ރާއްޖެ ކުޅިވަރު

އިންތިޒާމްތައް ގޯސްވެގެން ކޯޗުން ރަތަށް

އިންޑިޔާގައި މާދަމާ ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ އިންތިޒާމްތައް ވަރަށް ގޯސްކަމަށް މުބާރާތުގައި ކުޅޭ ޓީމުތަކުގެ ކޯޗުން މިއަދު ބުނެފި އެވެ.

ކޯޗުންގެ މި ވާހަކަތަކާއެކު ޓްރިވެންޑްރަމުގެ ތާޖު ހޮޓަލުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސަށް ފަހު އިންޑިޔާގެ ކެރެލާ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިންނާއި ސާފުގެ އޮފިޝަލުން ހަމަނުޖެހެންވެސް ހިންގި އެވެ.

މިއަދުގެ ޕްރެސްކޮންފަރެންސްގައި އެންމެ ބޮޑަށް އިންތިޒާމްތަކަށް ފާޑުކިޔާފައިވަނީ އިންޑިޔާގެ ކޯޗު ހޮލެންޑްގެ ސްޓެފަން ކޮންސްޓަންޓައިން އެވެ.

"މި ގޮތަށް ހަތް ޓީމުގެ މުބާރާތެއް ނުބޭއްވޭނެ. ޕްރެކްޓިސް ކުރާނެ ދަނޑުތަކެއްނެތް. ހޮޓަލުގެ އިންތިޒާމްތައް، ޓްރާންސްޕޯޓް އެހެން ކަންކަން ވެސް ވަރަށް ދޯދިޔާކޮށް ހުރީ. އަހަރެން އިނިން (ހިލްޓަން) ހޮޓަލުގެ ލޮބީގައި ފަސްގަޑިއިރުވަންދެން ޗެކްއިން ނުވެވި. މިއީ ވަރަށް ބޮޑު ލަދުވެތިކަމެއް،" ކޯޗު ބުންޏެވެ.

ސްރީލަންކާގެ ކޯޗު ސަމްޕަތު ޕެރޭރާ ބުނީ ޕްރެކްޓިހަށް ދާން ކުޅުންތެރިން ތައްޔާރުވާތާ ދެ ގަޑިއިރު ފަހުން އެމީހުން ބަލާ ބަސްއަންނަ ކަމަށެވެ.

"އަހަރެން ޓީމު ޗެކް އައުޓް ވާން ވެގެން ކުޅުންތެރިން ކޮޓަރިތައް ދޫކޮށް ތަކެތި ހިފައިގެން ލޮބީ އައިތާ އެތައް އިރެއް ފަހުން ބުނީ ބަސް އަންނާނީ ދެ ގަޑިއިރު ފަހުން ކަމަށް. އަނެއްކާ ކުޅުންތެރިން ދާން ޖެހުނީ ކޮޓަރިތަކަށް. މިއީ ވަރަށް ބޮޑު މައްސަލައެއް،" ސަމްޕަރު ބުންޏެވެ.
ކޮންމެ ޓީމެއްގެ ވެސް ކޯޗާއި ކެޕްޓަން ބައިވެރިކޮށްގެން ބޭއްވި ޕްރެސް ކޮންފަރެންސް އަށް ނޭޕާލުން އައީ ގަޑިޖެހިގެންނެވެ.

"އަހަރެން ގަޑި ޖެހުނީ ދާން ވީ ހޮޓާ ނޭނގިގެން އެހެން ހޮޓަަލަކަށް ދެވުމުން. މިއީ އިންތިޒާމްތައް ހުރި ގޮތް. މި މުބާރާތުގެ އިންތިޒާމްތައް ގޯސް. ހޮޓާތައް ވެސް ރަނގަޅެއްނޫން،" ނޭޕާލްގެ ކޯޗު ބުންޏެވެ.

ރާއްޖޭގެ ޓީމު އިންޑިޔާ އަށް އަންނާނީ މިރޭ ދަންވަރު ކަމަށްވާތީވެ، ގައުމީ ކޯޗު ރިކީ ހާބަޓް އިންތިޒާމްތަކުގެ އެއްވެސް ވާހަކައެއްނުދައްކަ އެވެ.

މިހާތަނަށް އިންތިޒާމްތައް ގޯސްވެގެން އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ އަފްގާނިސްތާނުގެ ކޯޗު ޕީޓަރު ސެގަޓް އެވެ. ނަމަވެސް ކްރޮއޭޝިޔާގެ ކޯޗު މިއަދު ވާހަކަ ދެއްކީ ވަަރަށް މަޑުމައިތިރިކޮށެވެ.

"އިންތިޒާމްތައް ރަނގަޅެއްނޫން. ހޮޓާތަކުގެ އިންތިޒާމްތައް ޕްރެކްޓިސް ކުރަން ހަމަޖެހިފައިވާގޮތް ދެން މިހެންގޮސް ހުރިހާ ކަމެއް ގޯސް. އެކަމަކު އިންޑީޔާ މީހުންގެ ފަރާތުން ލިބެނީ ވަރަށް ބޮޑު އެއްބާރުލުމެއް. އެމީހުން ވަރަށް ރަހުމަތްތެރި،" ކޯޗު ބުންޏެވެ.

ސާގެޓްގެ ބަސްމަގު މިގޮތަށް ބެހެއްޓިއިރު އެ ޓީމުގެ ދެ ކުޅުންތެރިއަކު އެނދުން ވެއްޓުނު ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މުބާރާތުގައި ވާޑަކުރާ ހަތް ޓީމުގެ ތެރެއިން ތިން ޓީމު ތިބެނީ ފަސްތަރީގެ ހިލްޓަން ހޮޓަލުގަ އެވެ. އެތަނާމެދު ހިތްހަމަނުޖެހިގެން ހުރިހާ ޓީމަކުން ވެސް ބޭނުންވަނީ ތާޖް ހޮޓަލަށް ބަދަލުވާށެވެ. ނަމަވެސް ބޫޓާނާއި ރާއްޖެ އަދި ބަނގްލަދޭޝް ބައިތިއްބަން ނިންމާފައިވާ ހޮޓަަލަށް އަމިއްލަ ގޮތުން ސްރީލަންކާ ބަދަލުވުމުން ހޮޓަލަށް ވަނީ ބާރުބޮޑުވެފަ އެވެ.

ކޯޗުން މިއަދު ފާހަގަކުރި އަނެއް މައްސަލައަކީ މުބާރާތް ބާއްވާ ޓްރިވެންޑްރަމުގެ ގްރީންފީލްޑް އިންޓަނޭޝަނަލް ސްޓޭޑިއަމް ޕްރެކްޓިސް ކުރަން ނުލިބޭ މައްސަލަ އެވެ.