މިނިސްޓްރީ އޮފް ޓޫރިޒަމް

ޝަންގްރިއްލާގެ ގެއްލުމަށް ސަރުކާރުން 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ

އައްޑޫ، ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓަށް ލިބެމުންދާ ގެއްލުމުގެ ބަދަލަށް ނަގާ ލޯނަށް ސަރުކާރުން 65 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށް ބުނެފި އެވެ.

އައްޑޫ- މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ސުވާލު ތަކަށް މަޖިލީހުގައި ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޝަންގްރިއް-ލާ ރިސޯޓުގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮވެ ހުޅުވުން ލަސްވުމަކީ ރައްޔިތުންގެ ގިނަ ސުވާލު ތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. ނަމަވެސް ޝަންގްރިއް-ލާ ނުހުޅުވި ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ އަގަށް ސަރުކާރުން 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާ، އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"ޝަގްރިއްލާއަކީ 284 އެނދުގެ ތަނެއް. އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލަސް ފައިނޭންސް ކުރަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ. އެ އަގަށް 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވީމަ. ދައުލަތުން ވެސް ބޮޑަށް ބޭނުން ވަނީ ހިއްސާ ދޫކޮށްލަން،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ޓޫރިޒަމް ގާނޫނަށް ސަރުކާރުން އެންމެ ފަހުން ގެނައި އިސްލާހުގެ ސަބަބުން ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް ހިއްސާ ބަދަލު ކުރަން ވެސް 80 މިލިއަން ޑޮލަރު ވަރު ދާނެ ކަމަށެވެ.

"ޓޫރިޒަމް ގާނޫނަށް ގެނައި 10 ވަނަ އިސްލާހުން ފޯމިއިލާއެއް ލިބުނު. ނަމަވެސް 80 މިލިއަން ރުފިޔާ ވަރު އަރާ. އެހެންވެ ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ވާނީ ޑްރާފްޓްކޮށްފައިވާނީ. އޭގެ ދަށުން 30 ޕަސެންޓް ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ގެނެވޭ ކަމަށް ބެލެވޭ،" މައުސޫމް ވިދާޅުވި އެވެ.

"ފިނޭންސް މިނިސްޓަރާއި އައްޑޫ އިންވެސްޓްމަންޓް ގުޅިގެން މިދަނީ ޝަންގިއްލާ ހުޅުވަން މަސައްކަތް ކުރަމުން."

މިނިސްޓަރު އިތުރަށް ވިދާޅުވީ އައްޑޫ ކެނެރީފް ރިސޯޓު ހުޅުވުމަކީ ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ.

"ސްރީލަންކަން އެއާލައިންސާއި މޯލްޑިވިއަން އަދި ޕްރައިވެޓް ސެކްޓާއިން ގިނަ މަސައްކަތްތަކެއް ކުރި. ރިސޯޓެއް ހުޅުވުމަކުން ނުނިމޭ،" މައުސޫމް ވިދާޅުވި އެވެ.