ބޮޑީ ކެމެރާގެ ޕްރޮގްރާމް އިފްތިތާހު ކުރުމާއެކު ފުލުހުންގެ އިދާރާ ރިފޯމް ކުރަން ސަރުކާރުން ފެށި މަސައްކަތުގައި އުސް ހަރުފަތަކަށް އެރެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.
ބޮޑީ ކެމެރާގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ބޮޑީކެމެރާގެ ޕްރޮޖެކްޓަކީ މި ސަރުކާރުގެ ފުލުހުންގެ ހިދުމަތް ޒަމާނީކޮށް ރައޔްިތުންގެ ފުރިހަމަ އިތުބާރާއި އިހްތިރާމް ލިބިގެންދާ މުވައްސަސާއަކަށް ފުލުހުން ހެދުމަށް ކުރާ މަސައްކަތްކަތްތަކުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ބޮޑީކެމްއާއިއެކު ފުލުހުންގެ އިދާރާ ރިފޯމްކުރުމުގެ މުހިންމު ހަރުފަތްތަކުގެ ތެރެއިން ވަރަށް އުސް ހަރުފަތައް އެރިގެންގޮސްފި ކަމަށް އިމްރާން ވިދާޅުވި އެވެ. ފުލުހުން ޒަމާނީ މުވައްސަސާއަކަށް ހަދައި އެ މުވައްސަސާ މެދުވެރިކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަޝަވަރުކުރުން އެއީ ޒަމާނީ ދުނިޔޭގައި ކުރެވިގެންދާ މުހިންމު އެއް މަސައްކަތް ކަމަށް ވިދާޅުވި އެވެ. މި ޕްރޮޖެކްޓައް ސަރުކާރުގެ ފަރާތުން ދިން އިސްކަމާއި އެކު ފުލުހުންގެ އެންމެ އިސްބޭފުޅުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަަމަށެވެ.
ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި ފުލުހުންނަށްދޭ ތަމްރީނުތައް ހަރުދަނާކުރުމަށް ފުލުހުންގެ އިސް ސަފުންދަނީ ވަރަށް ބޮޑެތި މަސައްކަތެއް ކުރަމުން ކަމަށް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ހަފްތާގައި ނިންމާލި ފުލުހުންގެ ފުރަތަމަ ތަމްރީން ބެޗާއިއެކުގައި އިތުރަށް ކުރިއަށްގެންދަން ހުރި ތަމްރީންތަކުގެ ތެރެއަށް ބޮޑީކެމްފަދަ މުހިންމު ބައިތައް އެއްކާރާނެ ކަމަށް ވިދާޅުވި މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ބޮޑީވޮން ކެމެރާގެ ސަބަބުން އެންމެ މުހިންމު މަންކާކުރާގެ ބަޔަކީ ރައްޔިތުން ކަމަށެވެ. އަދި އެއާއިއެކު ޕޮލިސް އޮފިސަރަށް ވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ބޮޑީކެމްއާއިއެކު ފުލުހުންގެ މަށްޗައް އެކި ހާލަތްތަކުގައި ކުރާ ތުހުމަތުތަކަށް ސާފު ހައްލެއް ހޯދައި ދެވިގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. މައްސަލައިގެ ހަގީގަތް ހާމަވެ އެކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކީ ކޮބައިކަން ވަރަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
" ބޮޑީކެމް ޕްރޮޖެކްޓުގެ މަސައްކަތް އަދި ކުރެވިގެންދެވޭނީ ދައުލަތުގެ ފަރާތުން އިތުރު ވަސީލަތްތައް ގާއިމްކޮށްދިނުމުން. 200 ކެމެރާއަކުން އެދެވޭވަރަށް މި ޕްރޮޖެކްޓުން މަންފާ ނުލިބިދާނެ. ކޮންމެ ކަމެއް ދިމާވާއިރު ރައްޔިތުންގެ ފަރާތުން އަންނާނެ ކޮބާހޭ ބޮޑީވޮން ކެމެރާ. ހުރުހާ ފުލުހުން އަދި ތިބޭނީ ކެމެރާ އަޅައިގެނެއް ނޫން. ފުލުހުންނަށް އެވަރަށް ކެމެރާ ލިބިއްޖެނަމަ ފްރޮންޓްލައިނަށް ނިކުންނާނީ އަބަދުވެސް ކެމެރާ އަޅައިގެން." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ބޮޑީކެމްގެ ޕްރޮޖެކްޓުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމަށް ފުލުހުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ވެފައިވާ ކަމަށެވެ. އަދި ކި ޕްރޮޖެކްޓުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފައިދާތައް ލިބޭނެ ކަަމށް އުންމީދުކުރައްވާ ކަމަށެވެ.