މީހުން

ރާއްޖެ އަށްވުރެ ވަރުގަދަވާނީ ބަނގްލަދޭޝް: އަފްގާނިސްތާން ކޯޗު

އިންޑިޔާގައި މިއަދު ފަށާ ސާފް ސުޒުކީ ކަޕުގައި ރާއްޖެ އަށްވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަވާނީ ބަނގްލަދޭޝް ކަމަށް އަފްގާނިސްތާން ޓީމުގެ ކޯޗު ބުނެފި އެވެ.

މުބާރާތުގެ ކުރީގެ ދެ ޗެމްޕިއަން ޓީމާމެދު އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު މި ގޮތަށް ދެކޭއިރު މުބާރާތުގެ ތަށި ދިފާއު ކުރެވޭނެ ކަަމަށް ކޯޗު ޔަގީންކުރެ އެވެ.

"ރާއްޖެ އަކީ ވެސް ވަރުގަދަ ޓީމެއް. އެކަމަކު އަހަރެންގެ ނަޒަރުގައި މި ގްރޫޕުގެ އެންމެ ވަރުގަދަ ޓީމަކީ ބަނގްލަދޭޝް. އެންމެ ފުރަތަމަ އަހަރުމެން ކުޅެން މިޖެހޭ ޓީމު އެއީ. އަހަރުމެން މި މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް، އަދި އެއްމެޗަށް ފަހު އަނެއް މެޗަށް ވިސްނުމަށް އަހަރެންގެ ކުޅުންތެރިންނަށް އަހަރެން އިރުޝާދުދެމުން މިދަނީ. އެއީ ހުރިހާ މެޗަކަށް އެއްފަހަރާ ވިސްނައިގެން އިތުރު ޕްރެޝަރުތަކެއް ކުޅުންތެރިންނަށް އަންނަ ބޭނުންނުވާތީވެ،" ޕީޓަ ސެގަޓް ބުންޏެވެ.

ގަތަރުގައި ފަރިތަކުރުމަށްފަހު ހޮނިހިރު ދުވަހު އިންޑިޔާ އަށް އައި މި ޓީމުގެ ކޯޗު އިތުރަށް ވާހަކަ ދައްކަމުން ބުނީ މީގެ ދެ އަހަރު ކުރިން މުބާރާތުގެ ތަށި ހޯދިއިރު އޮތް ޓީމަށްވުރެ އަފްގާނިސްތާން ޓީމަކީ މިހާރު ގިނަ ކުޅުންތެރިން ބަދަލުވެފައިވާ ޒުވާން ޓީމެއް ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕް 2013 ވަނަ އަހަރު ހޯދައިދިން ގިނަ ކުޅުންތެރިން ރިޓަޔާކޮށްފި. އަހަރެން ނަގާފައިމިވަނީ ޒުވާން ޓީމެއް. މި ޓީމުގައި ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިން އެބަތިބި،" 49 އަހަރުގެ ކޯޗު ބުންޏެވެ.

އެންމެ ފަހުގެ ދެ މުބާރާތުގެ ފައިނަލް ކުޅެ 2013 ވަނަ އަހަރު އަފްގާނިސްތާން ޗެމްޕިއަންކަން ހޯދުން ވެގެންދިޔައީ ތާބިލާންވެރިކަމުގެ ސަބަބުން ވީރާނާވެފައިއޮތް އަފްގާނިސްތާނަށް ލިބުނު ވަރަށް ބޮޑު އުފަލެެކެވެ. ކޯޗު ބުނީ އެ ކާމިޔާބީގެ ސަބަބުން އަފްގާނިސްތާނާމެދު ދުނިޔެ ދެކޭގޮތް ވެސް ބަދަލުވެއްޖެ ކަމަށާއި މި ފަހަރު ވެސް އަމާޒަކީ ތަށި ކަމަށެވެ.

މާދަމާއިން ފެށިގެން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ކުރިއަށްދާ މުބާރާތުގައި ޕާކިސްތާން ފިޔަވައި ސާކުގެ އަނެއް ހަތް ގައުމު ވާދަކުރެ އެވެ. އަދި މި މުބާރާތަކީ އަފްގާނިސްތާން މުބާރާތުގައި ވާދަކުރާނެ އެންމެ ފަހު ފަހަރެވެ.