މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)، ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލައިފި އެވެ.
ޕެސްޓް ދޫކޮށްލާފައި މިވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ކުރިން ދީފައިވާ އަމުރަށް ހައިކޯޓުން ތާއީދުކޮށްފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ބައެއް ކަންކަން މުރާޖައާކުރުމަށްފަހު ޕެސްޓަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށްޓަކައި ދެ މަސް ދުވަހަށް އޭނާ ޖަލުން ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ. ޕެސްޓް ޖަލުން ދޫކޮށްލުމަށް އޭނާގެ ވަކީލުން މީގެކުރީގެ އަޑުއެހުންތަކުގައި ތަކުރާރުކޮށް އެދިފައިވެ އެެވެ. އެކަމަކު ދައުލަތުން ވަނީ ކުރީގެ އަޑުއެހުންތަކުގައިވެސް އަދި މިއަދުވެސް ޕެސްޓް ދޫކޮށްލަން ދެކޮޅު ހަދާފަ އެވެ.
ޕެސްޓުގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕެސްޓްގެ މައްޗަށް ދައުވާތައް ސާބިތުވެއްޖެނަމަ އުމުރު ދުވަހަށް ޖަލަށްލުމަށާއި ބޮޑު ޖޫރިމަނާއެއް ދެއްކުމަށް ހުކުމް ކުރާނެ އެވެެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ޕެސްޓަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ރަށްރަށަށް އެ ތަކެތި ސަޕްލައިކުރުމުގައި ހަަރަކާތްތެރިވާ މީހެކެވެ. ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރަން އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިކަން ފާހަގަކޮށްފަ އެވެ. އަދި ޕެސްޓްގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އެބައޮތް ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.
ދައުލަތުގެ ތުހުމަތުތަކަށް ޕެސްޓްގެ ވަކީލުން އިންކާރު ކުރެ އެވެ. ޕެސްޓުގެ ގާނޫނީ ވަކީލުން އޭނާގެ ދިފާއުގައި މީގެ ކުރީގެ ޝަރީއަތެއްގައި ވަނީ ޕެސްޓްގެ މިއުޒިކީ ކެރިއަރުގެ ވާހަކަތައް ދައްކާފަ އެވެ. ޕެސްޓުގެ މައްޗަށް މަސްތުވާތަކެތީގެ ފަސް ދައުވާއެއް އުފުލައިގެން އޭނާ ބަންދުކޮށްގެން ގެންގުޅުމަކީ އޭނާގެ އަބުރަށް ލިބޭ ހުތުރެއް ކަމަށާއި އަދި އެއީ އޭނާގެ ކެރިއަރަށް ގެއްލުންވާނެ ކަމެއް ކަމަށް ވަކީލުން ބުނެފައިވެ އެވެ.
ޕެސްޓްގެ އިތުރުން މަސްތުވާތަކެތީގެ މިމައްސަލައިގައި އެހެން ތިން މީހަކަށް ވެސް ދައުލަތުން ދައުވާ އުފުލާފައިވެ އެެވެ.