އިންޑިޔާގައި މާދަމާ ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ އިންތިޒާމްތައް ކަޑަވަގެން މުބާރާތް އިންތިޒާމްކުރާ ސާފް އާއި އިންޑިޔާގެ ކެރެލާ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލުން މިއަދު ތާޖް ހޮޓަލުގައި ހަމަނުޖެހުން ހިންގައިފި އެވެ.
މައްސަލަ ގޯސްވީ މިއަދު މެންދުރު ފަހު ބޭއްވި ކެއުމަށަފަހު ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން އިންތިޒާމްކުރި ޕްރީ މެޗު ޕްރެސް ކޮންފަރެންސްް ނިމުމުން ސާފް ކުށްވެރިކުރަން ކެރެލާ ފެޑަރޭޝަނުން ޕްރެސްކޮންފަރެންސް ބޭއްވަން ފެށުމުންނެވެ. މިކަމާހެދި ޓީމުތަކުގެ ޕްރެސް އަށް ފަހު ބާއްވަން އުޅުނު ރަސްމީ ފޮޓޯ ސެޝަން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އިންޑިޔާގެ ކެރެލާ ޑިސްޓްރިކްޓް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ވީ ސިވަން ކުއްޓޭ އިސްވެ ހުންވައިގެން ތަމަޅަ ބަހުން ކުރިއަށް ގެންދިޔަ ޕްރެސްކޮންފަރެސް ފެށުމާއެކު ސާފުގެ މީޑިޔާ އޮފިޝަލް ސަންޖީތާ ވަނީ މައިކުގެ އަޑު ކަނޑާލައިފަ އެވެ.
މިއާއެކު ދެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކޮށް، އަޑުގަދަކޮށް ޒުވާބު ކޮށް ގަޔަށް އަތްނުލީ ކިރިޔާ އެވެ. ފަހުން މައިކަށް އަޑުދިނީ ސިވަންކުއްޓޭ އަޑުހަރުކުރައްވައި ސާފް ޖެނެރަލް ސެކްރެޓަރީއާ ދިމާކޮށްލުވުމުންނެވެ.
ގާތްގަނޑަކަށް 25 މިނިޓަށް ބޭއްވި ޕްރެސްކޮންފަރެންސަށް ފަހު ވެސް ސެވަންކުއްޓޭ އާއި ސާފުގެ އިސް އޮފިޝަލުން ހޮޓަލުގެ ލޮބީގައި ވެސް ޒުވާބުކުރި އެވެ.
ޕްރެސްއަށް ފަހު އަވަސްއާ ވާހަކަ ދައްކަމުން ސެވަންކުއްޓޭ ވިދާޅުވީ ސާކް ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އިންތިޒާމްތައް ގޯސްވެގެން އުޅެނީ ސާފު އާއި ވޯލްޑް ސްޕޯޓްސް ގްރޫޕުގެ ސަބަބުން ކަމަށެވެ.
"އަހަރުމެން މީގެ ދެ މަސްކުރިން ބަޖެޓް ހަދާފައި ސާފަށް ފޮނުވިން. މުބާރާތުގެ އިންތިޒާމްތައް ކުރިއަށް ގެންދަނީ މިއިވެންޓް މެނޭޖްކުރާ ފަރާތުން (ވޯލްޑް ސްޕޯޓްސް ގްރޫޕުން). އަަރުމެންނަށް އެއްވެސް ރޯލެއްނެތް. އަހަރުމެން މިހާތަނަށް މަސައްކަތްކުރީ ހިލޭ ސާބަހަށް. އަހަރުމެންގެ ބެލެނެވެރި ފަރާތް (އޯލް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަނުން) ވެސް އަހަރުމެންނަށް އެއްވެސް ފައިސާއެއްނުދޭ. މުބާރާތުގެ ޓްރާންސްޕޯޓާއި އެކޮމޮޑޭޝަނާއި ސެކިއުރިޓީ އާއި ޕްރެކްޓިސް ކުރާނެ ދަނޑު ހަމަޖެއްސުމާއި އެހެންހުރިހާ ކަމެއް