ލައިފްސްޓައިލް

ނަރުހެއްގެ މަރުން ފަސް މީހެއްގެ ފުރާނަ ސަލާމަތްވެއްޖެ

އިންޑިޔާގެ ކަރްނާޓަކާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރި 22 އަހަރުގެ ޒުވާން ނަރުހެއްގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ވެސް އޭނާ ޚިދުމަތް ކުރަމުން ދިޔައީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ވަރަށް ހާލު ބޮޑު މީހުންގެ ފުރާނަ ސަލާމަތްކުރުމުގަ އެވެ. އޭނާ މަރުވެގެން ވެއްޓުނީ ބަލި މީހުންގެ ޚިދުމަތުގައި ހުއްޓަ އެވެ. އަދި މަރުވުމަށްފަހު ވެސް އޭނާ ވަނީ އަމިއްލަ ހަށިގަނޑުގެ ބައިތައް އިންސާނިއްޔަތަށް ހަދިޔާކޮށް ފަސް މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ. މި ޒުވާން ނަރުސް ކުއްޖާގެ މައިންބަފައިން އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކުރަން ނިންމުމުގެ ސަބަބުންނެވެ.

ޓީ ކޭ ގަނާވީ އަކީ 22 އަހަރުގެ ޒުވާން ނަރުހެކެވެ. އެއީ އޭނާގެ އަމިއްލަ ރަށުގެ ބޮޑު ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން ދިޔަ ހީވާގި ނަރުހެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑު ޑިއުޓީގައި އުޅެނިކޮށް ފަތިހު 3.30 ހާއިރު ގަނާވީ ކުއްލިއަކަށް ހޭނެތިގެން ވެއްޓުނީ އެވެ. ވަގުތުން އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށި ނަމަވެސް ފެބްރުއަރީ 12 ވަނަ ދުވަހު އޭނާގެ ސިކުނޑި މަރުވެއްޖެކަމުގެ ހިތާމަވެރި ޚަބަރު ޑޮކްޓަރުން އޭނާގެ އާއިލާގެ މީހުންނަށް ދިނެވެ.

ގަނާވީގެ ގުނަވަންތަކުން ފުރާނަ ސަލާމަތް ކުރެވިދާނެ އެތައް ބަޔަކު އެ ވަގުތު މަރުގެ ތުންފަތްމަތީގައި ތިބިކަން އާއިލާއަށް އެނގުމުން އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކުރަން ނިންމީ އެވެ. އެއީ ގާނަވީގެ ކުރު އުމުރު ހޭދަކޮށްލީ އިންސާނީ ޚިދުމަތުގައި ކަމަށް ވެފައި އޭނާ ވެސް މިކަމަށް އެދޭނެކަމަށް އާއިލާއަށް ގަބޫލު ކުރެވިގެންނެވެ.

އިންޑިޔާގެ ހެލްތު މިނިސްޓަރު ޑރ. ސުދާކަރް ވިދާޅުވި ގޮތުގައި ނާސް ޓީ ކޭ ގަނާވީ އަކީ މުޅި ދިރިއުޅުން އިންސާނީ ޚިދުމަތުގައި ހޭދަކޮށްލި ނަރުހެކެވެ. އަދި އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކޮށްގެން މި ނަރުސް ވަނީ ވަރުގަދަ ގުރުބާނީއެއް ވެފައިކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.