އަދާލަތު ޕާޓީ

ސިވިލް ސާވިސް މުވައްޒަފުން މަދުކުރާތީ އަދާލަތުން ކޮންބޮޑުވެއްޖެ

ސިވިލް ސާވިސްގެ މުވައްޒަފުން މަދުކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭތީ ކަންބޮޑުވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މުވައްޒަފުންގެ އަދަދު މަދުކޮށްގެން އެކަނި ކަމަށް ސަރުކާރުން ބުނާ ވާހަކައަކީ އެ ޕާޓީއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ޕާޓީން ބުނަނީ މުވައްޒަފުން ވަކިކުރުމުގެ ސަބަބުން މެދުފަންތީގެ އާއިލާތައް ނިކަމެތިވާނެ ކަމަށެވެ.

އަދާލަތުގެ ބަޔާނުގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ވަކިކުރުމުން އިގްތިސާދީ ފަރަގު ބޮޑުވެ، ނިކަމެތިން އިތުރަށް ނިކަމެތި ވަމުން އަންނަ އައުން ހުއްޓުމެނެތި ކުރިއަށް ދާނެ ކަމުގެ ބިރު ހީވާ ކަމަށެވެ.

"އޭގެ ބަދަލުގައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާ، ބޭކާރުގޮތުގައި އެތައްގުނައަކަށް އިތުރުކުރަމުންދާ ސިޔާސީ މަގާމުތައް މަދުކޮށްގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސޭނެކަމުގައި މި ޕާޓީން ދެކެމެވެ." އަދާލަތުގެ ބަޔާނުގައި ވެއެވެ. އަދާލަތު ޕާޓީ ގަބޫލުކުރާ ގޮތުގައި ސިޔާސީ މަގާމުތައް މަދުކުރުމުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެއެވެ.

ސިވިލް ސާވިސް މުވައްޒަފުން މަދު ނުކުރުމަށް ސަރުކާރަށް ގޮވާލަމުން އަދާލަތުން ބުނީ ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެ، އަމިއްލަ ވިޔަފާރިތަކުގެ ތެރެއިންވެސް ވަޒީފާގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ، ސިވިލް ސާވިސް މުވައްޒަފުން މަދުކުރުމަށް ފިޔަވަޅުތައް އެޅުމުގެ ކުރިން ސިވިލް ސާވިސްގައި މިވަގުތު ތިބި މުވައްޒަފުން މަގުމަތިކޮށްލުމުގެ ބަދަލުގައި އެ މުވައްޒަފުންނަށް ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަން ވާނެކަމުގައި ދެކޭ ކަމަށެވެ.

ސިވިސްސާވިސް މުވައްޒަފުންގެ މުސާރަޔާ އިނާޔަތް ބޮޑު ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި އެހެން ނަމަވެސް ސިވިލްސާވަންޓުންގެ މުސާރައާ އިނާޔާތްތައް ބުޑުކުރެވޭނީ އޯވަ ސްޓާފް ވެފައިވުން ކުޑަކޮށް މުވައްޒަފުންގެ އަދަދު ލިމިޓް ކުރެވިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން އެމަނިކުފާނު ކުރެއްވި މަސައްކަތުން އެނގިވަޑައިގަތީ ސިވިލް ސާވިސްގައި މަސައްކަތްތަކާ އެކަށީގެންނުވާ އަދަދަކަށް މުވައްޒަފުން ތިބިކަން ކަމަށެވެ. އެކަމަކީ ސީއެސްސީ އިން ކުރަންޖެހޭ މުހިއްމު މަސައްކަތަކަށް ނުކުރެވި އޮތުމުގެ ނަތީޖާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގައި މުވައްޒަފުން އިތުރު ކަމަށް ނިންމައި 75 މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި މިއަދު ވަނީ ހަޅުތާލުކޮށްފައެވެ.