އިންޑިއާ ސަރުކާރުން ދިވެހި ފުލުހުންގެ މުއައްސަސާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މިހާރު ވެސް އެއްބާރުލުން ދެމުން ގެންދާ ގޮތަށް ކުރިއަށް އޮތްތާވެސް އެ އެއްބާރުލުން ދެމުންގެންދާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ރަޖީވް ސަހާރޭ ވިދާޅުވެއްޖެެއެވެ.
ރަޖީވް ސަހާރޭ މިހެން ވިދާޅުވެފައިވަނީ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއެކު މިއަދު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން ފުލުހުންގެ މުއައްސަސާގެ އިންސާނީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރަގީކުރުމަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ދެމުންދާނެކަމަށް ވިދާޅުވިއެވެ.
ސީޕީ ޢަހުމަދު އަރީފް މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރުވައި ތަރައްގީ ކުރުމަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ރަޖީވް ސަހާރޭ ވަނީ އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ އައިޕީއެސް އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގައި ބައިވެރިވާ ދިވެހި ހަތަރު ފުލުހުންނަށް ޓިކެޓާއި ކޯހުގެ އިރުޝާދުތައް ހަވާލުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ސީޕީ އަރީފް އާއި ސަފީރު ރަޖީވް ޝަހާރޭގެ އިތުރުން ކޮމިޝަނަރސް ބިއުރޯގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އިންޑިއަން ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ބައިވެރިވެލެއްވިއެވެ.