މީހުން މެރުން

އަފްހާމްގެ ފޯސްޓްމޯޓަމް ހަދައިފި، ޖަނާޒާ މިރޭ

ލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އަފްހަމް ނަސީރުގެ ޕޯސްޓް މޯޓަމް ހަދައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ލަންކާގައި މަރުވެފައިވާ އޮއްވާ ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވާ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އުމުރުން 23 އަހަރުގެ އަފްހަމްގެ މަރާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ދިވެހި ފުލުހުން ފަރާތުން ހަރަކާތްތެރިވަނީ ފުލުހުންގެ ސީނިއާ އޮފިސަރަކާއި އިންވެސްޓިގޭޓިވް ކޮމާންޑްގެ އޮފިސަރެކެވެ.

"އާއިލާގެ ފަރާތުން އަންނަނީ މިރޭގެ ވަގުތެއްގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން،" ފުލުހުން ބުންޏެވެ.

އަފްހާމް ނަސީރު ލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

ދ. މީދޫ އަށް އުފަން އަފްހާމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)ގެ ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުން ދިޔަ ޒުވާނެކެވެ.