އާރްޑީސީ

އެމްއާރްޑީސީގެ 10 މުވައްޒަފަކަށް ސްކޮލަޝިޕް ދީފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ 10 މުވައްޒަފަކަށް އެ ކުންފުނިން ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.

މިއަދު ސްޓެލްކޯ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލާޝިޕް ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ދީފައިވަނީ ފޯކަސް އެޑިއުކޭޝަނުން ހިންގާ ޑިޕްލޮމާ އިން ޕްރެޖެކްޓް މެނޭޖްމެންޓް ކޯހުންނެވެ. ފުރުސަތު ދީފައިވާ 10 މުވައްޒަފުންނަކީ އެމްއާރްޑީސީގެ އެކި ގޮފިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނެވެ. މި މުވައްޒަފުން މާލޭގައި ތިބުމާއި ކިޔެވުމުގެ ހުރިހާ ހަރަދެއް އެމްއާރްޑީސީއިން ހަމަޖައްސައިދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެެވެ. ކޯހަކީ އެއް އަހަރާއި ހަ މަސް ދުވަހުގެ ކޯހެކެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްއާރްޑީސީގެ ހެޑް އޮފީހުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެޑްވާންސް އެކްސެލް ޕްރޮގްރާމް ފުރިހަމަ ކުރި މުވައްޒަފުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ދެ މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެމްއާރްޑީސީގެ 17 މުވައްޒަފުން ބައިވެރިވެފައިވާއިރު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ ހަތް މުވައްޒަފުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، އެމްއާރްޑީސީއިން އެންމެ އިސްކަމެއް ދެނީ ގާބިލު މުވައްޒުން ބިނާކުރުމަށް ކަމަށާއި އެގޮތުން މުވައްޒަފުންނަށް ތައުލީމީ ފުރުސަތުތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ނަޒީމް ވިދާޅުވީ ކުންފުނީގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި މުވައްޒަފުން ބޭރަށް ފޮނުވައިގެން ކިޔަވައިދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު އެމްއާރްޑީސީގެ މުވައްޒަފަކަށް ބޭރު ގައުމަކަށް ގޮސް، ރޮޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.