ރާއްޖޭގެ ގައުމީ އެއާލައިން މެދުއިރުމަތީގެ އެއާލައިންއަކާއެކު ޖޮއިންޓް ވެންޗާ (ޖޭވީ) ހަދަން މަޝްވަރާ ކުރާ ކަމަށް އަޑު ފެތުރުމަށްފަހު، އެމިރޭޓްސް އެއާލައިން އާއެކު ކޯޑްޝެއާ ކުރަން އެމްއޯޔޫއެއްގައި ހަދައިފި އެވެ.
އެެމިރޭޓްސް އާއި މޯލްޑިވިއަން އިން ކޯޑްޝެއާ އެއްބަސްވުމެއް ހެދިކަން އިއުލާނުކޮށް، އައިލެންޑް އޭވިއޭޝަން ލިމިޓެޑް (އައިއޭއެސް) އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން ދެ އެއާލައިން އިން ވެސް ގުޅިގެން ހިދުމަތް ދިނުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ޓިކެޓު ޑިވިޝަން "މޯލްޑިވިއަން ހޮލިޑޭސް" މެދުވެރިކޮށް ޕެކޭޖު ހަދައިގެން ޓިކެޓު ވިއްކުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ވެސް ކާގޯ ގެނައުމުގެ ވިޔަފާރި ފުޅާ ކުރަންވެސް ފުރުސަތު ފަހިވާނެ އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ޔޫއޭއީ- ރާއްޖޭގެ ގުޅުން ވެސް އިތުރަށް ބަދަހި ވެގެންދާނެ ކަަމަށެވެ.
އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީއޯއޯ) އަދްނާން ހާޒިމް ވިދާޅުވި ގޮތުގައި ރާއްޖެފަދަ ދުނިޔޭގެ މަގުބޫލު މަންޒިލެއްގެ އެއާލައިންއަކާއެކު ކޯޑްޝެއާ ކުރުމަކީ އެ އެއާލައިނަށް ވެސް ލިބުނު އުފަލެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެމިރޭޓްސްއާއެކު ކޯޑްޝެއާ އެއްބަސްވުމަކަށް މޯލްޑިވިއަން އިން އައިސްފައިވާއިރު، ސަރުކާރުން ކުރިން ބުނީ މެދުއިރުމަތީގެ ބޮޑު އެއާލައިންއަކާއެކު ޖޭވީއެއް ހަދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިކަން ހާމަ ކުރެއްވީ މިދިޔަ އަހަރު އޮގަސްޓް މަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ކޯޑް ޝެއާ ކުރުމަކީ ކޮބާ؟
ދެ އެއާލައިންގެ ދެމެދުގައި އެއްބަސްވެވޭ "ކޯޑްޝެއަރިން" އެއްބަސްވުމުގެ ދަށުން އެއާލައިން ޓިކެޓު ގަންނަ ފަސިންޖަރުންނަށް އެ ދަތުރުގެ އެންމެ ފަހު މަންޒިލާހަމައަށް އެއްކޮށް ޓިކެޓު ހޯދުމުގެ ފުރުސަތު ފަހިވާނެ އެވެ.
މިސާލަކަށް؛ އެމިރޭޓްސް އިން ޓިކެޓު ގަންނަ މީހަކަށް ކޫއްޑޫއާ ހަމައަށް ދެވޭވަރަށް އެމިރޭޓްސް މެދުވެރިކޮށް ޓިކެޓު ހޯދުމުގެ ފުރުސަތު ފަހި ވެގެން ވާނެ އެވެ. ނަމަވެސް މި އެއްބަސްވުން ހެދުމުގެ ކުރީގައި އެމިރޭޓްސް އިން ޓިކެޓު ގަންނަ މީހަކު ކަނެކްޓިވް ފްލައިޓެއް ހެދޭނީ ރާއްޖެ އައިސް އެވެ.