ކްރިމިނަލް ކޯޓް

ނަދީމްގެ މަރު: ހުކުމް އަންނަ މަހު

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލުމާއެކު އަންނަ މަހު ހުކުމް ކުރައްވާނެ ކަމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެއްޖެ އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

މި މައްސަލަ ހުކުމާ ހިސާބަށް އައިސްފައިވާއިރު، މައްސަލަ ހިނގަމުންދިޔައިރު އެކި ދުވަސްވަރު އެކިއެކި ހާދިސާތައް ވަނީ ހިނގައިފަ އެވެ. ހުލާސާ ބަޔާން އިއްވަމުން މިއަދު ދައުލަތުގެ ވަކީލް ފާތުމަތު މީޝާ ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން 11 ސިއްރު ހެކިން ހުށަހެޅި ނަމަވެސް ހެކިންނަށް ބިރުދައްކަން ފެށުމުން ބައެއް ހެކިވެރިން ދައުލަތަށް އެއްބާރުލުން ދިނުން ހުއްޓައިލީ ކަމަށެވެ.

މި މައްސަލައިގައި ޖެނުވަރީ 31، 2021 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަސް ނެގި އެވެ. އެ ހެކިންގެ ހެކިބަހުން، ނަދީމަށް ހަމަލާ ދިނީ މަފާޒުކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އޭގެ ފަހުން އެ ދެ ހެކިންގެ ފަރާތުން ކޯޓަށް ސިޓީއެއް ހުށަހެޅި އެވެ.

އެ ސިޓީގައި، ނަދީމަށް ހަމަލާ ދިނީ މަފާޒު ކަމަށް ހެކިބަސް ދެވުނީ ނޭނގުމެއްގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީޝާ ވިދާޅުވީ އެ ސިޓީގައި ލިޔެފައިވާ އިބާރާތްތަކާއި ފުލްސްޓޮޕްތައް ވެސް ދިމާވާ ކަމަށާއި ހަމައެކަނި ތަފާތީ އޭގައި އޮތް ނަމާއި ސޮއި ކަމަށެވެ. ހަމަ ބުއްދިން ވިސްނާނަމަ އެއީ ނުފޫޒު ފޯރުވައިގެން ކޯޓަށް ފޮނުވި ސިޓީތަކެއް ކަމަށް އެނގެން އޮތް ކަމަށެވެ. އަދި އެމީހުން ކޯޓުގައި ހެކިބަސް ދިނީ ހުވައެއް ކޮށްގެން ކަމަށްވާއިރު، ހެކިބަސް ދިނުމަށްފަހު ކޯޓަށް ސިޓީ ފޮނުވުމުން ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން އެ ސިޓީއަށް މައްސަލަ ނިންމަވާއިރު އެއްވެސް ބުރަދަނެއް ނުދެއްވުމަށް މީޝާ އެދިވަޑައިގަތެވެ.

އަދި ދެ ހެކިވެރިންގެ ހެކިބަސް ނަގާ ނިމުނު ފަހުން މާލެ ތެރޭގައި މާރާމާރީތައް ހިންގައި ހަމަނުޖެހުން އުފެއްދި ކަމަށް ފާހަގަކުރެއްވި އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި، އެއީ މި މައްސަލައާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކެއް ކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ.

ފަސް ހެކިވެރިންގެ ހެކިބަސް ނެގުނު ނަމަވެސް، ދެން ތިބި ހެކިވަރިންނަށް ނުފޫޒު ފޯރުވައި ބިރުދެއްކުމުގެ ސަބަބުން ހެކިބަސް ދިނުމަށް އުޒުރުވެރިވެފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމީހުން ތަހުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތްކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ދިފާއީ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެމީހުންގެ ދިފާއަކީ ހާދިސާ ހިނގިތަނުގައި އެމީހުން ނެތް ކަމެވެ. އެކަމަކު އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ދައުލަތުގެ ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.

ހުލާސާ ބަޔާން އިއްވަމުން ދިފާއީ ވަކީލް ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވީ ދައުލަތުގެ ހެކިންގެ ވާހަކަތަކުން ފުށުއެރުންތަކެއް ހުރި ކަމަށެވެ. ޓާމިނަލް ކެފޭ ތެރެއަށް ދެ މީހަކު ވަދެ އެކަކު ނަދީމާ ދިމާލަށް އައި ކަމަށާއި ދެވަނަ މީހާ ކަމަށް ދައުލަތުން ބުނާ އަލީ ނިފާޒް ދިޔައީ އެހެން ދިމާލަކަށް ކަން ހެކިވެރިޔަކު ބުނެފައިވާކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ނަދީމް މަރައިލުމުގައި އަލީ ނިފާޒްގެ ބައިވެރިވުން އޮތް ގޮތެއް ކިޔައިނުދެވޭ ކަމަށެވެ.

ދައުވާ ލިބޭ ޝާމިންގެ ދައުރަކީ މަފާޒް އެތަނަށް ގެންދިއުން ކަމަށްވާއިރު، އެކަމަށް ވެސް ހެއްކެއް ދެއްކިފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ނަދީމަށް ހަމަލާ ދިނީ މަފާޒުކަން ސާބިތުކޮށްދޭން އުޅުނު ނަމަވެސް ދިފާއީ ހެކިންގެ ހެކިބަހުން އެ ހަމަލާ ދިނީ މަފާޒު ނޫން ކަން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކިތާބީ ހެކިންގެ ގޮތުގައި ހާދިސާ ހިނގި ސަރަހައްދުގައި ދައުވާ ލިބޭ މީހުން ހަރަކާތްތެރިވާ ސީސީޓީވީ ފުޓޭޖްތަކަކާއި ފޮޓޯތަކުން އެއީ ކޮން ބައެއްކަން އެނގޭ މިންވަރަށް ސާފު ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދިފާއުން ދިފާއު ބިނާކޮށްފައި ވަނީ ދައުވާ ލިބޭ މީހުން ހާދިސާ ހިނގިތަނުގައި ނެތްކަން ސާބިތުކޮށްދިނުމަށެވެ. ނޫރުލްސަލާމް ވިދާޅުވެފައި ވަނީ ދެ ހެކިވެރިންނަށް ވުރެ ގިނަ ހެކިންގެ ހެކިބަހުން އެކަން ސާބިތުކޮށްދެވިފައިވާ ކަމަށެވެ. ދިފާއީ ހެކިންގެ ފުށުއެރުންތަކެއް ހުރި ނަމަވެސް ދައުލަތުން މައްސަލަ ސާބިތުކޮށްދޭން ޖެހޭ މިންގަނޑަށް ދިފާއުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އެމީހުން ހާދިސާ ހިނގިތަނުގައި ނެތް ކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތަފްސީލީ ގޮތެއްގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ ވިދާޅުވީ އަންނަ މަހުގެ 31 ވަނަ ދުވަހު މި މައްސަލައިގެ ހުކުމް އިއްވަވާނެ ކަމަށެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ބަންދު މުރާޖައާކޮށްފައިވާއިރު، އެމީހުން ބަންދުގައި ތިބިތިބުން ދެމެހެއްޓުމަށް ވެސް ގާޒީ ނިންމެވި އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިއުމަށްފަހު ދެ ދުވަހު ފަރުވާ ދިން އިރުވެސް އޭނާ ހެޔެއް ނާރަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ދައުލަތުން ބުނެފައި ވަނީ ނަދީމްގެ ސިކުނޑީގެ އެއްބައި ބޮލުގެ ނާށިގަނޑުން ބޭރަށް ނިކުމެފައިވާ ކަމަށާއި ސިކުނޑި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.