭގައި އެންމެ ވިދާ ތަރިންނާއި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.