ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފި އެވެ.
ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި އަދި 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތް ނިންމަން މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ 27 އަހަރުގެ ފިރިހެން މީހާ އާއި 31 އަހަރުގެ ފިރިހެން މީހާ އެވެ.
ނަމަވެސް 22 އަހަރުގެ މީހާގެ ބަންދަށް ވަނީ މުއްދަތު ޖަހާފައެވެ. އޭނާގެ ބަންދަށް ދިނީ ފަސް ދުވަހެވެ.
ފުލުހެއްގެ ސައިކަލައި ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހެއްގެ އުޅަނދު އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.
ސީޕީ ހަމީދު މި މައްސަލައިގައި ވިދާޅުވީ ފުލުހުންނަށް އުދަނގޫ ކުރި ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހަކަށް އިންޒާރުދީ ސައިކަލްގައި ރޯކޮށްލީ އިހަކަށް ރޭ މެންދަމުގެ ވަގުތުގަ އެވެ. ސައިކަލްގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ މީހަކު އައިސް ސަައިކަލު މައްޗަށް ޕެޓްރޯލް އަޅާ ރޯކޮށްލާ މަންޒަރެވެ.