ހުޅުމާލެ

ހުޅުމާލޭގެ ދަތުރުތަކަށް ހާއްސަ ކުންފުނީގެ މަސައްކަތް އަންނަ އަހަރު ފަށަނީ

މާލެ/ހުޅުމާލޭގެ ދަތުރުފަތުރު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެމްޓީސީސީ އާއި އެމްޕީއެލް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފެއްދި ޖޮއިންޓް ވެންޗާ ކުންފުނީގެ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ހުޅުމާލެއަށް އާ ދެ ބަސް ތައާރަފުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވީ، ޖޮއިންޓް ވެންޗާ ކުންފުނީގެ ބަޖެޓްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރުގެ ބިޒްނަސް ޕްލޭން ނިމިފައިވާ ކަމަށެވެ. "އުއްމީދަކީ އަންނަ ޖެނުއަރީ މަހު އެ ކުންފުނި ވެސް ފަންކްޝަންކުރެވިގެންދާނެ ކަމަށް،"

އެ ކުންފުންޏަކީ ހުޅުމާލެ އާއި މާލެ އާ ދެމެދު ކުރާ ދަތުތަކާއި ބަހުގެ ހިދުމަތްތައް ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުމުގެ މަގުސަދުގައި ހެދި ކުންފުންޏެކެވެ.

ކުންފުނި އުފައްދާފައިވަނީ އެމްޓީސީސީ، އެޗްޑީސީ އަދި އެމްޕީއެލްއަށް ހަމަހަމައަށް ހިއްސާވާގޮތަށެވެ. މިކުންފުންޏަށް ސަރުކާރުން ވަނީ ރައުސޫމާލަށް 150 މިލިއަން ރުފިޔާ ދީފައެވެ. އޭގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ހަަމަޖައްސާފައި ވަނީ 33.3 ޕަސެންޓް ހިއްސާ އެވެ.