ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް އިލެކްޓްރޯނިކް އާލާތްތައް ވެއްދުމުގެ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
މި އުސޫލުގެ ދަށުން މައްސަލަތަކުގެ ދެ ހަސްމުންނާއި ވަކީލުންނަށް ޝަރީއަތް ކުރާ މަޖިލީހަށް އިލެކްޓްރޯނިކް އާލާތްތައް ވެއްދޭނެ އެވެ. އަދި ހެކިންނަށާއި ހަބީރުންނަށް ވެސް އެތަކެތި ވެއްދޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
އެކަމަކު ޝަރީއަތުގެ މަޖިލީސް އަޑުއަހަން ވަންނަ ފަރާތްތަކަށް އެތަކެތި ވެއްދުން މަނާވާނެ އެވެ.
އުސޫލު ބުނާ ގޮތުގައި މިގޮތަށް އަމަލުކުރަން ފެށުމުން ޝަރީއަތްތަކުގައި ހަސްމުންނަށް މައްސަލަ ހުށަހެޅުމާއި އަދި ޖަވާބުދާރީވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ބޭނުންވާ މައުލޫމާތުތައް އަވަހަށް ހޯދުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.
އަޑުއެހުންތަކަށް ވެއްދޭ ތަކެތި
- ފޯނު
- ލެޕްޓޮޕް
- ޓެބްލެޓް
މިތަކެތީގެ އިތުރުން ވެސް ޝަރީއަތަށް ބޭނުންވެދާނެ އިތުރު އިލެކްޓްރޯނިކް ވަސީލަތްތައް ވެއްދުމަށް ބޭނުންވާނަމަ ހުއްދަ ނަގައިގެން ވެއްދޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު ހުއްދަ ނުނަގައި އިތުރު އާލާތެއް ވެއްދުމަކީ މަނާ ކަމެކެވެ.
އުސޫލު ބުނާ ގޮތުގައި އިލެކްޓްރޯނިކް އާލާތްތައް ޝަރީއަތުގެ މަޖިލީހުގައި ބޭނުންކުރަންވާނީ އެތަކެތި ވައްދަން ހުއްދަ ދިން ބޭނުމަށް އެކަންޏެވެ. އެފަދަ ތަކެތިން ޝަރީއަތުގެ ނިޒާމު ގެއްލޭ ފަދަ އަމަލެއް އަދި ޝަރީއަތް ރެކޯޑު ކުރުން ފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޑުއެހުންތަކުގައި ބޭނުންކުރާ ލިޔެކިޔުންތައް މަދުކުރުމަށް ކްރިމިނަލް ކޯޓުން ވެސް ވަނީ އަޑުއެހުންތަކަށް އިލެކްޓްރޯނިކް ވަސީލަތްތައް ވެއްދުމުގެ ހުއްދަ ދީފަ އެވެ.