ދިވެހި ފުލުހުންގެ ހިދުމަތަށް ބޮޑީވޯން ކެމެރާ -- ގައިގައި ހަރުކުރާ ކެމެރާ ތައާރަފްކޮށް ބޭނުންކުރަން ފަށައިފި އެވެ.
މި ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކްލައިމެޓް ޗޭންޖް އެންޓް ޓެކްނޮލަޖީ މިނިސްޓަރު އައިޝަތު ޝައުނާ ބައިވެރިވެވަޑައިގަތެވެ.
![](https://images-01.avas.mv/post/big_lJwNe4F1C3fv61qSJ7ilpiGWi.jpeg)
![](https://images-01.avas.mv/post/big_o9KUcOU73Vvw9rML7N8chQ5qz.jpeg)
ފުލުހުން މިވަގުތު އޮޕަރޭޓް ކުރާނީ 200 ކެމެރާ އެވެ. ކެމެރާ ބޭނުންކުރަން ފަށައިފައިވަނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީގަ އެވެ.
މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ އިތުރު 1200 ކެމެރާ ހޯދުމަށް ސަރުކާރާ މަޝްވަރާކޮށްގެން އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މުސްތަގުބަލުގައި ފުލުހުންގެ ހުރިހާ ސަރަހައްދެއްގައި ކެމެރާ ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
މިވަގުތު ހުރިހާ ފުލުހުންނަށް ކެމެރާގެ ވަސީލަތް ބޭނުން ނުކުރެވުނު ނަމަވެސް، މި ވަސީލަތް ފުލުހުންގެ ހިދުމަތުގައި ފުޅާކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ފުލުހުންގެ ޕްރޮންޓްލައިން އަދި އޮޕަރޭޝަނަލް މަގާމުތަކުގައި މަސައްކަތްކުރާ އިތުރު ފުލުހުންނަށް ވެސް މި ވަސީލަތް ތައާރަފްކުރައްވާނެ ކަމަށެވެ.
![](https://images-01.avas.mv/post/big_HNmB5LyBY1hkEf6BUrsiSe2jf.jpeg)
ކެމެރާތައް އޮޕަރޭޓް ކުރާނެ ހާއްސަ އުސޫލެއް އެކުލަވައިލައިފައިވާއިރު، މި އުސޫލުގެ ދަށުން ފުލުހުންނާއި އާންމުން ކުރާ ހުރިހާ މުއާމަލާތެއް ރެކޯޑުކުރެވޭނެ އެވެ. އަދި އެފަދަ ވީޑިއޯއެއް އާންމުކުރަން ޖެހިއްޖެ ހާލަތެއްގައި އުސޫލުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. މީގެ ސަބަބުން އާންމުން ފުލުހުންނަށް ކުރާ އިތުރުބާރު ބޮޑުވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.