ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހު އަފްގާނިސްތާނާ ވާދަކުރަންޖެހޭއިރު އެ ގައުމު ބަލިކުރާނެ ގޮތް ދަސްކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ސިއްރެއް ކަމަށް ބަނގްލަދޭޝްއިން ބުނެފި އެވެ.
ކޯޗު މައުރޫފުލް ހައްގު ބުނީ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ވީޑިއޯ ވެސް އޭނާ ބެލި ކަމަށެވެ.
"އަހަރުމެން މިވަނީ އެމީހުންގެ ގަދަ ކަންތައްތަކާއި ބަލިފައިތައް ދިރާސާކޮށްފައި. އަހަރުމެންގެ ދިރާސާތަކުން ވަނީ އެމީހުން ބަލިކުރާނެ ގޮތް ދެނެގަނެވިފައި. އެކަމަކު އެއީ ސިއްރެއް. އަހަރުމެންނަށް ވަރަށް ޔަގީންކަން އެބައޮތް އެމީހުން ބަލިކުރެވޭނެ ކަމަށް. މި ގްރޫޕުގެ އެންމެ ގަދަ
ޓީމު އެއީ،" ޓީމާ ހަވާލުވެގެން މިދިޔަ މަހައްހާ ދުވަހު ފަރިތަކުރި އޭ ލައިސަންސް ކޯޗު ބުންޏެވެ.
މައުރޫފް ބުނީ ބަނގްލަދޭޝް އެންމެ ފަހުން ކުރި 38 ޕްރެކްޓިހުގެ ތެރެއިން ފަސް ޕްރެކްޓިސް ހާއްސަކުރީ އަފްގާނިސްތާނުގެ ގޭމް ޕްލޭން ހަލާކުކޮށްލާނެ ގޮތްތަކަށް ފަރިތަކުރަން ކަމަށެވެ.
"ބަލަމާ ހިނގާ މެޗުގައި ކަންތައްތައްވާނެގޮތް. އަހަރުމެން ދުލެއް ނުދޭނަން. މިދިޔަ އަހަރުތަކުގައި އަހަރުމެންނަށްވުރެ ކުރީގައި ރާއްޖެ އާއި އަފްގާނިސްތާން އޮތީ. މި ފަހަރު އެކަން ބަދަލުކުރަން އަހަރުމެން ބޭނުން،" މައުރޫފް ބުންޏެވެ.
އޭނާ އަދި ތަޖުރިބާކާރު ދެ ފޯވަޑުން އަނިޔާގެ ސަބަބުން ޓީމުން ބާކީ ކުރަން ޖެހުނަސް ހާސްނުވާ ކަމަށެވެ.
ބަނގްލަދޭޝް އަފްގާނިސްތާން ބަލިކުރާނެ ކަމަށް ބުނާއިރު އަފްގާނިސްތާން ކޯޗު ބުނަނީ ރާއްޖެ އާއި ބޫޓާން ވެސް ހިމެނޭ ބީ ގްރޫޕުގެ އެންމެ ވަރުގަދަ ގައުމަކީ ބަނގްލަދޭޝް ކަމަށެވެ.