ރިސޯޓް

ބޮލިދުންފަރުގައި ދުބާއީގެ ދަމަކްގެ ރިސޯޓެއް

މާލެ އަތޮޅު ބޮލިދުއްފަރުގައި ދުބާއީގެ ދުބާއީގެ ދަމަކް ޕްރޮޕަޓީސް އިން ތަރައްގީ ކުރާ ރިސޯޓު 2025 ގައި ހުޅުވޭނެ ކަމަށް ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިސޯޓު ތަރައްގީ ކުރަން ދޫކުރި ފަޅުތަކުގެ ތެރެއިން އެއް ފަޅުގައި ހަދާ މި ރިސޯޓު ތަރައްގީ ކުރަން މި ފަޅު ނަގާފައިވާ ދުބާއީގެ ދަމަކް ޕްރޮޕަޓީސް އާއި މެންޑަރިން އޮރިއެންޓަލް އިން ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން މަތީ ފަންތީގެ 120 ކޮޓަރި މި ފަޅުގައި ހަދާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 20 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކުރާ މި ރިސޯޓުގައި މެންޑަރިން އޮރިއެންޓަލްގެ ބްރޭންޑޭޑް 10 ކޮޓަރިއާއެކު، ހަ ވޯޓާ ވިލާ އާއި 64 ބީޗު ފްރަންޓު ވިލާ ހުންނާނެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނާނެ އެވެ.

މި ރިސޯޓު ތަރައްގީ ކުރަނީ ގާތްގަނޑަކަށް 34 ހެކްޓަރުގެ ބޮޑު ފަޅެއްގަ އެވެ. އަދި މި ރިސޯޓު ހަދަނީ އެ ފަޅު ހިއްކައިގެންނެވެ.