ވެސް ކުރަންޖެހޭ ބަޔަކީ އިވެންޓް މެނޭޖްމަންޓް ގްރޫޕް. އަހަރުމެން ކުށްވެރިކުރާނެ ކަމެއްނެތް މިކަމުގައި،" ސިވަން ކުއްޓޭ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ތާޖް ހޮޓަލަށް އޭނާ މިއަދު ވަޑައިގަތީ އިންތިޒާމްތަކުގެ މައްސަލާގައި އިންޑިޔާ އަށް ފާޑުކިއުން އަމާޒުވެމުންދާތީވެ އެކަން ސާފުކޮށްދޭން ޕްރެސް ދެއްވަން ތައްޔާރުވެވަޑައިގެން ކަމަށާއި ނަމަވެސް މީޑިޔާއާ ބައްދަލުކުރަން ބޭނުންކަމަށް ބުނުުމުން ސާފުން އެ ފުރުސަތު ދޭން ބޭނުންނުވި ކަމަށެވެ. ޓީމުގެ ތަކުގެ ޕްރީމެޗު ޕްރެސް ނިމުމުން އޭނާ ތާޖް ހޮޓަލުގެ ބޯލްރޫމުގެ ހޯލަށް ވަޑައިގެން އަމިއްލަ ފުޅަށް ޕްރެސް ފެއްޓެވީ ސާފުން އެއްބާރުލުން ނުދިނުމުން ކަމަށް ވެސް ކެރެލާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ސިވަންކުއްޓޭ ވިދާޅުވި އެވެ.
މާދަމާ ފަށާ މުބާރާތުގެ ޕްރީ މެޗު ޕްރެސްކޮންފަރެންސްގައި ނޫސްވެރިން އެންމެ ބޮޑަށް ކޮށްފައިވަނީ އިންތިޒާމްތަކާ ބެހޭ ސުވާލެވެ. އަދި މުބާރާތުގައި ވާދަކުރާ ހަތް ގައުމުގެ ކޯޗުން ވެސް އިންތިޒާމްތައް ވަރަށް ގޯސް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އިންތިޒާމްތަކަށް ކޯޗުން ތަކުރާރުކޮށް ފާޑުކިޔަން ފެށުމުން އިންޑިޔާގެ ނޫސްވެރިއަކު ވަނީ ސާފުގެ އިސް އޮފިޝަލުން ކޯޗުންގެ ޝަކުވާ އަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ޕްރެސް ކޮންފަރެންސް މޮޑެރޭޓް ކުރަމުންދިޔަ ވޯލްޑް ސްޕޯޓްސް ގްރޫޕުގެ ސަންޖީތާ އޭނާ ހުއްޓުވުމުން ޕްރެސް އަށް ފަހު ސާފުގެ އޮފިޝަލަކާ ބައްދަލުކުރެވޭތޯ އާއި ޕްރީ މެޗު ޕްރެސްއަށްފަހު ސާފުން އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާބެހޭ ގޮތުން މީޑިޔާ އަށް މައުލޫމާތުދެއްވާނެތޯ އޭނާ ތަކުރާރުކޮށް ސުވާލުކުރި އެެވެ.
ޖަވާބުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިހުރެ ސަންޖީތާ ބުނީ އެ ޕްރެސްކޮންފަރެންސްގައި ސުވާލު ކުރެވޭނީ ޓީމުތަކުގެ ތައްޔާރުވުންތަކާމެދު އެކަނި ކަމަށެވެ.
"އެހެންކަންތަކާ ގުޅޭގޮތުން ޕްރެސް ނިމުނީމަ މިތަނުން ބޭރުގައި ވަކިން ސުވާލު ކުރަންވީ. މިތަނުގައި ސުވާލު ކުރެވޭނީ ހަމައެކަނި ޓީމުތަކާ. މިއީ ޕްރީ މެޗު ޕްރެސް ކޮންފަރެންސް،" ސަންޖީތާ ބުންޏެވެ.
މުބާރާތުގެ އިންތިޒާމްތައް ގޯސްވެ މައްސަލަ ގޯހުން ގޯހަށް ބަދަލުވެފައިވާއިރު އިންޑިޔާގައި 1999 އަހަރު ބޭއްވި މުބާރާތަކީ މިހާތަނަށް އެންމެ އިންތިޒާމްތައް ގޯސް މުބާރާތެވެ.