ބޮޑީ ވޯން ކެމެރާ -- ގައިގައި ހަރުކުރާ ކެމެރާ -- ބޭނުންކުރަން ފެށުމުން ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ފުލުހުންނާމެދު ކުރާ ތުހުމަތުތަކާއި ޝަކުވާތައް މަދުވެގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިތުމަތުގެ މަސައްކަތް ޒަމާޒީ ކުރުމުގެ ގޮތުން މިއަދު ވަނީ ބޮޑީ ވޯން ކެމެރާ ތައާރަފު ކޮށްފަ އެވެ. މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އަލަށް ތައާރަފްކުރެވުނު މި ވަސީލަތުގެ ސަބަބުން ފުލުހުން ޖަވާބުދާރީ ކުރުމަށާއި ފުލުހުންގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ބޮޑީ ކެމެރާގެ ވަސީލަތް ބޭނުންކުރަން ފެށުމުން ފުލުހުންނާމެދު ރައްޔިތުން ކުރާ ޝަކުވާތަކާއި، ތުހުމަތުތަކުގެ ހަގީގަތް ހޯދަން ފަސޭހަވެގެން ދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. މި ވަސީލަތް ހަމައެކަނި ބޭނުންކުރާނީ ފުލުހުންގެ ގޯސްތައް ހޯދައި އެމީހުންނަށް ފާރަވެރިވެ ފިޔަވަޅު އަޅަން އެކަނި ނޫން ކަމަށް ވިދާޅުވި އެވެ.
އެގޮތުން ފުލުހުންގެ ގިނަ މަގްސަދުތަކެއް ހާސިލްކުރުމަށާއި، ފުލުހުންގެ މައްޗަށް ކުރާ އަސްލެއް ނެތް ތުހުމަތުތަކަށް ޖަވާބުދާރީވުމާއި ހަގީގަތް ހާމަކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފަރާތުން ކުރާ އެފަދަ ޝަކުވާތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ބާރުއެޅިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ ފަރާތުން ކަމެއް ހިނގައިފި ނަމަ އެކަން އަބަދުވެސް ފެންނަނީ އާންމު މީހާގެ ނަޒަރުން ކަމަށްވާއިރު، މި ކެމެރާގެ ސަބަބުން ފުލުސް އޮފިސަރުގެ ނަޒަރުގައި ކަން ހިނގާދިޔަ ގޮތް އެނގިގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
"މިހާރު ކަން ހިނގާ ގޮތަށް ބަލާއިރު ފުލުހުން އެޓެންޑްވާ ހާދިސާތަކާ ސީންތަކުގަ ފުލުހުން ހަރަކާތްތެރިވާ ގޮތް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ވައިރަލްވުމަކީ އާންމުކަމެއް. ނަމަވެސް މިފަދަ ހާލަތްތަކުގަ އެފެންނަނީ މަންޒަރުގެ އެއް ފަރާތް. ފުލުހުންގެ މީހާގެ ނަޒަރުން ކަން ހިނގާދިޔަ ގޮތް ފެންނާކަށެއް ނުވެއް ހުރޭ. ބޮޑީ ވޯން ކެމެރާ ހަރުކޮށްގެން ހުރި ފުލުހެއްނަމަ އެ ފުލުހަކަށް ފެނުނު މަންޒަރު ރެކޯޑް ކުރެވެމުންދާނެ. އަދި އެ ފުލުހެއްގެ ނަޒަރުން އެ ހާދިސާ އަލުން ތަކުރާރުކޮށް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ފުލުހުންނަށް ރައްޔިތުން އިތުބާރު ކުރުން ވަރަށް މުހިންމުވެ. ފުލުހުންގެ މަސައްކަތުގެ ކޮލިޓީ ރަގަޅުވެ، ތަހުގީގުތައް އަވަސްކޮށް، ގޮތް ނިންމުމުގައި ވެސް އަވަސް ކުރުމަށް ބޮޑީވޯން ކެމެރާ ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ކުށްތަކަށް އަރައިގަންނަ މީހުންނާ ފުލުހުން ކޮންޓެކްޓްވާ ގޮތާއި، އާންމުގެ ފަރާތްތަކުން ފުލުހުންނަށް ނުކިޔަމަންތެރިވެ އަނިޔާވެރިވުމަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކުށްކުރާ މީހުންގެ ޝަރީއަތްތަކަށް ހެކި ހޯދުމަށް ވެސް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސީޕީ ފާހަގަކުރެއްވި އެވެ.
"މަގުމަތި ޕެޓްރޯލްކުރުމުގަޔާއި ޓްރެފިކް މައްސަލަތަކުގަ ހަރަކާތްތެރިވުމުގައްޔާއި، ޑްރަގް އޮޕަރޭޝަންތައް ހިންގާއިރުއާއި ސްޕެޝަލިސްޓް އޮޕަރޭޝަންތަކުގަ ފުލުހުން އޮޕަރޭޓްކުރާ ހާލަތްތަކުގަ ވެސް ބޮޑީވޯން ކެމެރާ ބޭނުންކުރެވޭނެ. މުޒާހަރާތަކާ އެއްވުންތަކާ އެނޫން ވެސް ތަފާތު ހާލަތްތަކުގަ ހަރަކާތްތެރިވާއިރު ބޮޑީ ވޯން ކެމެރާ ބޭނުންކުރެވޭނެ،" ސީޕީ ވިދާޅުވި އެވެ.
ކެމެރާތައް އޮޕަރޭޓް ކުރާނެ ހާއްސަ އުސޫލެއް އެކުލަވައިލައިފައިވާއިރު، މި އުސޫލުގެ ދަށުން ފުލުހުންނާއި އާންމުން ކުރާ ހުރިހާ މުއާމަލާތެއް ރެކޯޑުކުރެވޭނެ އެވެ. އަދި އެފަދަ ވީޑިއޯއެއް އާންމުކުރަން ޖެހެއްޖެ ހާލަތެއްގައި އުސޫލުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންގެ ޕްރޮންޓްލައިން އަދި އޮޕަރޭޝަނަލް މަގާމުތަކުގައި މަސައްކަތްކުރާ އިތުރު ފުލުހުންނަށް ވެސް މި ވަސީލަތް ތައާރަފްކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަށް މިއަދު ތައާރަފްކޮށްފައި ވަނީ 200 ބޮޑީ ކެމެރާ އެވެ. މިވަގުތު ކެމެރާތައް އޮޕަރޭޓް ކުރާނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި އެކަންޏެވެ. އެކަމަކު އިތުރު 1200 ކެމެރާ ހޯދަމުން އަންނަ ކަމަށާއި މުސްތަގުބަލުގައި ފުލުހުންގެ ހުރިހާ ރީޖަނެއްގައި ކެމެރާ ބޭނުންކުރަން ފަށާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.