ރާއްޖެ އަށް ޓޫރިޒަމް ތައާރަފް ވުމާއެކު އެކަންވީ ރާއްޖޭގެ އިގްތިސޯދުގެ އިންޖީނު ހިނގައިގަތުމަށެވެ. މި މުހިއްމު ކުރިއެރުމުގެ ސިނާއަތް ތައާރަފްވީ 1972 ވަނަ އަހަރު އެވެ.
މިކަމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުން ރާއްޖޭގައި އެއް ތަނަކުން އެންމެ ފަހުން ދިމާވީ މީގެ ބައި ގަރުނު ކުރީގަ އެވެ. ނަމަވެސް އޭގެ ފަހުން މިހާރު މިވަނީ މި ހުރިހާ ބޭފުޅުން އެއް ތަނަކުން ދިމާވެފަ އެވެ.
ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން އެއް ތަންކޮށް އެ ފޮޓޯ ދޫކޮށްލީ ރާއްޖޭގެ ޓޫރިޒަމްގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑްސްޓްރީ (މަޓީ) އިންނެވެ.
އެ ޖަމިއްޔާ އިން މިއަދު ވަނީ ޓޫރިޒަމް އުފެއްދުމުގެ ބާނީންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ޗަމްޕާ ހުސެއިން އަފީފް އާއި އަހްމަދު ނަސީމް (ކެރަފާ) އަދި ރާއްޖެއަށް ފުރަތަމަ ޓޫރިސްޓުން ގެނައުނުގައި ޓްރެވަލް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޖޯޖު ކޯބިން އަދި މުހައްމަދު އުމަރު މަނިކް (އެމްޔޫ)ގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
ޓޫރިޒަމްގެ ދާއިރާއަށް ލޯބިކުރާ މީހުންނަށް މި ފޮޓޯވީ ތާރީހީ އަދި ޝައުގުވެރި މުހިއްމު ފޮޓޯ އަކަށެވެ.