މޯލްޑިވްސް ޕޮލިސް ސާވިސް

"އެކަޑަމީއާއެކު ފުލުސް ތަމްރީނުގެ ފެންވަރު ރަގަޅު ވާނެ"

Feb 11, 2022
2

އައްޑޫ ސީޓީގައި ހަދާފައިވާ ޕޮލިސް އެކަޑަމީ ހުޅުވުމާ އެކު ފުލުހުންގެ ތަމްރީންތަަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފުލުހުންގެ ހުނަރާއި ގާބިލްކަން ވަރަށް ބޮޑަށް އިތުރުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި ދެ ބޭފުޅުން މިހެން ވިދާޅުވީ ޕޮލިސް އެކަޑަމީން ހިންގި 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ރޭ ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވުމާ އެކު ފުލުހުންގެ ތަމްރީންތަކުގެ ފެންވަރު ރަނގަޅުކޮށް ގާބިލްކަން އިތުުރުކުރުމަށް ބޭނުންވާ ބަޖެޓް ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތަމްރީންތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) އެކުލަވާލާފައިވާ ކަމަށެވެ. އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި ހަދާފައިވާ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމާ އެކު އެކް ސެޕްގައިވާ ކަންކަން ހާސިލްކުރަން ފަސޭހަ ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް މީގެކުރިން ސަރުކާރުން ހޭދަނުކުރާވަރަށް މިހާރުގެ ސަރުކާރުން އެކަމަށް ހަރަދުކުުރާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނާނެ ކަމުގައި ވިދާޅުވި އެވެ.

"މިހާރު ދެމުން އަންނަ ތަމްރީންތަކަކީ ބަދަލުވަމުން އަންނަ ހާލަތާ ވެސް ގުޅޭ ގޮތަށް ދެމުންދާ ތަމްރީންތަކެއް،" އިމްރާން ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވުމުން އެންމެ ބޮޑު އިސްކަމެއް ދޭނީ ފުލުހުންގެ ތަހުގީގުތައް ވަރުގަދަކުރުމަށް ކަމަށެވެ. ވަކިން ހާއްސަކޮށް މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަންތަކާއި ތަހުގީގުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތް ފުޅާކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. ޖިނާއީ މައްސަލަތައް އިތުރުވުމާ އެންމެ ބޮޑަށް ގުޅިފައިވަނީ މަސްތުވާތަކެއްޗާ ކަމަށްވެސް ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ މައްސަލަ އޮތް ރަށްތައް ބަލައި އެރަށްތަކުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރަން ވަނީ ރޭވިފައި." ސީޕީ ހަމީދު ވިދާޅުވި އެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ޕޮލިސް ޓްރެއިނިން މަރުކަޒެއްގެ މަޝްރޫއު އިއުލާން ކުރީ އޭޕްރީލް 6، 2014 ގަ އެވެ. އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑް އިން ކުރިއަށް ގެންދާ އެ މަޝްރޫއަކީ ޖުމުލަ 18 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކަކާއި ހެލިޕޭޑަކާއި ޕީޓީ ގްރައުންޑަކާއި 800 އެއްހާ މީހުންނަށް ހިދުމަތް ދެވޭ ޖިމަކާއި 340 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމަކާއި ކްލާސްރޫމުތަކާއި ފުޓްބޯޅަ ދަނޑަކާއި ޓެނިސް ކޯޓު ފަދަ ގިނަ ވަސީލްތަތަކެއް އައްޑޫ ޕޮލިސް އެކަޑަމީގައި ހުރެ އެވެ.